2030ގެ ވޯލްޑް ކަޕުގައި ރޮނާލްޑޯ ކުޅޭނެ، އެއްވެސް ޝައްކެއް ނެތް: ރޮބާޓޯ މާޓިނޭޒް

ކްރިންޓީއާނޯ ރޮނާލްޑޯ އާއި ޕޯޗުގަލް ކޯޗް ރޮބާޓޯ މާޓިނޭޒް... ފޮޓޯ/ ބީން ސްޕޯޓްސް

ޕޯޗުގަލް، ސްޕެއިން އަދި މޮރޮކޯގައި 2030 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެކަމާ މެދު އެއްވެސް މީހަކު ޝައްކުކޮށްގެން ނުވާނެ ކަމަށް ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

ދެހާސް ތިރީސް ވަނަ އަހަރުގެ މުބާރާތް ބާއްވާއިރު ރޮނާލްޑޯއަށް ހުންނާނީ 45 އަހަރު ފުރިފައެވެ.

ކަޑޭނާ ސާ ރޭޑިއޯއަށް ދިން އިންޓަވިއުއެއްގައި މާޓިނޭޒް ބުނީ، 2030 ގައި ރޮނާލްޑޯ ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އޭނާ ވަނީ އެ ފުރުސަތު ހޯދާފައި ކަމަށެވެ.

"އޭނާއަށް [2030ގެ ވޯލްޑް ކަޕުގައި] ކުޅެވިދާނެ ކަމާ މެދު އެއްވެސް މީހަކު ޝައްކުކޮށްގެން ނުވާނެ. އޭނާ ވަނީ އެ ޝަރަފު ހޯދާފައި،" މާޓިނޭޒް ބުންޏެވެ.

ރޮނާލްޑޯއަކީ މިހާތަނަށް ޕޯޗުގަލްގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ޕޯޗުގަލް ގައުމީ ޓީމަށް ކުޅެދިން 226 މެޗުގައި 143 ލަނޑު ޖަހައިދީފައެވެ.

މާޓިނޭޒް އިތުރަށް ފާހަގަކުރި ގޮތުގައި ރޮނާލްޑޯގެ ކާމިޔާބީގެ ސިއްރަކީ އޭނާގެ ތަފާތު މެންޓަލިޓީ ނުވަތަ ވިސްނުމެވެ. ޗެމްޕިއަންސް ލީގާއި ބެލޮންޑިއޯ ފަދަ ބޮޑެތި ކާމިޔާބީތަކަށް ފަހު ގިނަ ކުޅުންތެރިންގެ ކުޅުމުގެ ޝައުގުވެރިކަން ކުޑަވި ނަމަވެސް، ރޮނާލްޑޯގެ ކިބައިން ފެންނަނީ މުޅިން ތަފާތު މަންޒަރެއް ކަމަށް އޭނާ ބުންޏެވެ.

ރޮނާލްޑޯ އޭނާގެ ފިޒިކަލް ފިޓް އެންމެ ރަނގަޅަށް ބެލެހެއްޓުމާއި، އެކަމަށް ކުރާ ބުރަ މަސައްކަތަކީ އޭނާ ގިނަ ދުވަހު ކުޅުމުގައި ދެމިހުރުމަށް އެހީތެރިވާ ކަންކަން ކަމަށް މާޓިނޭޒް ބުންޏެވެ.

އަންނަ މަހު ފެށޭ ވޯލްޑް ކަޕަށް ރޮނާލްޑޯ ނެގީ އޭނާގެ ނަމަށް ބަލާފައި ނޫން ކަމަށާއި، އޭނާގެ ކުޅުމަށް ބަލާފައި ކަމަށް މާޓިނޭޒް ބުންޏެވެ. މާޓިނޭޒްގެ އިރުޝާދުގެ ދަށުން ކުޅުނު 23 މެޗުގައި ރޮނާލްޑޯ ވަނީ 16 ލަނޑު ޖަހާފައެވެ. މި ފަހަރުގެ މުބާރާތް ވާނީ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީގެ ހަ ވަނަ ވޯލްޑް ކަޕަށެވެ.

މި މުބާރާތާ ގުޅޭގޮތުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވަނީ އޭނާގެ ޓީމަށް އިންޒާރެއް ދީފައެވެ. ފްރާންސަކީ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޓީމަކަށް ވިޔަސް، މާ ބޮޑަށް އިތުބާރު ބޮޑުނުކުރުމަށް އޭނާ އެދިފައިވެއެވެ.

ގޯލްޑްމަން ސެކްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑީ ސްޕެއިން އަށެވެ. ޕޯޗުގަލް އާއި އާޖެންޓީނާއަށް މި ފަހަރުގެ މުބާރާތް ކާމިޔާބުކުރެވޭނެ ކަަމުގެ ފުރުސަތު ކުޑަކަމަށް ވަނީ ދައްކާފައިއެވެ.

ޕޯޗުގަލް، ސްޕެއިން އަދި މޮރޮކޯ ގުޅިގެން 2030 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމަށް ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ ބުނެފައެވެ. އެ މުބާރާތް އަންނައިރު ރޮނާލްޑޯއަށް 45 އަހަރު ފުރޭނެ ނަމަވެސް، އޭނާގެ ހަށިގަނޑުގެ ފިޓްނަސް ހިފެހެއްޓުމަށް ކުރާ ބުރަ މަސައްކަތާއި، މެޗުތަކުން މޮޅުވުމަށް ގެންގުޅޭ ތަފާތު ވިސްނުމުގެ ސަބަބުން އެ ޝަރަފު އޭނާއަށް ހައްގުކަމަށް ކޯޗު ފާހަގަކުރިއެވެ. ޕޯޗުގަލްގެ ގައުމީ ޓީމަށް 226 މެޗު ކުޅެދީ 143 ލަނޑު ޖަހައިދީފައިވާ ރޮނާލްޑޯ، ކުރިއަށް އޮތް ވޯލްޑް ކަޕަށްވެސް ނަގާފައިވަނީ ހަމައެކަނި އޭނާގެ މަޝްހޫރުކަމަށް ބިނާކޮށެއް ނޫނެވެ. އޭނާގެ މޮޅު ކުޅުމަށް ބަލައިގެންނެވެ. މީގެ އިތުރުން، މިއަހަރުގެ މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު އެންމެ ބޮޑީ ސްޕެއިންއަށް ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، ފްރާންސްގެ ކޯޗު ވަނީ މާބޮޑަށް އިތުބާރު ނުކުރުމަށް އޭނާގެ ޓީމަށް އިންޒާރުދީފައެވެ.

  • 2030 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އުމުރުން 45 އަހަރުގައި ރޮނާލްޑޯ ކުޅުމަކީ ޔަގީންކަމާ ގާތްކުރާ ކަމެއްކަމަށް ކޯޗު ބުނުން.
  • ރޮނާލްޑޯގެ ކާމިޔާބީގެ މައިގަނޑު ސިއްރަކީ އޭނާގެ ފިޒިކަލް ފިޓްނަސް ދެމެހެއްޓުމާއި މޮޅު މެންޓަލިޓީ ދެމެހެއްޓުން.
  • ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ތާރީޚުގައި އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ.
  • ކުރިއަށް އޮތް ވޯލްޑް ކަޕް ކާމިޔާބުކުރާނެ ކަމަށް ތަފާސްހިސާބުތަކުން އެންމެ ކުރީގައި އުޅެނީ ސްޕެއިން.
comment ކޮމެންޓް