"އަމާން ދޯދި 16އާ ޖެހިގެން އޮތް ބިމުގައި އަޅާ ޕާކިން ބިލްޑިން ނިމެންދެން، ޕާކުކުރެވޭނެ ޖާގަ ހަމަޖައްސައިދޭނަން"

އަމާން ދޯދި 16އާ ޖެހިގެން އޮތް ހުސް ބިން: އެ ބިމުގައި މިހާރު ދަނީ ޕާކިން ބިލްޑިންއެއް އެޅުމުގެ މަސައްކަތް ކުރަމުން -- ސަން ފޮޓޯ

ހުޅުމާލެ އަމާން ދޯދި ޓަވަރު 16 އާ ޖެހިގެން އޮތް ހުސް ބިމުގައި އަޅަނީ ޕާކިން ބިލްޑިންއެއް ކަމަށާއި, އެތަން ތަރައްގީކުރެވެންދެން އެތަނުގައި ޕާކުކުރާ އުޅަނދުތަކަށް ފަސޭހައިން ޕާކުކުރެވޭނެ ޖާގަ ހަމަޖައްސައިދޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

އަމާން ދޯދި ޓަވަރު 16 އާ ޖެހިގެން އޮތް ހުސް ބިމަކީ ގިނަ ބަޔަކު ޕާކިން ޒޯނެއްގެ ގޮތުގައި ބޭނުންކުރި ބިމެކެވެ.

ނަމަވެސް މިފަހުން އެ ބިމުގައި މަސައްކަތްކުރާތީ، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ޕާކުކުރާނެ ޖާގަ ވަނީ ގެއްލިފައެވެ. އަދި އެ ސަރަހައްދުގެ އެކި ދިމަދިމާލުގައި ސައިކަލުތަކާއި ހަތަރު ފުރޮޅުލީ އުޅަނދުތައް ހުރީ ޕާކުކޮށްފައެވެ.

އަމާން ދޯދި 16އާ ޖެހިގެން އޮތް ހުސް ބިމުގައި ޕާކިން ބިލްޑިން އަޅާތީ ވެހިކަލްތައް ޕާކުކުރާނެ ޖާގަ ނެތިފައި -- ސަން ފޮޓޯ

'ސަން' އަށް މައުލޫމާތު ދެއްވައި ހަމްދާން ވިދާޅުވީ އެ ހުސް ބިމުގައި މިހާރު ކުރަމުންދާ މަސައްކަތަކީ ޕާކިން ބިލްޑިންއެއް އެޅުން ކަމަށެވެ. ކުރިން ވެސް އޮތް ފަދައިން އެތަނުގައި ޕާކިން ބިލްޑިން އިމާރާތްކުރުމުގެ ޕްލޭނަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މަސައްކަތަކީ ކުރީ ސަރުކާރުން އިންޑިއާގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ އެންބީސީސީ އަދި ކޭޕީއައިއެލް ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކޮށްފައި އޮތް މަޝްރޫއެކެވެ.

ހަމްދާން ވިދާޅުވީ މިހާރު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެއްބަސްވުމުގައިވާ ގޮތުން ފުލެޓްތަކަށް ކަނޑައަޅާފައިވާ ޕާކިން ޖާގަ އެކަށީގެންވާ ވަރަށްވުރެ މަދު ކަމަށް ހަމްދާން ވިދާޅުވިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް -- ސަން ފޮޓޯ

އެހެންކަމުން މިހާރު ސަރުކާރުގެ އަމާޒަކީ ކޮންމެ ޔުނިޓަކަށް މަދުވެގެން ދެ ސައިކަލު ޕާކުކުރާނެ ޖާގަ ހަމަޖައްސައިދިނުން ކަމަށް ހަމްދާން ވިދާޅުވިއެވެ.

"މިހާރުވެސް އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކޮށްފައި އެބަހުރި. މި އިމާރާތުގެ ތަރައްގީއާއެކު އެކަމަށް ހައްލެއް ލިބިގެންދާނެ،" ހަމްދާން ވިދާޅުވިއެވެ.

އެ އިމާރާތުގެ މަސައްކަތް ނިމެންދެން ވަގުތީ ގޮތުން، އެ ސަރަހައްދާ ކައިރި ފުލެޓްތަކުގެ ވެރިންނަށް ފަސޭހައިން ޕާކުކުރެވޭނެ ޖާގަ ހަމަޖައްސައިދޭނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.

ހުޅުމާލޭގެ އަމާން ދޯދި ޓަވަރު 16 އާ ޖެހިގެން އޮންނަ ހުސް ބިމުގައި ޕާކިން އިމާރާތެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދަނީ ކުރަމުންނެވެ. މި މަޝްރޫއަކީ ކުރީ ސަރުކާރުން އިންޑިއާގެ ކުންފުނިތަކަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މީގެ ކުރިން އާންމުން ޕާކުކުރުމަށް ބޭނުންކުރި މި ބިމުގައި އިމާރާތްކުރަން ފެށުމާ ގުޅިގެން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މަސައްކަތް ނިމެންދެން ވަގުތީ ޕާކިން ޖާގަ ހަމަޖައްސައިދިނުމަށް އެ ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.

  • އަމާން ދޯދި 16 އާ ޖެހިގެން އޮތް ބިމުގައި ޕާކިން އިމާރާތެއް އެޅުމުގެ އަމަލީ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ފަށާފައި.
  • އިމާރާތުގެ މަސައްކަތް ނިމެންދެން، އެ ސަރަހައްދުގެ އާންމުންނަށް ވަގުތީ ޕާކިން ސަރަހައްދެއް ކަނޑައަޅައިދޭނެ.
  • ސަރުކާރުގެ އަމާޒަކީ ކޮންމެ ފްލެޓަކަށް މަދުވެގެން ދެ ސައިކަލު ޕާކުކުރެވޭނެ ޖާގަ ކަށަވަރުކޮށްދިނުން.
  • މި މަޝްރޫއު ނިމުމުން، ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކުކުރުމަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ.
comment ކޮމެންޓް