ކުރީގެ ބަތަލާ މީނާކްޝީ އަލުން ފިލްމީ ދާއިރާއަށް ނުކުތުމުގެ ޝައުގުވެރިކަން ފާޅުކޮށްފި

އިންޑިއާގެ ކުރީގެ ބަތަލާ މީނާކްޝީ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގެތެރޭ ހިންދީ ސިނަމާގައި ވިދާލި ކުރީގެ ބަތަލާ މީނާކްޝީ ސެޝާދްރީ 30 އަހަރު ފަހުން އިންޑިއާގެ މުމްބާއީއަށް ދިރިއުޅުން ބަދަލުކޮށްފިއެވެ.

ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމުތައް ކަމަށްވާ "ހީރޯ" އާއި "ދާމިނީ"ގެ ބަތަލާ މުމްބާއީއަށް ދިރިއުޅުން ބަދަލުކުރިކަން އިއުލާން ކުރަމުން ބުނީ، ފިލްމީ ދާއިރާއިން އާ ފުރުސަތުތަކަކަށް އިންތިޒާރު ކުރަމުންދާކަމަށެވެ.

ބޮލީވުޑްގައި އެންމެ ވިދާލި ތަރިންގެ ތެރޭގައި ހިމެނޭ މީނާކްޝީ ވަނީ "ގަރް ހޯ ތޯ އޭސާ"، "މޭރީ ޖަންގް"، "ގާތަކް" އަދި "ގާޔަލް" ފަދަ މަޝްހޫރު ފިލްމުތަކުގައި މުހިއްމު ރޯލެއް އަދާކޮށް ބެލުންތެރިންގެ ސަމާލުކަން ހޯދާފައެވެ.

ނަމަވެސް، 1995 ވަނަ އަހަރު އިންވެސްޓްމެންޓް ބޭންކަރެއް ކަމަށްވާ ހަރީޝް މައިސޯއާ ކައިވެނިކުރުމަށްފަހު މީނާކްޝީ ވަނީ ފިލްމީ ދާއިރާއާ ދުރަށްޖެހި، އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައެވެ.

މީނާކްޝީ އަދި ޖެކީ ފިލްމު "ހީރޯ"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އުމުރުން މިހާރު 62 އަހަރުގެ ބަތަލާ އަލުން އެނބުރި މުމްބާއީއަށް ދިރިއުޅުން ބަދަލުކުރިކަން އިއުލާން ކުރުމަށް އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނީ، ސަޕޯޓަރުންގެ ފަރާތުން މެދުނުކެނޑި ލިބޭ އެހީތެރިކަމަށާއި ލޯތްބަށް ފަށްފަށުން ޝުކުރު އަދާކުރާ ކަމަށެވެ.

އުންމީދާއި ޖޯޝާ އެކު އަލުން މުނިފޫހިފިލުވުމުގެ ދާއިރާއަށް ވަނުމަށް ތައްޔާރަށް ހުރިކަމަށް ބުނަމުން މީނާކްޝީ ބޮޑަށް ޝައުގުވެރިކަން ހުރީ، ފިލްމުތަކާއި ޑިޖިޓަލް ޕްލެޓްފޯމްތަކުން ލިބޭ މާނަހުރި އަދި ބެލުންތެރިންގެ ހިތްތަކަށް އަސަރުކުރާނެ ފަދަ ތަފާތު ރޯލުތައް ކުޅެން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މީނާކްޝީ ފިލްމީ ދާއިރާއަށް ފުރަތަމަ ތައާރަފްވީ "ޕެއިންޓަ ބާބޫ" އިންނެވެ. ނަމަވެސް މީނާކްޝީ ބެލުންތެރިންގެ މެދުގައި ބޮޑަށް މަގުބޫލުވީ ހަމަ އެ އަހަރު ޑައިރެކްޓަރު ސުބާޝް ގާއި ގެނެސްދިން ފިލްމު "ހީރޯގައި ޖެކީ ޝްރޮ ފާއެކު އަދާކުރި ބަތަލާގެ ރޯލުންނެވެ.

1980 ގެ އަހަރުތަކުގައި މަޝްހޫރުކަން ހޯދި ބޮލީވުޑްގެ ކުރީގެ ބަތަލާ މީނާކްޝީ ސެޝާދްރީ، 30 އަހަރު ފަހުން އެމެރިކާއިން އިންޑިއާގެ މުމްބާއީއަށް ދިރިއުޅުން ބަދަލުކޮށްފިއެވެ. އުމުރުން 62 އަހަރުގެ ބަތަލާ ވަނީ މުނިފޫހިފިލުވުމުގެ ދާއިރާއިން އަލުން ފުރުސަތުތަކެއް ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. 1995 ވަނަ އަހަރު ކައިވެނިކުރުމަށްފަހު ފިލްމީ ދާއިރާއާ ދުރަށްދިޔަ ނަމަވެސް، އޭނާ މިހާރު ބޭނުންވަނީ ފިލްމުތަކާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި މާނަހުރި ރޯލުތަކެއް ކުޅުމަށެވެ.

  • ފިލްމީ ދާއިރާއާއި ޑިޖިޓަލް ޕްލެޓްފޯމްތަކުން އާ ފުރުސަތުތައް ހޯދުމަށް މަސައްކަތްކުރުން.
  • އެމެރިކާގައި ދިރިއުޅުމަށްފަހު، ފިލްމީ މަސައްކަތްތަކަށް އަލުން މުމްބާއީއަށް ބަދަލުވުން.
  • ބެލުންތެރިންގެ ހިތްތަކަށް އަސަރުކުރާނެ ފަދަ ތަފާތު ރޯލުތައް ކުޅުމަށް އިސްކަންދިނުން.
  • ސަޕޯޓަރުންގެ ފަރާތުން މެދުނުކެނޑި ލިބެމުންދާ އެއްބާރުލުމަށް ޝުކުރުއަދާކުރުން.
comment ކޮމެންޓް