ހިތް ހުއްޓުމުގެ ނުރައްކަލުން މެރަތަން ދުވުންތެރިން ރައްކާތެރިކަން ހޯދާނީ ކިހިނެއް؟

މެރަތަން ރޭހެއްގެ ފިނިޝިން ލައިން ދުވުންތެރިއަކު ހުރަސްކުރަނީ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މަސްތަކުގައި އާދަޔާ ޚިލާފަށް ރިއްސުމާއި ކުޑަކަމުދާ ތަކެތީގެ ކުލަ ގަދަވުމުގެ އިތުރުން ހަށިގަނޑުގެ އިލެކްޓްރޮލައިޓްސްގެ މިންވަރު ބަދަލުވުމަކީ މެރަތަން ދުވުންތެރިން އެންމެ ބޮޑަށް ސަމާލުވާންޖެހޭ އަލާމާތްތަކެވެ.

ހަށިގަނޑަށް ކެތްނުވާ ވަރުގެ ބުރައެއް އުފުލަން ޖެހުމުގެ ސަބަބުން މަސްތައް ހަލާކުވެ ކުއްލިއަކަށް ފުރާނައަށް ނުރައްކާވާ ހާލަތަކަށް ކަންކަން ދިއުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް ޞިއްޙީ މާހިރުން އިންޒާރު ދެއްވައެވެ. ޚާއްޞަކޮށް ފުރިހަމަ ސިއްޙަތެއްގައި ތިބޭ ޒުވާނުންނަށް ވެސް މިފަދަ ބުރަ ކަސްރަތުތަކުގެ ސަބަބުން މަސްތައް އާދަޔާ ޚިލާފަށް ހަލާކުވާ ނުރައްކާތެރި ހާލަތެއް ކަމަށްވާ ރެބްޑޮމައިއޮލިސިސް ފަދަ ކަންކަމާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އޮވެއެވެ.

އިންޑިއާގެ ވޮކްހާޑް ހޮސްޕިޓަލްސްގެ ކުޅިވަރުގެ ބޭސްފަރުވާ އާއި ކަށީގެ ޚާއްޞަ ޑޮކްޓަރެއް ކަމަށްވާ ޑރ. ޣަޒަންފަރު ޕަޓޭލް ވިދާޅުވާ ގޮތުގައި މެރަތަން ފަދަ ގިނަ ވަގުތު ދެމިގެންދާ ހަރަކާތްތަކުގެ ސަބަބުން މި ހާލަތު މެދުވެރިވާ ގޮތާއި އޭގެ އަސަރު ހިތަށް ކުރާ ސަބަބުތައް ދެނެގަތުމަކީ ކޮންމެ ދުވުންތެރިއަކު ވެސް ކޮންމެހެން ސަމާލުވާންޖެހޭނެ ކަމެކެވެ.

ދިގު ދުވުންތަކުގައި ހަށިގަނޑަށް ކެތްނުވާ ވަރަށް ބާރުބޮޑުވުމަކީ މަސްތައް ހަލާކުވެ ސިއްހީ ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހޭ ކަމެއް ކަމަށް ޑޮކްޓަރުން ވިދާޅުވޭ--ފޮޓޯ/ހިންދުންސްތާންޓައިމްސް

ރެބްޑޮމައިއޮލިސިސް މެދުވެރިވަނީ ގިނަ ވަގުތު މެދުކެނޑުމެއްނެތި މަސްތަކަށް ބާރުބޮޑުވުމުގެ ސަބަބުން މަސްތަކުގެ ފައިބަރުތައް ހަލާކުވެ އޭގައި ހުންނަ މައިއޯގްލޯބިން ފަދަ ޕްރޮޓީންތައް ލޭގެ ތެރެއަށް ދޫވުމުންނެވެ. ދުވުމުގައި ކުރާ ބުރަ މަސައްކަތް ބޮޑުވެ ވަރުބަލިކަން ފިލުވައިލުމަށް އެކަށީގެންވާ ވަގުތު ނުލިބޭނަމަ މި ހާލަތު މެދުވެރިވުމުގެ ފުރުސަތު އިންތިހާއަށް އިތުރުވެގެންދެއެވެ.

