ރަށްރަށުގައި 2،800 އެއްހާ ބިދޭސީން އަދިވެސް މައުލޫމާތު ނުދީ އެބަ ތިބި ކަމަށާއި، އެ ބިދޭސީން ހޯދައި ކުރިއަށް އޮތް ހަ މަހުގެ ތެރޭ އެ މީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވައިލާނެ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ދެނެގަނެ، ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހިންގާ އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހި ވަނީ މިއަދު މާލޭގައި ކުރިއަށް ގެންގޮސްފައެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި އިމިގްރޭޝަނާއި ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީއާއި ރެޑް ކްރެޒެންޓާއި އެމްއެފްޑީއޭ ގުޅިގެން ހިންގާ މި އޮޕަރޭޝަންގެ ދަށުން، އިދާރާތަކުން ވަނީ ބިދޭސީން މަސައްކަތްކުރާ އެކި ތަންތަން ބަލައި، އެ މީހުންނާ ސުވާލުކޮށްފައެވެ.
9 މެއި 2026: ޣިޔާޘުއްދީން ސްކޫލުގައި ބިދޭސީންގެ މައުލޫމާތު ނަގަނީ: މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ 2،800 އެއްހާ ބިދޭސީން އަދިވެސް މައުލޫމާތު ނުދޭ ކަމަށް --- ސަން ފޮޓޯ: މުޙައްމަދު ޝާޠިޢު ޢަބްދުﷲ
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިޙްސާން ވިދާޅުވީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރީ ސަރުކާރުތަކުން އެދެވޭ ގޮތެއްގައި މަސައްކަތް ކުރެވިފައި ނެތުމުގެ ސަބަބުން ގާތްގަނޑަކަށް 296،000 އެކްޓިވް ވޯކް ޕާމިޓުގެ ތެރެއިން 10 އިނގިލީގެ ނިޝާން ނެގުނީ އެންމެ 27 ޕަސެންޓު މީހުންގެ ކަމަށެވެ. އެކަމަކު މިއަދާ ހަމައަށް 98 ޕަސެންޓު މީހުންގެ މައުލޫމާތު އެއްކުރެވިއްޖެ ކަމަށް، އިޙްސާން ވިދާޅުވިއެވެ.
"ދެވަނަ ކަމަކަށް އަޅުގަނޑުމެން ދެން މި ކުރަން ފަށާ މަސައްކަތަކީ ކުރިއަށް މި އޮތް ގާތްގަނޑަކަށް ހައެއްކަ މަސްދުވަހުގެ ތެރޭގަ ބާކީ މިތިބަ 2،800އެއްހާ މީހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަ އުޅޭ ފިންގަޕްރިންޓް ނުދީ ފިލައިގެން ސިސްޓަމަށް އުޅޭ، އެ މީސްމީހުން ހޯދައި ރާއްޖޭން ޑީޕޯޓުކުރުމުގެ މަސައްކަތް،" އިޙްސާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިވަގުތު ގަވައިދާ އެއްގޮތަށް ވިސާ ފީއާއި ވޯކް ޕާމިޓް ފީ ދެއްކުން ލަސްވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެ ކަމަށް ރިއާޔަތްކުރުމަށްފަހު، ފައިސާ ދެއްކުމުން ބިދޭސީން ގޮވައިގެން ދެވޭނެ ގޮތަށް ކަންކަން އިންތިޒާމުކުރައްވާނެ ކަމަށް އިޙްސާން ވިިދާޅުވިއެވެ.
އެއާއެކު، އަންނަ ނޮވެންބަރު މަހުގެ ކުރިން، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ހައްލުވެފައިވާ މައްސަލައަކަށް ހެދުމަށް އިޙްސާން ވަނީ އެދިވަޑައިގެންފައެވެ.
9 މެއި 2026: ޣިޔާޘުއްދީން ސްކޫލުގައި ބިދޭސީންގެ މައުލޫމާތު ނަގަނީ: މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ 2،800 އެއްހާ ބިދޭސީން އަދިވެސް މައުލޫމާތު ނުދޭ ކަމަށް --- ސަން ފޮޓޯ: މުޙައްމަދު ޝާޠިޢު ޢަބްދުﷲ
މާލޭގައި މިއަދު ފެށި މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މުޅި މާލެ 24 ޒޯނަކަށް ބަހާލައިގެންނެވެ. އިމިގްރޭޝަނުން ބުނީ އިންސްޕެކްޝަންތައް ކުރިއަށްގެންދާއިރު ބޮޑެތި ޒޯންތަކުގައި ތިން ޓީމަކުން ހަރަކާތްތެރިވި ކަމަށާއި، އެންމެ ކުދި ޒޯނުތަކުގައިވެސް ދެ ޓީމުން ހަރަކާތްތެރިވި ކަމަށެވެ.
އެ އޮޕަރޭޝަނާ ގުޅޭ ގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުންގެ 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ މިހާރު ނަގައިފައިވާ ކަމަށް ހާމަކުރައްވައިފައެވެ.
އަދި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ބާކީ ތިބި މީހުން ހޯދައި ރާއްޖެއިން ޑިޕޯޓުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އެ މަނިކުފާނު ވަނީ ލިޔުއްވައިފައެވެ.