އިންޑިއާގެ އެންމެ މަގުބޫލު ޓެލެވިޒަން ބަތަލާއިންގެ ތެރޭ ހިމެނޭ ދިވްޔަންކާ ތްރިޕާތީއަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެއެވެ.
ދިވްޔަންކާ ވިހެއިކަން އިއުލާންކޮށް ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓުގައި ބުނެފައި ވަނީ، ދިރިއުޅުން އިތުރަށް އުފާވެރިކުރުމަށް ކުރަމުން އައި ދުއާތަކުގެ ނިމުން އައީ ހީވެސް ނުކުރާހާ މިންވަރަށް ކަމަށެވެ.
އެގޮތުން އެ އުފާވެރިކަން މިއަދު ދެ ގުނަ އިތުރުވެފައިވާ ކަމަށާއި އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބުނުކަން ބަތަލާ ވަނީ އިއުލާނުކޮށްފައެވެ.
ވަރަށް ފިިލްމީ ގޮތަކަށް ކުރި ޕޯސްޓުގައި ބަތަލާ ބުނީ އެމީހުންގެ ހަޔާތަށް ކަރަން އަރްޖުން އައިސްފި ކަމަށާއި މިވަގުތު އެ ކުޑަ ކުޑަ އާއިލާއަށް ބޭނުންވަނީ ސަޕޯޓަރުންގެ ލޯތްބާއި ހެޔޮ ދުއާ ކަމަށެވެ.

ދިވްޔަންކާ މަގުބޫލު ޑްރާމާ ސީރީސް 'ޔޭ ހޭ މުހައްބަތޭ'ގެ މަންޒަރެއްގައި -- ފޮޓޯ/ އިންޑިއާ ޓުޑޭ
އުމުރުން 41 އަހަރުގެ ބަތަލާ ބަލިވެއިންކަން އިއުލާނުކުރީ މި އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ދިވްޔަންކާ އާއި ޓީވީ އެކްޓަރު ވިވެކް ދަހިޔާ ކައިވެނިކޮށްފައި ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅުނުތާ މާގިނަ ދުވަސްތަކެއް ނުވެ 2016 ވަނަ އަހަރެވެ. ދިވްޔަންކާ މަޔަކަށްވެފައި މިވަނީ ބަތަލާގެ ކައިވެންޏަށް 10 އަހަރު ފުރުނު ފަހުންނެވެ.
ޓެލެވިޒަން ދާއިރާގެ އެންމެ އަގުބޮޑު އަދި މަޝްހޫރު ބަތަލާއިންގެ ތެރޭ ހިމެނޭ ދިވްޔަންކާގެ މަގުބޫލު ސިލްސިލާތަކުގެ ތެރޭގައި، 'ޔޭ ހޭ މުހައްބަތޭ' އާއި 'ބަނޫ މޭ ތޭރީ ދުލްހަން' އަދި 'ތޭރީ މޭރީ ލަވް ސްޓޯރީ' ހިމެނެއެވެ.