އިންޑިއާގެ މަގުބޫލު ބަތަލާ މަދޫރީ ޑިކްސިޓްއާއި ތުރިޕްތީ ދިމްރީ އެކީގައި މަސައްކަތްކުރާ ދެވަނަ ފިލްމު "މާ ބެހެން"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
ނެޓްފްލިކްސްއިން ގެނެސްދޭ މި ޑާކް ކޮމެޑީއަކީ މަދޫރީ ވަރަށް ތަފާތު އެހެންނަމަވެސް ހެއްވާ މަޖާ ރޯލަކުން ބެލުންތެރިންނަށް ފެންނާނެ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުގައި މަދޫރީއާއި ތުރިޕްތީގެ އިތުރުން ރަވީ ކިޝަން އަދި ދަރްނާ ދުރުގާ ވެސް ހިމެނެއެވެ.
ބަތަލާ ތުރިޕްތީ އެންމެ ފުރަތަމަ މަދޫރީއާ އެކު މަސައްކަތްކޮށްފައިވަނީ 2024ގައި ރިލީޒްކުރި ކާމިޔާބު ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 3"ގައެވެ.

ފިލްމު "މާ ބެހެން"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ފިލްމަކީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމުތަކެއް ކަމަށްވާ "ތުމާރީ ސުލޫ" އާއި "ޖަލްސާ" ގެނެސްދިން ޑައިރެކްޓަރު ސުރޭޝް ތުރިވޭނީގެ ފިލްމެކެވެ. ސުރޭޝް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މި އަހަރުގެ މާޗް މަހު އެމެޒޯން ޕްރައިމް ވީޑިއޯއިން ޕްރީމިއާކުރި އަނިލް ކަޕޫރްގެ ކްރައިމް ޑްރާމާ "ސުބޭދާރު"އެވެ.
ހިންދީ ސިނަމާއަށް ކާމިޔާބު، ރީތި ގިނަ ފިލްމުތަކެއް ގެނެސްދިން މަދޫރީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު ޖިއޯހޮޓްސްޓާއިން ގެނެސްދިން ކްރައިމް ތުރިލާ ސީރީސް "މިސިޒް ދޭޝްޕާންޑޭ"އިންނެވެ.