ރަންވީރާ އެކު މަސައްކަތް ނުކުރުމަށް އިންޑިއާގެ ފިލްމު ފެޑެރޭޝަނުން އަމުރު ނެރެފި

ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް--ފޮޓޯ/އެންޑީޓީވީ

ބޮލީވުޑްގެ ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ ފިލްމު "ޑޮން 3"އިން ކުއްލި ގޮތަކަށް ވަކިވުމާ ގުޅިގެން، އެކްޓަރު ރަންވީރު ސިންގްއާ އެކު މަސައްކަތް ނުކުރުމަށް ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނޭ އެމްޕްލޯއީޒް (އެފްޑަބްލިއުއައިސީއީ)އިން އެކްޓަރާ ދެކޮޅަށް އަމުރު ނެރެފިއެވެ.

ތިން އަހަރު ދުވަހުގެ ތައްޔާރީތަކަށް ފަހު އުފައްދަން އުޅުނު މި ފިލްމުން ރަންވީރު ވަކިވުމާ ގުޅިގެން، ހޯމަ ދުވަހު އެފްޑަބްލިއުއައިސީއީއިން ވަނީ ރަންވީރާ މެދު ރަސްމީކޮށް ފިޔަވަޅު އަޅާފައެވެ.

އެ ޖަމިއްޔާއިން ހާމަކުރި ގޮތުގައި، މައްސަލަ ހައްލުވަންދެން އެ ޖަމިއްޔާގެ ހަތަރު ލައްކަ އަށްވުރެ ގިނަ މެންބަރުން (ކެމެރާމަނުންނާއި، ލައިޓްމަނުންނާއި، އެހެނިހެން ފަންނީ މަސައްކަތްތެރިން ހިމެނޭހެން) ރަންވީރާ އެކު އެއްވެސް މަސައްކަތެއް ނުކުރާނެއެވެ.

ފިލްމު ޑައިރެކްޓަރު، އެކްޓަރު ފަރުހާން އަހުތަރު އަދި އެކްޓަރު ރަންވީރު ސިންގް--ފޮޓޯ/އެންޑީޓީވީ

މި މައްސަލަ އެންމެ ފުރަތަމަ އިންޑިއަން ފިލްމް އެންޑް ޓެލެވިޜަން ޑައިރެކްޓާސް އެސޯސިއޭޝަންއަށް ހުށަހެޅީ ފިލްމުގެ ޑައިރެކްޓަރު ފަރުހާން އާއި ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީއެވެ. އެއަށްފަހު އެ ޖަމިއްޔާއިން ވަނީ އިތުރު ފިޔަވަޅު އެޅުމަށް މި މައްސަލަ އެފްޑަބްލިއުއައިސީއީއަށް ފޮނުވާފައެވެ.

"އަޅުގަނޑުމެން ރަންވީރު ސިންގަށް ސިޓީއެއް ފޮނުވިން، ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނު. އެހެންކަމުން މިއަދުން ފެށިގެން އެފްޑަބްލިއުއައިސީއީގެ އެއްވެސް މެންބަރަކު ރަންވީރާ އެކު މަސައްކަތެއް ނުކުރާނެ،" އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ އަޝޯކް ދުބޭ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވެއެވެ.

އަޝޯކް ދުބޭ އިތުރަށް ބުނީ، ފިލްމީ ދާއިރާގެ ފަންނާނުން އާޓިސްޓުންނަށް ވަނީ ފަންނީ މަސައްކަތްތެރިންނާއި ބެލުންތެރިންގެ ސަބަބުން ކަމަށާއި، މި މައްސަލަ ހައްލުނުވަނީސް އެއްބާރުލުން ނުދޭނެ ކަމަށެވެ.

އާ އެކްޓަރަކާ އެކު އަލުން ފަށަން އުޅުނު "ޑޮން 3"ގެ ޝޫޓިން އަދި ނުފެށުނު ނަމަވެސް، ޕްރީ-ޕްރޮޑަކްޝަން މަރުހަލާގައި މިހާތަނަށް 45 ކްރޯޑް ރުޕީސް އަށްވުރެ ގިނައިން ހަރަދުވެފައިވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ބުނެފައެވެ.

އެފްޑަބްލިއުއައިސީއީގެ ރައީސް ވިދާޅުވީ، އެ ފެޑެރޭޝަނުން މަސައްކަތް ކުރަނީ މަސައްކަތްތެރިންގެ ހައްގުގައި ނަމަވެސް، ޕްރޮޑިއުސަރަކާ މެދު ބޭއިންސާފުން ކަންކަން ހިންގާނަމަ އެކަމުގައި ވެސް ފެޑެރޭޝަނުން ޕްރޮޑިއުސަރުންނަށް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އެއްވެސް ސުޕަސްޓާރަކީ ނިޒާމަށް ވުރެ މަތީގައި ހުރި މީހެއް ނޫންކަން މި ފިޔަވަޅުން އެނގިގެންދާނެ ކަމަށް އެ ފެޑެރޭޝަންގެ ރައިސް ވަނީ ވިދާޅުވެފައެވެ.

