ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް އަލްއުސްތާޒު އަލީ ނަސީރު ގާސިމް މިއަދު އައްޔަންކުރައްވައިފިއެވެ.
ކުރިން ރައީސްގެ މެންބަރެއްގެ ގޮތުގައި އެ ކޮމިޝަންގައި ހުންނެވި, ޔަޒްމީދު މުހައްމަދު މިދިޔަ ހޯމަ ދުވަހު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވަވައެވެ.
ނަސީރު މި މަގާމަށް އައްޔަންކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ނަސީރު ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާކުރައްވައި، ހުވާގެ އިގްރާރުގައި ސޮއިކުރައްވާފައެވެ. އޭނާއަށް މަގާމުގެ ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އަލީ ރަޝީދު ހުސައިނެވެ. ހުވާކުރެއްވުމަށްފަހު، މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ރަސްމީ ލިޔުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަލީ ނަސީރާ ހަވާލުކޮށްދެއްވާފައެވެ.

ޖޭއެސްސީއަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުން އައްޔަންކުރުމާއި، ފަނޑިޔާރުންނަށް ކުރިއެރުން ދިނުމާއި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅުއެޅުމުގެ އިތުރުން، ކޯޓުތަކުގެ އިދާރީ ކަންކަމާ ގުޅޭގޮތުން ލަފާދިނުމުގެ ގާނޫނީ ބާރު ލިބިދީފައިވާ މުހިންމު މުއައްސަސާއެކެވެ. މީގެ އިތުރުން، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމާއި، ފަނޑިޔާރުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމަކީވެސް އެ ކޮމިޝަނުގެ މައިގަނޑު އެއް މަސްއޫލިއްޔަތެވެ.
އެ ކޮމިޝަނުގައި ޖުމްލަ 10 މެންބަރުން ތިއްބަވާއިރު، އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައިކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބުކުރެވޭ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ބަންޑާރަނައިބު އަދި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރެވޭ ވަކީލަކު ހިމެނިވަޑައިގަންނަވައެވެ.
ޖޭއެސްސީ މިހާރު އެކުލެވިގެން ވަނީ ސިޔާސީ ނުފޫޒު ފޯރުވޭ ގޮތަށް ކަމަށް ބުނެ އެ ކަން ބަދަލު ކުރުމަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރާއި މި ސަރުކާރުގެ ވެސް ރިޔާސީ ވައުދެކެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން މިހާތަނަށް އެކަން ކޮށްފައެއް ނުވެއެވެ.