ޚާއްޞަކޮށް ހަށިގަނޑުން ފެން މަދުވުމާއި ހޫނުގަދަ އަދި ތެއްކަން ބޮޑު މާހައުލެއްގައި ދުވުމަކީ މި ނުރައްކާ އެތައް ގުނައަކަށް ބޮޑުކޮށްލާ ކަމެކެވެ. މަސްތައް ހަލާކުވެގެން ލޭގެ ތެރެއަށް ބޭރުވާ މާއްދާތަކުގެ ސަބަބުން ކިޑްނީ ފޭލްވުމަށް މަގުފަހިވާ އިރު މުޅި ހަށިގަނޑުގެ ކެމިކަލް އަދި އިލެކްޓްރޮލައިޓް ބެލެންސް އެއްކޮށް ގެއްލިގެންދެއެވެ.

މަސްތަކުގެ ސެލްތައް ބައިބައިވެ ހަލާކުވަމުންދާއިރު ލޭގެ ތެރެއަށް ގިނަ އަދަދަކަށް ޕޮޓޭސިއަމް ބޭރުވެގެންދެއެވެ. ލޭގައި ޕޮޓޭސިއަމްގެ މިންވަރު ކުއްލިއަކަށް އިންތިހާއަށް މައްޗަށް ދިއުމަކީ ހިތުގެ ވިންދު ހަމަހަމަކޮށްދޭ އިލެކްޓްރިކަލް ނިޒާމަށް ބޮޑެތި ބުރޫތަކެއް އަރުވައި ނުރައްކާތެރި ގޮތަކަށް ވިންދުގެ ތަރުތީބު ގެއްލި ކުއްލިއަކަށް ހިތް ހުއްޓުމަށް މެދުވެރިވާ މައިގަނޑު ސަބަބެވެ. މީގެ އިތުރުން ކިޑްނީއަށް ލިބޭ ކުއްލި ގެއްލުމުގެ ސަބަބުން މި މައްސަލަ އިތުރަށް ގޯސްވެ ހާލަތު އަތުނުވާ ހިސާބަށް ނުރައްކާވެއެވެ.

ނަމަވެސް މެރަތަން ދުވުމުގެ ތެރޭގައި ހިތް ހުއްޓޭ ކޮންމެ ފަހަރަކީ ރެބްޑޮމައިއޮލިސިސް ކަމަށް ނިންމުމަކީ ޞިއްޙީ ގޮތުން ރަނގަޅު ވިސްނުމެއް ނޫން ކަމަށް ޑޮކްޓަރު ފާހަގަކުރައްވައެވެ. މިއީ ކުރިން ދެނެގަނެވިފައި ނުވާ ހިތުގެ އެހެން ބައްޔެއްގެ ސަބަބުން ނުވަތަ ހޫނުގަދަވެގެން ކުރިމަތިވާ ހީޓް ސްޓްރޯކެއްގެ ސަބަބުން ވެސް ވެދާނެ ކަމަކަށް ވާތީ މިކަން ސާފުވާނީ ހަމައެކަނި ޑޮކްޓަރުންގެ ޓީމެއްގެ ތަހުލީލުތަކަށް ފަހުގައެވެ.

ކަސްރަތު ކުރުމަށްފަހު ވަރުބަލިކަމާއި ކުޑަކޮށް ގައިގައި ރިއްސުމަކީ އާންމު ކަމަކަށް ވިޔަސް ބައެއް އަލާމާތްތަކަކީ ހަށިގަނޑު ނުރައްކަލަށް ހުށަހެޅެމުންދާކަން އަންގައިދޭ ރަނގަބީލެކެވެ. އެގޮތުން ދުވި ދުވުމާ ނުބައްދަލު މިންވަރަކަށް މަސްތަކުގައި އާދަޔާ ޚިލާފަށް ގަދައަށް ރިއްސުމާއި އާދައިގެ ހަރަކާތްތައް ކުރުމަށް ވެސް ދަތިވާ ވަރަށް މަސްތަކުގެ ބާރުދެރަވުމަކީ ދޫކޮށްލައިގެން ވާނެ ކަންކަމެއް ނޫނެވެ.

