އާންމު ސިއްހަތާއި ރައްކާތެރިކަމުގެ ޚިދުމަތްތައްދޭ ދަމަނަވެށި އަންނަ މަހު ބަންދުކޮށް، ޚިދުމަތްތައް ވަގުތީ ގޮތުން ބަދަލުކުރަން ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ދަމަނަވެށި ބަންދުކުރަނީ ކުރީގެ ތެލެސީމިއާ ސެންޓަރާއި ދަމަނަވެށި ހިންގާ އިމާރާތުގައި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރެއް ގާއިމުކުރުމަށް ނިންމާފައިވާތީ ކަމަށެވެ. އެ ކަން ކުރަނީ، ދިވެހީންގެ އާންމު ސިއްހަތު ރައްކާތެރިކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި ގޮތުން، މިހާރު ދަމަނަވެށިން ދޭ ޚިދުމަތްތައް އަންނަ މަހުން ފެށިގެން ވަގުތީ ގޮތުން އެހެން ތަންތަނަށް ވަނީ ބަދަލުކުރަން ނިންމާފައެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އެ ޚިދުމަތްތައް ބަދަލުކުރާނީ މާފަންނުގައި ގާއިމުކޮސްފައިވާ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރާއި ހުޅުމާލެ ޕަބްލިކް ހެލްތު ޔުނިޓާއި ޖީޕީ ކުލިނިކަށެވެ.
މިނިސްޓްރީން އެފަދައިން ބުނިއިރު، މާދަމާއިން ފެށިގެން ދަމަނަވެށީގައި ޚިދުމަތްދޭ މުވައްޒަފުން މާލެއާއި ހުޅުމާލޭގެ ބައެއް ތަންތަނަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެ ތަނުގެ މުވައްޒަފުންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ދަމަނަވެއްޓަކީ ކުދިންގެ ބަރުދަން ބެލުމާއި ވެކްސިން ޖެހުން ފަދަ ކަންކަމަށް ގިނަ އަދަދެއްގެ ބަޔަކު ޚިދުމަތް ހޯދާ ތަނެކެވެ.