ރާއްޖޭގައި ވެސް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްތަކަކަށް ނުވަދެވޭ ގޮތަށް މަނާކުރަން ގަސްދުކުރައްވާ ކަމަށާއި، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އެކަން ތަންފީޒުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ނިންމުމަކީ ކުޑަކުދިންގެ ރައްކާތެރިކަމަށް ޓަކައި އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމީ އޮސްޓްރޭލިއާ ސަރުކާރުން މިހާރު މި ކަމުގައި ގެންގުޅޭ މިސާލަށް ބަލައިގެންނެވެ.
ފުރާވަރުގެ ކުދިން ސޯޝަލް މީޑިއާގެ ސަބަބުން ނުރަނގަޅު ކަންކަމަށް ހުށަހެޅެމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސައިބާ ބުލީ ކުރުމާއި، އޮންލައިން ގްރޫމިންގެ އިތުރުން ނުރައްކާތެރި ކޮންޓެންޓްތަކަށް ކުދިން ހުށަހެޅުމަކީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.
ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށްވާއިރު، ދިވެހި ކުދިން މިފަދަ ނުރައްކާތަކުން ސަލާމަތްކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަސައްކަތް ކާމިޔާބުކުރުމަށް ޓަކައި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ކަމާބެހޭ ދާއިރާތަކުގެ އިތުރުން އާންމުންގެ ޚިޔާލާއި މަޝްވަރާ ވެސް މިކަމުގައި ހޯދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"މި ކަމުގައި އޮސްޓްރޭލިއާއިން އަޅިފައިވާ ފިޔަވަޅުތައް އެއީ ރަނގަޅު މިންގަނޑެއް ކަމުގައި ދެކެން. އެހެންވީމާ އޮސްޓްރޭލިއާއިން އަޅައިފައިވާ ފިޔަވަޅުތަކުގެ އަލީގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުކަމުގައި ވިޔަސް އަދި ސޯޝަލް މީޑިއާގެ އެޕްތައް ބޭނުންކުރާ، ހިންގާ ކުންފުނިތަކާ މުއާމަލާތްކުރަންޖެހޭ ކަންތައްތަކުގައި ވިޔަސް، އޮސްޓްރޭލިއާގެ މިންގަނޑުތައް ބޭނުންކުރެވޭނެ ގޮތެއް ރާއްޖޭގައި ތައާރަފްކުރެވޭނެ ގޮތެއް ހެދުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ގަސްތުކުރަން،"
އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ވަނީ ހަރުކަށި ގާނޫނެއް ފާސްކޮށްފައެވެ.
މި ގާނޫނުގެ ދަށުން ޓިކްޓޮކް، ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ވަސީލަތްތައް ކުޑަކުދިންނަށް ބޭނުން ނުކުރެވޭނެއެވެ. ނަމަވެސް މެސެޖުކުރުމަށް ބޭނުންކުރާ އެޕްތަކާއި ގޭމް ކުޅޭ ޕްލެޓްފޯމްތައް މީގެ ތެރޭގައި ނުހިމެނެއެވެ.
މި ގަވާއިދާ ހިލާފުވާ ކުންފުނިތައް 49.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭއިރު، އުމުރު ކަށަވަރު ކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުން ވަނީ މަޖުބޫރުކޮށްފައެވެ.
މިހާތަނަށް މިލިއަނަކަށްވުރެ ގިނަ އެކައުންޓްތައް ބަންދުކޮށްފައިވާއިރު، ބައެއް ކުންފުނިތަކުން ދަނީ މި ގާނޫނަކީ އަމިއްލަ މިނިވަންކަމަށް އޮތް ހުރަހެއް ކަމަށް ބުނެ ކޯޓުގައި ވަކާލާތު ކުރަމުންނެވެ.
މި ގާނޫނުން އުމުރުން ހަގު ކުދިން މިފަދަ ވަސީލަތްތަކުން ދުރުހެލިކުރުމުގެ މުޅި ގާނޫނީ ޒިންމާ ބެލެނިވެރިންގެ ބަދަލުގައި، އަޅުވައިފައިވަނީ ޓެކްނޮލޮޖީ ކުންފުނިތަކުގައެވެ.