ދެ އަހަރާއި ބައިގެ މުއްދަތުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޑީޕޯޓުކުރީ ގަވައިދާ ޚިލާފަށް އުޅުނު 2،600 ބިދޭސީން ކަމަށާއި، މި ސަރުކާރުން 12،000 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ޑީޕޯޓުކޮށްފައިވާނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ނޭޝަން ޗެޓް"ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރީގެ އެއްވެސް ސަރުކާރަކުން އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނެތް ކަމަށާއި، އެއީ ހަގީގަތް ކަމަށެވެ.
އެ މައްސަލަ ހައްލުކުރުމަށްޓަކައި މި ސަރުކާރުގެ ދެ އަހަރާއި ބައިގެ މުއްދަތުގައި ކުރެވުނު މަސައްކަތް ރަނގަޅު ކަމަށް، ރައީސް ވިދާޅުވިއެވެ.
އެއަށްފަހު، ރައީސް ވަނީ، ބައެއް ތަފާސްހިސާބުވެސް އާންމުކުރައްވައިފައެވެ.
އެގޮތުން، އެމަނިކުފާނު ހައުސިން މިނިސްޓަރުކަން ކުރެއްވި ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ސަރުކާރު އޮތް އިރު ގެނައި ބިދޭސީންގެ އެއްވެސް މައުލޫމާތެއް އެއްކުރެވިފައިނުވާ އިރު، ޖެހިގެން އައި ޞާލިޙްގެ ސަރުކާރުން 27،200 ބިދޭސީއެއްގެ މައުލޫމާތު އެއްކުރި ކަމަށް، ރައީސް ވިދާޅުވިއެވެ.
"މި ސަރުކާރުގެ ދެ އަހަރާއި ބައިގެ ތެރޭގައި އިތުރު 206،400 މީހުންގެ ބައޯމެޓްރިކްސް ނަގައިފިން، މިހާރު ބާކީ ތިބީ އެއް ޕަސެންޓު ބިދޭސީންގެ ނުނަގައި،" އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނަށް އެނގިވަޑައިގަންނަވައިގެން، އެކުވެރި ޢަރަބި ޢިމާރާތާއި ސިންގަޕޫރު ފިޔަވައި، އިތުރު އެއްވެސް ގައުމެއްގައި މިހާތަނަށް 99 އިންސައްތަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައި ނުވާ ކަމަށް، ރައީސް ވިދާޅުވިއެވެ.
އަދި ކުރީ ދެ ސަރުކާރުގެ ދެ އަހަރާއި ބައިގެ މުއްދަތާއި މި ސަރުކާރުގެ ދެ އަހަރާއި ބައިގެ މުއްދަތު އަޅާކިޔާއިރު، ޔާމީންގެ ސަރުކާރުގައި އެ މުއްދަތުގައި އެއްވެސް ބިދޭސިއަކު ޑީޕޯޓުކޮށްފައި ނެތްއިރު، ޞާލިޙްގެ ސަރުކާރުން 2،600 ބިދޭސިއަކު ގަވައިދާ ޚިލާފުވެގެން ޑީޕޯޓުކުރި ކަމަށް، ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެ މުއްދަތުގައި 12،193 މީހުން މި ސަރުކާރުން ޑީޕޯޓުކޮށްފައިވާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، ރަށްރަށުގައި 2،800 އެއްހާ ބިދޭސީން އަދިވެސް މައުލޫމާތު ނުދީ އެބަ ތިބި ކަމަށާއި، އެ ބިދޭސީން ހޯދައި ކުރިއަށް އޮތް ހަ މަހުގެ ތެރޭ އެ މީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވައިލާނެ ކަމަށް، މި މަހުގެ ނުވަވަނަ ދުވަހު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ދެނެގަނެ، ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހިންގާ އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހި ވަނީ އެ ދުވަހު މާލޭ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިޙްސާން ވިދާޅުވީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރީ ސަރުކާރުތަކުން އެދެވޭ ގޮތެއްގައި މަސައްކަތް ކުރެވިފައި ނެތުމުގެ ސަބަބުން ގާތްގަނޑަކަށް 296،000 އެކްޓިވް ވޯކް ޕާމިޓުގެ ތެރެއިން 10 އިނގިލީގެ ނިޝާން ނެގުނީ އެންމެ 27 ޕަސެންޓު މީހުންގެ ކަމަށެވެ. އެކަމަކު މިއަދާ ހަމައަށް 98 ޕަސެންޓު މީހުންގެ މައުލޫމާތު އެއްކުރެވިއްޖެ ކަމަށް، އިޙްސާން ވިދާޅުވިއެވެ.
އަދި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ބާކީ ތިބި މީހުން ހޯދައި ރާއްޖެއިން ޑީޕޯޓުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ރައީސް މީގެ ކުރިން ވަނީ ލިޔުއްވައިފައެވެ.