ރިފަންޑެއް ދޭން ކަމަށް ބުނެ ބުކިން ޑޮޓްކޮމްގެ ނަމުގައި ސްކޭމެއް ހިންގާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އެދިއްޖެއެވެ.
އެންޓި ސްކޭމް ސެންޓަރުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ބުކިން ޑޮޓްކޮމްގެ ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލުމަށް އައު ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާ ކަމަށެވެ.
އަދި އެ މެސެޖުތަކަކީ ރީފަންޑެއް ދޭންކަމަށް ބުނެ ކާޑުގެ މައުލޫމާތުތައް ވަގަށް ނެގުމަށް ސްކޭމަރުން ފޮނުވާ ފިޝިން ލިންކުތަކެއް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އެގޮތަށް ފޮނުވަމުންދާ މެސެޖުގައި ވަނީ ރިފަންޑުގެ ގޮތުގައި ދޭން ހަމަޖެހިފައިވާ ރުފިޔާ ރެޑީކުރެވިފައިވާ ކަމަށާއި އެ ފައިސާ ޓްރާންސްފާ ކުރުމަށް 24 ގަޑިއިރުގެ ތެރޭގައި ކާޑުގެ މައުލޫމާތު ހިއްސާކުރުމަށެވެ.
ފުލުހުން ވަނީ އެ މެސެޖުގައިވާ ލިންކަށް ނުފިއްތުމަށާއި އޯޓީޕީއާއި ކާޑުގެ މައުލޫމާތު އެއްވެސް ފަރާތަކާއި ހިއްސާނުކުރުމަށް އެދިފައެވެ. އަދި އެ މައުލޫމާތުގެ ސައްހަކަށް ކަށަވަރުކުރުމަށް ރަސްމީ އެޕްލިކޭޝަން ނުވަތަ ވެބްސައިޓް މެދުވެރިކޮށް ޗެކްކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އަދި ފުލުހުން ކޮށްފައިވާ ޕޯސްޓް ޝެއާކޮށް އެހެން ބޭފުޅުން އެކަމުން ސަލާމަތްކުރުމަށް ފުލުހުން ވަނީ އެދިފައެވެ.