ރަންވީރާ ދެކޮޅަށް އެޅި ފިޔަވަޅާ ގުޅިގެން އެކްޓަރު ނިންމީ ހަނު ހުންނަން

ފިލްމު "ޑޮން 3"ގެ ޑައިރެކްޓަރު ފަރުހާން އަހްތަރު އަދި ރަންވީރު ސިންގް--ފޮޓޯ/ބޮލީވުޑްހަންގާމާ

ޑައިރެކްޓަރު ފަރުހާން އަހުތަރުގެ ފިލްމު 'ޑޮން 3'އިން އެކްޓަރު ރަންވީރު ސިންގް ވަކިވި ކަމަށް ބުނާ ހަބަރުތަކާ ގުޅިގެން، 'ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯއީޒް' (އެފްޑަބްލިއުއައިސީއީ)އިން ރަންވީރާ ދެކޮޅަށް އެޅި ފިޔަވަޅަށް، އެކްޓަރުގެ ފަރާތުން ރަސްމީކޮށް ޖަވާބުދީފިއެވެ.

ރަންވީރުގެ ރަސްމީ ތަރުޖަމާނު ސޯޝަލް މީޑިއާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ވަނީ، އިންޓަނެޓުގައި މިކަމާ ގުޅޭގޮތުން ބަހުސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ރަންވީރު އެކަމާ މެދު ދެކޭގޮތް ބަޔާންކޮށްދޭން ބޭނުންވާ ކަމަށް ބުނެފައެވެ.

އެގޮތުން މިހާތަނަށް ރަންވީރު ހަނު ހުރީ މި ފިލްމާ ގުޅުންހުރި އެންމެހާ ފަރާތްތަކަށް ކުރާ އިހުތިރާމެއްގެ ސަބަބުން، ގަސްދުގައި ކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

"ރަންވީރަކީ ފިލްމީ ދާއިރާގެ މަސައްކަތްތެރިންނަށާއި 'ޑޮން' ފްރެންޗައިޒްއާ ގުޅުންހުރި އެންމެހާ ފަރާތްތަކަށް ނުހަނު އިހުތިރާމް ކުރާ އެކްޓަރެއް. ފިލްމު 'ޑޮން 3'އާ ގުޅޭގޮތުން ފަހަކަށް އައިސް ހިނގާފައިވާ ކަންތައްތަކުގައި ރަންވީރު ހަނު ހުރުމަށް ނިންމީ، ފަންނީ ވާހަކަތަކާއި އަމިއްލަ ގުޅުންތަކަކީ އަބުރުވެރިކަމާއި، ފުރިހަމަ މުއާމަލާތާއި، އަދި އެކަކު އަނެކަކަށް ކުރާ އިހުތިރާމުގެ ތެރެއިން ހައްލުކުރަންޖެހޭ ކަންކަން ކަމަށް ރަންވީރު ގަބޫލުކުރާތީ" މި ބަޔާނުގައި ބުނެފައިވެއެވެ.

ރަންވީރު ފިލްމު "ޑޮން 3"ގެ ޕްރޮމޯއެއްގައި--ފޮޓޯ/އެންޑީޓީވީ

ތަރުޖަމާނު އިތުރަށް ބަޔާންކުރި ގޮތުގައި، އާންމުންގެ މެދުގައި ތަފާތު ވާހަކަތައް ދެކެވުނު ނަމަވެސް، ކޮންމެ އަޑަކަށް ޖަވާބުދީ ބަހުސްކުރުމަކީ ރަންވީރު ބޭނުންވާ ގޮތެއް ނޫނެވެ. އެއާ ޚިލާފަށް ރަންވީރުގެ މިހާރުގެ އަމާޒަކީ ކުރިއަށްހުރި ފިލްމީ މަސައްކަތްތަކަށް އިސްކަންދީ އެ މަސައްކަތްތައް ފުރިހަކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުން ކަމަށް ވެސް އެކްޓަރުގެ ތަރުޖަމާނުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"މިކަމުގައި ބައިވެރިވާ އެންމެހާ ފަރާތްތަކާމެދު ރަންވީރުގެ ހިތުގައި އޮތީ އިހުތިރާމާއި ހެޔޮއެދުން. މިފަދަ ދަނޑިވަޅުތަކުގައި ކެތްތެރިކަމާއި އަދަބުވެރިކަން އިހުތިޔާރު ކުރުމަކީ ރަންވީރު އަބަދުވެސް ގަސްދުގައި ކުރާ ކަމެއް. އަދި ކުރިއަށް އޮތް ތަނުގައި ވެސް ރަންވީރު ދެމިހުންނާނީ އެ ގޮތުގައި،" ތަރުޖަމާނު ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

މި ބަޔާނާއެކު 'ޑޮން 3'ގެ މައްސަލައިގައި އުފެދިފައިވާ ބަހުސްތައް އިތުރަށް ވަނީ ހޫނުވެފައެވެ. ބައެއް ސަޕޯޓަރުން ރަންވީރުގެ މި ކެތްތެރި ނިންމުމަށް ތައުރީފު ކުރަމުންދާއިރު، އަނެއް ބަޔަކު އަދިވެސް ދަނީ އެކްޓަރާއި ފިލްމު އުފައްދާ ފަރާތްތަކާ ދެމެދު މައްސަލަ ޖެހެން މެދުވެރިވި ސަބަބުތަކާ މެދު ސުވާލު އުފައްދަމުންނެވެ.

