ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސްގެ މަގާމަށް، މިނިސްޓަރުގެ ފެންވަރުގައި، މ. ވެލަގަލި، ޑރ. މުހައްމަދު މާހިދު ޝަރީފު އައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި މަގާމަށް އޭނާ އައްޔަންކުރައްވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތެރެއިން ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށްޓަކައި އުފައްދަވާފައިވާ މަގާމެކެވެ.
މާހިދަކީ މީގެ ކުރިންވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ސަރުކާރުގެ ދެ ވުޒާރާއެއް ކަމަށްވާ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަދި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޕާމަނަންޓް ސެކްރެޓެރީކަން އޭނާ ވަނީ ފުރުއްވާފައެވެ. މީގެ އިތުރުން، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ޑެޕިއުޓީ ވައިސް ޗާންސެލާ (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް) ގެ މަގާމާއި، އައިޔޫއެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.
މި ފަހުން ރައީސް އޮފީހުގެ މަގާމަށް އައްޔަންކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) ގެ މަގާމުގައެވެ.
ތައުލީމީ ގޮތުން ބަލާއިރު، މާހިދު ވަނީ ޑޮކްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވައި، ޕަބްލިކް ސެކްޓާ މެނޭޖްމަންޓްގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި ސްޕޯޓްސް އޯގަނައިޒޭޝަން މެނޭޖްމަންޓްގެ ރޮނގުން އެގްޒެކެޓިވް މާސްޓާސްވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.
މާހިދުގެ ބެއްލެވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަކީ، މި ސަރުކާރަކީ ރައްޔިތުންނާ ވީހާވެސް ގާތުން، ރައްޔިތުންގެ އަޑުއަހައިގެން ހިންގާ ސަރުކާރެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވާ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. މިއީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ހިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމު ކުރެއްވި އޮފީހެކެވެ.
މި އޮފީސް ގާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން އިއުލާންކުރެއްވީ، މި އަހަރުގެ ފެބުރުވަރީ މަހުގެ ފަސް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެ ދުވަހުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މި ބިއުރޯގެ ސަބަބުން ސަރުކާރުގެ އިދާރާތައް ޖަވާބުދާރީކުރުވުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށެވެ.
މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް ޖަވާބެއް ފޯރުކޮށްދިނުމެވެ. ސިޓީ، އީމެއިލް، ރައްޔިތުންގެ އަޑު ޕޯޓަލް، ޖެމްސް މެސެޖިން ޕްލެޓްފޯމް، ފޯނު ކޯލް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ހުށަހަޅާ ޝަކުވާތައްވެސް މި ސިސްޓަމްގެ ތެރެއިން ބަލައިގަނެވޭނެއެވެ. އަދި ކޮންމެ ޝަކުވާއަކަށްވެސް ހައްލެއް ލިބެންދެން އެ މައްސަލައެއް ގޮސްފައިވާ ހިސާބު ބެލޭނެ ނިޒާމެއް ހަމަޖެހިފައި ހުންނާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ހަމައެހެންމެ، މި ޑިޖިޓަލް ސިސްޓަމް ސަރުކާރުގެ ހުރިހާ އިދާރާއަކާ ގުޅާލެވި، އެއް ވިއުގައެއްގެ ތެރެއިން ޝަކުވާތައް މެނޭޖްކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މީގެ އިތުރުން، މި ބިއުރޯގެ ބައެއްގެ ގޮތުގައި، 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރަން ވަނީ ނިންމައިފައެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި ބިއުރޯ ހިންގުމަށްޓަކައި އަލަށް މުވައްޒަފުން ނެގުމުގެ ބަދަލުގައި، ބޭނުންކުރާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ އެހެނިހެން އިދާރާތަކުގައި މިހާރުވެސް މަސައްކަތްކުރަމުންދާ މުވައްޒަފުންނެވެ. އެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމަށްފަހު، މި އަހަރުގެ މެދުތެރޭގައި ބިއުރޯގެ މަސައްކަތްތައް ފުރިހަމައަށް ފެށިގެންދާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.