މަސައްކަތުގެ މާހައުލު ބަދަލުކޮށްލުމުގައި ހަރުދަނާ ގުޅުމުގެ ދައުރު

ޒަމާނީ މަސައްކަތުގެ ވެށީގައި މުވައްޒަފުން އެންމެ ބޮޑަށް އިސްކަންދެނީ ވަޒީފާއިން ލިބޭ ނަފްސާނީ ހިތްހަމަޖެހުމަށެވެ. ލީޑަރުންގެ އަމަލުތަކުން މަސައްކަތުގެ މާހައުލުގެ މިޒާޖު ކަނޑައަޅާއިރު، އޯގާތެރިކަމާއި އިތުބާރުގެ މައްޗަށް ބިނާވާ ލިފްޓްކަލްޗަރ އަކީ ކާމިޔާބީގެ އަސާސެވެ. މުވައްޒަފުންގެ އިހުސާސްތައް ދަނެގެން، އެމީހުންގެ މަސައްކަތުގެ އަގުވަޒަންކުރާ ތަންތަނުގައި އުފެއްދުންތެރިކަން އިތުރުވެ، ވަޒީފާގައި ދެމިތިބުމުގެ ނިސްބަތް މަތިވާކަން ރާއްޖޭގައި ކުރެވިފައިވާ ދިރާސާތަކުން ސާބިތުވެއެވެ.

  • މުވައްޒަފުން ވަޒީފާގައި ދެމިތިބުމަށް މުސާރައަށްވުރެ ބޮޑަށް، އެމީހުންގެ މަސައްކަތުގެ އަގުވަޒަންކުރުން މުހިންމުކަން ރާއްޖޭގެ ދިރާސާތަކުން ދައްކައެވެ.
  • ލީޑަރުން މުވައްޒަފުންގެ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމުން، މަސައްކަތުގެ ނަތީޖާ 30 އިންސައްތައަށްވުރެ ބޮޑަށް އިތުރުވެގެންދެއެވެ.
  • ބިރުދައްކައިގެން ކަންކަން ކުރުވުމުގެ ސަބަބުން މުވައްޒަފުން ވަރުބަލިވެ، މަސައްކަތުގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށްވެގެންދެއެވެ.
  • ދިވެހިންނަކީ ގުޅުންތަކަށް ލޯބިކުރާ ބަޔަކަށްވުމުން، އާއިލީ ގޮތެއް ހުންނަ މާހައުލުތަކުގައި ޓީމުގެ މެދުގައި އޮންނަ އިތުބާރު ބޮޑުވެއެވެ.
  • މަސައްކަތުގެ މާހައުލުގައި މީހުން ހަރުލަނީ ލީޑަރުގެ އޯގާތެރިކަމުންކަން ކީރިތި ޤުރުއާނުންނާއި އޮޑިޓްތަކުން ސާބިތުވެއެވެ.
  • ލީޑަރުންނަކީ މަސައްކަތުގެ މާހައުލުގެ މޫސުން ކަނޑައަޅާ މީހުންނެވެ.
  • އިތުބާރާއި ރައްކާތެރިކަން އޮންނަ މާހައުލެއްގައި އުފެއްދުންތެރިކަން އިތުރުވެއެވެ.
  • މުވައްޒަފުންގެ އިހުސާސްތަކަށް އިހުތިރާމްކުރުމަކީ ދެމެހެއްޓެނިވި ކާމިޔާބީގެ ސިއްރެވެ.

މިއަދުގެ ވާދަވެރި ދުނިޔޭގައި ލީޑަޝިޕާ ބެހޭ ގޮތުން އެންމެ ގިނައިން ދެކެވޭ ވާހަކަތަކަކީ ސްޓްރެޓެޖީތަކާއި، ކަނޑައެޅޭ ޓާގެޓްތަކާއި، އާ އީޖާދުތަކުގެ އިތުރުން މަސައްކަތުގެ ނަތީޖާ ނުވަތަ ޕާފޯމަންސާ ގުޅުންހުރި ވާހަކަތަކެވެ. މިއީ ކާމިޔާބީއަށްޓަކައި ކޮންމެހެން މުހިންމު ކަންކަމެވެ. ނަމަވެސް، ޒަމާނީ މަސައްކަތުގެ ވެއްޓަށް އަންނަމުންދާ އެންމެ ބޮޑު އެއް ބަދަލަކީ މުވައްޒަފުންގެ ވިސްނުމަށް އަންނަ ބަދަލެވެ.