މާބޮޑަށް ބާރުބޮޑުވެ މަސްތައް ހަލާކުވުމުން ބޭރުވާ މާއްދާތަކުގެ ސަބަބުން ގުރުދާއާއި ހަށިގަނޑުގެ ނިޒާމަށް ގެއްލުންވަމުންދާ ގޮތް ދައްކުވައިދޭ ކުރެހުމެއް--ފޮޓޯ/ރެޑިފް

މީގެ އިތުރުން ގަދަޔަށް ރިއްސުމާއެކު މަސްގަނޑު ދުޅަވެ ހަރަކާތްކުރުން ހުއްޓުމަކަށް އައުމާއި ކުޑަކަމުދާ ތަކެތީގެ ކުލަ ސައިފަތް ނުވަތަ ކޯލާ ފަދަ ގަދަ މުށި ކުލައަކަށް ބަދަލުވުމަކީ ލޭގެ ތެރެއަށް މަސްތަކުގެ ޕްރޮޓީން ބޭރުވަމުންދާ ކަމުގެ ވަރުގަދަ ހެއްކެކެވެ. ހަމައެއާއެކު އާންމުކޮށް ކުޑަކަމުދެވޭ މިންވަރަށް ވުރެ ބޮޑުތަނުން މަދުވުމާއި މޭނުބައިކުރުމާއެކު އާދަޔާ ޚިލާފު ވަރުބަލިކަމެއް އިހުސާސްވާނަމަ އެއީ އާދައިގެ ވަރުބަލިކަމެއް ކަމަށް ބަލައި އަޅާނުލާ ދޫކޮށްނުލައި ވަގުތުން ދުވުން ހުއްޓާލުމަށްފަހު ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަންޖެހެއެވެ.

ރެބްޑޮމައިއޮލިސިސް ފަދަ ނުރައްކާތެރި ހާލަތަކުން ރައްކާތެރިވުމުގެ އެންމެ މުހިންމު މަސައްކަތް ފެށެނީ ރޭސް ބާއްވާ ދުވަހުގެ މާ ކުރިން ތަމްރީނުތަކުގެ ތެރެއިންނެވެ. ހަށިގަނޑަށް ކުރިމަތިވާ ބުރައަށް ހޭނުމުގެ ފުރުސަތު މަސްތަކަށް ދިނުމުގެ ގޮތުން ދުވާ ދުރުމިނާއި ތަމްރީނުތަކުގެ ބާރުމިން އިތުރުކުރަންވާނީ މަޑުމަޑުން ވަގުތު ދީގެންނެވެ.

ހަމައެހެންމެ ހަރުދަނާ ތަމްރީނަކާ އެއްވަރަށް މަސްތައް އަލުން އާރާސްތުވުމަށް އެކަށީގެންވާ އަރާމު ދިނުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. ކެއުމުގައި ހަކަތަ ދެމެހެއްޓުމަށް ބޭނުންވާ ކާބޯހައިޑްރޭޓްސް ހިމެނުމާއެކު ހަށިގަނޑުން ބޭރުވާ ދަލާއި މޫސުމަށް ރިއާޔަތްކޮށް އެކަށޭނަ މިންވަރަކަށް ފެން ބޯންޖެހެއެވެ. މީގެ އިތުރުން މާބޮޑަށް ހޫނުގަދަ އަދި ތެއްކަން ބޮޑު މޫސުމުގައި ދުވުމުގެ ސްޕީޑް ދަށްކުރުމަށާއި މެންދުރުގެ ހޫނުގަދަ ވަގުތުތަކުގައި ނުދުވެ ހަށިގަނޑު އޯވަހީޓްވާ ކަމުގެ ޢަލާމާތްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ފުރާނަ ސަލާމަތްކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.

comment ކޮމެންޓް