މަޖިލީހުގެ ނައިބު ރައީސްކަމަށް ކުރިމަތިލައްވަނީ ޕީއެންސީން ސަލީމް، އެމްޑީޕީން ފިއްޓޭ

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ނައިބު ރައީސްކަމަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، އަދި އެމްޑީގެ ފަރާތުން ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ)ގެ ނަން ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިއްޔެ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޕީއެންސީގެ ފަރާތުން ސަލީމްގެ ނަން ހުށަހެޅުއްވީ އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙެވެ. އެމްޑީޕީގެ ފަރާތުން ޒިޔާދުގެ ނަން ހުށަހެޅުއްވީ އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ.

މަޖިލީހުގެ އައު ނައިބު ރައީސް އިންތިޚާބުކުރުމުގެ ކަންކަން ކުރިއަށްދާ ގޮތް ބެލެހެއްޓުމަށް ޓަކައި ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވައިލިއެވެ.

އެއީ ޕީއެންސީގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކާއި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުގެ އިތުރުން، އެމްޑީޕީގެ ފަރާތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލާއި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް އިއްޔެ އިސްތިއުފާދެއްވައިފައިވަނީ، ނާޒިމްގެ މައްޗަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ސޮއިކޮށް، އިތުބާރު ނެތް ކަމަށް ހުށަހަޅައި، އޭނާ ވަކިކުރަން އިއްޔެ ތާވަލުވެސް ކޮށްފައި ވަނިކޮށެވެ.

ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ފިޔަވައި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ހުރިހާ މެންބަރުން ސޮއިކޮށް، ނާޒިމްގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅި ގަރާރުގައިވަނީ، މަގާމުގައި ހުރެ ނާޒިމް ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަތު ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަމަކު، ބޮޑު ތިން ތުހުމަތުކުރީ ކީއްވެ ކަމެއް އެ ގަރާރުގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.

https://sun.mv/222663

އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ނާޒިމް ނެރުއްވި ބަޔާނުގައި، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ވަނީ ދޮގުކުރައްވައިފައެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، އޭނާ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގައި ބަޔާންކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ނެތެވެ. އަދި މަޖިލީހުގެ ގަވާއިދާ ޚިލާފުވެފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް މީގެ ކުރިން އެއްވެސް މެންބަރަކު ނުވަތަ މުއައްސަސާއަކުން އުފުލާފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ނާޒިމް މަގާމުން ވަކިކުރަން ޕީއެންސީން ނިންމީ އޭނާއާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ގުޅުން ގޯސްވެފައިވާ ކަމަށް ބެލެވޭ ދުވަސްވަރެއްގައެވެ. އެގޮތުން ޕީއެންސީގެ މަޖިލީސް މެންބަރުންނާ އެކު ރައީސް މުއިއްޒު ހައްދަވާފައިވާ ވަޓްސްއެޕް ގްރޫޕުން ވެސް މި މަހުގެ ތެރޭގައި ނާޒިމް ވަނީ ބޭރުކޮށްލައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އައު ދައުރު ފެށުމާއެކު، މަޖިލީހުގެ ދެވަނަ ނައިބު ރައީސްގެ މަޤާމަށް ބޭފުޅުން އައްޔަނުކުރުމުގެ މަރުޙަލާ ވަނީ ފެށިފައެވެ. މިގޮތުން، ސަރުކާރު ތަމްސީލުކުރާ މައި ޕާޓީ ކަމަށްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމްގެ ނަންފުޅު ވަނީ ރަސްމީކޮށް ހުށަހަޅާފައެވެ. ހަމައެއާއެކު، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މި މަޤާމަށް ވާދަކުރެއްވުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވަނީ ކަނޑައަޅާފައެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި މަޖިލީހުން ހާމަކުރަމުން ގެންދާނެއެވެ.

  • ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ނައިބު ރައީސްކަމަށް މެންބަރުން ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދެއެވެ.
  • ވެރިކަންކުރާ ޕީއެންސީން ނޮމިނޭޓްކޮށްފައިވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމްއެވެ.
  • އިދިކޮޅު އެމްޑީޕީން ނޮމިނޭޓްކޮށްފައިވަނީ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދުއެވެ.
  • މި މަޤާމަށް އައްޔަނުކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ކުރިއަށް އޮތް ތަނުގައި މަޖިލީހުގައި ގޮތެއް ނިންމާނެއެވެ.
comment ކޮމެންޓް