އެ ޖަމިއްޔާގެ ޗީފް އެޑްވައިޒަރު އަޝޯކް ޕަންޑިތު ބުނި ގޮތުގައި، ރަންވީރު ފިލްމުން ވަކިވީ ޝޫޓިން ފަށަން އެންމެ ތިން ހަފުތާއަށް ވެފައި ވަނިކޮށެވެ. މީގެ ސަބަބުން ފިލްމު އުފައްދާ ފަރާތްތަކަށް ބޮޑު ގެއްލުމެއް ލިބުނުއިރު، ރަންވީރަށް ފޮނުވި ތިން ނޯޓިހަށް ވެސް އެކްޓަރުގެ ފަރާތުން ޖަވާބު ދީފައި ނުވާ ކަމަށް ޕަންޑިތު ފާހަގަކުރިއެވެ.

މި ނިންމުމާ ގުޅިގެން ރަންވީރުގެ ފަރާތުން ފަހު ވަގުތު އީމެއިލެއް ލިބުނު ކަމަށާއި، މި މައްސަލައިގެ ތެރެއަށް ވަނުމުގެ ގާނޫނީ ބާރު އެފްޑަބްލިއުއައިސީއީއަށް ލިބިފައިނުވާކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވާ ކަމަށް ޕަންޑިތު ވަނީ ބުނެފައެވެ.

ފިލްމު "ޑޮން" ފްރެންޗައިޒްގެ ތިންވަނަ ފިލްމު ރަސްމީކޮށް އިއުލާން ކުރީ މީގެ ދެ އަހަރު ކުރިންނެވެ. އޭގެކުރިން 2006 އަދި 2011ގައި ނެރުނު ފިލްމުތަކުގައި ލީޑް ރޯލު ކުޅެފައި ވަނީ ކާމިޔާބު އެކްޓަރު ޝާހްރުކް ޚާންއެވެ.

ޚަބަރުތައް ބުނާ ގޮތުގައި ރަންވީރު މި ފިލްމުން ވަކިވީ ފިލްމުގެ ސްކްރިޕްޓާ މެދު ހިތްހަމަނުޖެހިގެންނެވެ. ނަމަވެސް ޕްރޮޑިއުސަރުން ތުހުމަތު ކުރާ ގޮތުގައި ރަންވީރު ވަނީ ތަކުރާރުކޮށް ފިލްމުގެ މަސައްކަތް ލަސްކޮށް، އެންމެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފިލްމު ދޫކޮށްލާފައެވެ.

ބޮލީވުޑްގެ ފިލްމު "ޑޮން 3" ގެ ޝޫޓިން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައި ވަނިކޮށް، އެކްޓަރު ރަންވީރު ސިންގް ފިލްމުން ވަކިވުމާ ގުޅިގެން ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނޭ އެމްޕްލޯއީޒް (އެފްޑަބްލިއުއައިސީއީ) އިން އޭނާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ. މިގޮތުން، އެ ޖަމިއްޔާގެ 4 ލައްކައަށްވުރެ ގިނަ މެންބަރުން މައްސަލަ ހައްލުވަންދެން ރަންވީރާ އެކު އެއްވެސް މަސައްކަތެއް ނުކުރުމަށް ވަނީ ނިންމާފައެވެ. މި މައްސަލަ ފެންމަތިވީ، ޕްރީ-ޕްރޮޑަކްޝަނަށް ބޮޑު ހަރަދެއް ކޮށްފައިވަނިކޮށް، ރަންވީރު ފިލްމު ދޫކޮށްލުމުންނެވެ. އެފްޑަބްލިއުއައިސީއީއިން ފޮނުވި ނޯޓިސްތަކަށް ރަންވީރު ޖަވާބުދީފައިނުވާއިރު، އޭނާ ވަނީ އެ ޖަމިއްޔާއަށް މި މައްސަލައިގެ ތެރެއަށް ވަނުމުގެ ގާނޫނީ ބާރު ނެތްކަމަށް ފަހު ވަގުތު އީމެއިލް މެދުވެރިކޮށް އަންގާފައެވެ.

  • ފިލްމު "ޑޮން 3" އިން ރަންވީރު ސިންގް ވަކިވީ ޝޫޓިން ފަށަން އެންމެ 3 ހަފުތާއަށް ވެފައި ވަނިކޮށެވެ.
  • އެފްޑަބްލިއުއައިސީއީގެ 4 ލައްކައަށްވުރެ ގިނަ ފަންނީ މަސައްކަތްތެރިން ރަންވީރާ އެކު މަސައްކަތްކުރުން ވަނީ މަނާކޮށްފައެވެ.
  • މި ފިލްމުގެ ޕްރީ-ޕްރޮޑަކްޝަނަށް 45 ކްރޯޑް ރުޕީސްއަށްވުރެ ގިނައިން ހޭދަކޮށްފައިވާކަމަށް ޕްރޮޑިއުސަރުން ވަނީ ބުނެފައެވެ.
  • އެފްޑަބްލިއުއައިސީއީއިން ފޮނުވި 3 ނޯޓިހަކަށް ރަންވީރުގެ ފަރާތުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
  • ރަންވީރު ފިލްމުން ވަކިވީ ސްކްރިޕްޓާ މެދު ހިތްހަމަނުޖެހިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
comment ކޮމެންޓް