ކުޑަކުދިން ލައްވާ ޑުރަގު ވިއްކިކަމުގެ ތުހުމަތުގައި ވިލިނގިލިން ދެ މީހަކު ހައްޔަރުކޮށްފި

ކުޑަކުދިން ލައްވާ ޑުރަގު ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން --- ފޮޓޯ: ފުލުހުން

ކުޑަކުދިން ލައްވާ މަސްތުވާތަކެތީގެ ވިޔަފާރި ކުރުވި ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން މިދިޔަ ބުރާސްފަތި ދުވަހު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ވިލިނގިލިން ދެ މީހަކު ހައްޔަރުކުރީ، ކުޑަކުދިން ބައިވެރިކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އަމާޒުކޮށް އެ ރަށު ފުލުހުންނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަނުގެ ދަށުން ވިލިނގިލީގެ ހަތަރު ގެއެއް ބަލައި ފާސްކޮށް، 67 ގުރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ 54 ގުރާމްގެ ބްރައުން ޝުގާ އާއި 13 ގުރާމުގެ މެތަމްފެޓަމައިން ކަމަށް، ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އެ ރަށު އެތެންސް، މުޙައްމަދު ޢަޠޫފް ޙަބީބް (25އ) އާއި ދެތަޑިމާގެ، މުޙައްމަދު ރާއިފް ޙުސައިން (20އ) ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އޭގެ ތެރެއިން ރާއިފްގެ ބަންދަށް 10 ދުވަސް ޖަހައިފައިވާއިރު ޢަޠޫފް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް، ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ ދެ މީހުންނަކީ އެ ނެޓުވޯކުގައި އިސްކޮށް ހަރަކާތްތެރިވި ދެ މީހުން ކަމަށެވެ.

ވިލިނގިލީ ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ވަރަށް ބޮޑުވެފައިވާއިރު، ކުޑަކުދިން މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިކުރުމުގެ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ.

ގއ. ވިލިނގިލީގައި ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަނުގައި އެ ރަށުގެ ހަތަރު ގެއެއް ބަލައި ފާސްކޮށް، 67 ގްރާމްގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ފުލުހުން ތުހުމަތުކުރާ 25 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެކެވެ. ކޯޓުން ވަނީ މީގެ ތެރެއިން އެކެއްގެ ބަންދަށް 15 ދުވަސް އަދި އަނެކެއްގެ ބަންދަށް 10 ދުވަސް ޖަހާފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

  • ގއ. ވިލިނގިލީގައި ހިންގި އޮޕަރޭޝަނެއްގައި، ކުޑަކުދިން ލައްވާ މަސްތުވާތަކެތި ވިއްކުވިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި.
  • ހަތަރު ގެއެއް ބަލައި ފާސްކޮށް، 54 ގްރާމްގެ ބްރައުން ޝުގަރ އަދި 13 ގްރާމްގެ މެތަމްފެޓަމައިން ވަނީ އަތުލައިގަނެފައި.
  • ހައްޔަރުކޮށްފައިވަނީ މުޙައްމަދު ޢަޠޫފް ޙަބީބް (25އ) އަދި މުޙައްމަދު ރާއިފް ޙުސައިން (20އ).
  • ޢަޠޫފް 15 ދުވަހަށް އަދި ރާއިފް 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި.
  • މިއީ މި ނެޓްވޯކުގައި އިސްކޮށް އުޅޭ ދެ މީހުން ކަމަށް ފުލުހުން މަޢުލޫމާތުދޭ.
comment ކޮމެންޓް