މި މައްސަލައިގައި މިހާތަނަށް ފަރުހާންގެ އެކްސެލް އެންޓަޓައިންމަންޓުގެ ފަރާތުން އާ ބަޔާނެއް ނެރެފައެއް ނުވެއެވެ.

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް ޖަމިއްޔާ ކަމަށްވާ އެފްޑަބްލިއުއައިސީއީއިން ރަންވީރާއެކު ފިލްމީ ދާއިރާގެ އެއްވެސް ބަޔަކު މަސައްކަތް ނުކުރުމަށް އަންގައި "ނޮން-ކޯޕަރޭޝަން ޑައިރެކްޓިވް"އެއް ނެރުނީ މިދިޔަ ހޯމަ ދުވަހެވެ.

ރަންވީރާ ދެކޮޅަށް ނެރުނު މި އަމުރުގައިވާ ގޮތުން، ރަންވީރު އަމިއްލައަށް އެފްޑަބްލިއުއައިސީއީއަށް ހާޒިރުވެ މައްސަލަ ހައްލުކުރަންދެން، ބޮލީވުޑްގެ އެއްވެސް ޓެކްނީޝަނެއް، އެކްޓަރެއް ނުވަތަ ޕްރޮޑަކްޝަން ހައުސްއަކުން އެކްޓަރާ އެކު މަސައްކަތް ނުކުރާނެއެވެ.

މިއީ ފަހުގެ ތާރީޚެއްގައި ބޮލީވުޑްގެ އޭ ލިސްޓު ތަރިއަކާ ދެކޮޅަށް މިފަދަ ހަރުކަށި ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރު ކަމަށް ގިނަ ބަޔަކު ސިފަކުރާއިރު މި ނިންމުމާ ގުޅިގެން އެކްޓަރުގެ ސަޕޯޓަރުންނަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ.

ފަރްހާން އަޚްތަރުގެ ފިލްމު 'ޑޮން 3' އިން މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ވަކިވުމާ ގުޅިގެން، ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް ޖަމިއްޔާ ކަމަށްވާ 'ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯއީޒް' (އެފްޑަބްލިއުއައިސީއީ) އިން ވަނީ އޭނާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅެއް އަޅާފައެވެ. މިދިޔަ ހޯމަ ދުވަހު ނެރުނު ނޮން-ކޯޕަރޭޝަން އަމުރުގައި އަންގާފައިވަނީ، ރަންވީރު އަމިއްލައަށް އެ ޖަމިއްޔާއަށް ހާޒިރުވެ މައްސަލަ ހައްލުކުރަންދެން، ފިލްމީ ދާއިރާގެ އެއްވެސް ޓެކްނީޝަނަކު އަދި އެކްޓަރަކު އޭނާއާއެކު މަސައްކަތް ނުކުރުމަށެވެ. މިކަމާ ގުޅިގެން ރަންވީރުގެ ރަސްމީ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ދަނޑިވަޅުގައި އޭނާ ހަނުހުންނަން ނިންމީ ފިލްމީ ދާއިރާގެ މަސައްކަތްތެރިންނަށާއި 'ޑޮން' ފްރެންޗައިޒްއާ ގުޅުންހުރި އެންމެހާ ފަރާތްތަކަށް ކުރާ އިހުތިރާމެއްގެ ބޮޑުކަމުން ކަމަށެވެ. ފަންނީ އަދި އަމިއްލަ މައްސަލަތައް ހައްލުކުރަންވާނީ އަބުރުވެރިކަމާއި އިހުތިރާމާއެކު ކަމަށް ރަންވީރު ގަބޫލުކުރާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، އާންމުންގެ ތެރޭގައި ދެކެވޭ ތަފާތު ވާހަކަތަކަށް ޖަވާބުދީ ބަހުސްކުރުމުގެ ބަދަލުގައި، އޭނާގެ މިހާރުގެ އަމާޒަކީ ކުރިއަށް ހުރި ފިލްމީ މަސައްކަތްތަކަށް ސަމާލުކަންދީ އެކަންކަން ފުރިހަމަކުރުން ކަމަށް ވަނީ ފާހަގަކޮށްފައެވެ.

  • ފިލްމު 'ޑޮން 3' އިން ވަކިވުމުން ރަންވީރު ސިންގްއާ ދެކޮޅަށް ފިލްމީ މަސައްކަތްތެރިންގެ ޖަމިއްޔާއިން ވަނީ ފިޔަވަޅު އަޅާފައެވެ.
  • މި މައްސަލަ ހައްލުވަންދެން ބޮލީވުޑްގެ އެއްވެސް ފަރާތަކުން ރަންވީރާއެކު މަސައްކަތްކުރުން ވަނީ މަނާކޮށްފައެވެ.
  • ރަންވީރު ހަނުހުންނަން ނިންމީ ފިލްމުގެ ޓީމަށާއި ފްރެންޗައިޒްއަށް ކުރާ އިހުތިރާމެއްގެ ސަބަބުންނެވެ.
  • މިއީ ފަހުގެ ތާރީޚެއްގައި ބޮލީވުޑްގެ މަޝްހޫރު ތަރިއަކާ ދެކޮޅަށް މިހާ ހަރުކަށި ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.
comment ކޮމެންޓް