މިއަދު މުވައްޒަފުން ކުރާ ސުވާލަކީ، "އަހަރެން ކުރަންވީ ކޮންކަމެއް؟" ހެއްޔޭއެވެ. އޭގެ ބަދަލުގައި އެމީހުން ކުރާ އެންމެ ބޮޑު ސުވާލަކީ "މިތަނުން އަހަންނަށް ލިބެނީ ކޮންކަހަލަ ހިތްހަމަޖެހުމެއް؟" ތޯ ކުރާ ސުވާލެވެ. އެހެންކަމުން، މިއަދު ލީޑަޝިޕްގެ އެންމެ މުހިންމު އެއް ދައުރަކަށް ވެފައި ވަނީ މުވައްޒަފުން މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަދަ މާހައުލެއް ތަނުގައި ގާއިމުކޮށްދިނުމެވެ.

ޅ. އަތޮޅު ތައުލީމީ މަރުކަޒާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އަޅުގަނޑު ހޭދަކުރި ދުވަސްތަކުން ފެށިގެން، ދާމާސްގައި ހޭދަކުރި ދުވަސްތަކާއި، މިހާރު ދަ ހެޕިނަސް ކްލަބްގެ ތެރެއިން ކުރިއަށް ގެންދާ ސެޝަންތަކުން އަޅުގަނޑަށް ފެނުނު އެއް ހަގީގަތަކީ، މަސައްކަތުގެ މާހައުލުގައި އޮންނަ ރޫހާއި ޖޯޝަކީ، މީހުންގެ އިހުސާސްތަކާ ގުޅިފައިވާ އެއްޗެއް ކަމެވެ. އެއްވެސް މީހަކު އެމީހަކު މަސައްކަތްކުރި ތަނަކުން އެމީހަކަށް ކުރެވުނު އިހުސާސްތައް ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ ކަމެވެ.

ލީޑަރަކީ މަސައްކަތުގެ މާހައުލުގެ ފިނިހޫނުމިން (މޫސުން) ހެޔޮވަރުކޮށްދޭ މީޒާނެވެ. ލީޑަރަކު ތަނަކަށް ވަދެގެން އަންނައިރު އެތަނުގެ މުޅި މާހައުލަށް ބަދަލު އާދެއެވެ. ބައެއް ފަހަރު ހަމަހިމޭންކަން ތަނަށްވެރިވެ، އަނެއްބައި ފަހަރު ނުތަނަވަސްކަމާއި ބިރުވެރިކަމުގެ އިހުސާސް މީހުންގެ ހިތަށްވެރިވެއެވެ. ނަމަވެސް ރަނގަޅު ލީޑަރަކު ވަނުމުން އެތަނެއްގައި އުންމީދުގެ ހުޅުކޮޅެއް ދިއްލިގެންދެއެވެ.

ލީޑަރުން އެމީހުންގެ ހާޒިރީއިން މުވައްޒަފުންގެ ހިތުގައި އުފައްދާ އިހުސާސްތަކަކީ އަޅުނގަޑުމެން ހީކުރާވަރަށްވުރެ މާފުން އަދި މާ ބާރުގަދަ ނަތީޖާއެއް އެއިން އުފަންކުރުވާ ކަމެކެވެ.

މަސައްކަތުގެ މާހައުލުގައި އެންމެ މުހިންމު އެއް އަސާސަކީ އިތުބާރެވެ. އިތުބާރަކީ ބުނާބަހާއި ކުރާކަމާ ދިމާވުމާއި، އިހުތިރާމާއެކު ކަނުލާ އަޑުއެހުމާއި، ދަތި އުނދަގޫ ހާލަތްތަކުގައި ވެސް އިންސާފުވެރިވުމުން އުފެދޭ އެއްޗެކެވެ. މީހުން ބިނާކުރުމުގައި އަޅުގަނޑު ކުރި ތަޖުރިބާތަކުން އެނގުނު ގޮތުގައި، މުވައްޒަފުން އެންމެ ބޮޑަށް ބޭނުންވަނީ އެމީހުންގެ އަޑުއަހާ، ހާލުބަލާ، އަދި ކުރާ މަސައްކަތުގެ އަގުވަޒަންކުރާ ތަނަކަށް މަސައްކަތްކުރާ ތަން ވުމެވެ. އަދި ޚާއްސަކޮށް ތިމާ ބަލައިގަންނަ ތަނަކަށް ނިސްބަތްވާކަމުގެ އިހުސާސް ކުރެވުމަކީ މީހުން އުފާވާ އަދި އެމީހުންގެ ހިތްވަރު އާލާވާ ކަމެކެވެ.

ބިރުދައްކައިގެން މީހުން ކިޔަމަންތެރި ކުރުވިދާނެއެވެ. އެހެންނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި މީހުންގެ މަސައްކަތުން ކުރިއެރުން ހޯދޭނީ ރައްކާތެރިކަމުގެ އިހުސާސް ކުރެވޭ މާހައުލުތަކުންނެވެ. މިފަދަ މާހައުލެއް ބިނާކުރުމުގައި ލީޑަރުންގެ ސާބިތުކަމާއި އަބަދުމެ އެއްގޮތަކަށް ކަންކުރުމުގެ އާދައެއް އޮތުމަކީ މުހިންމުކަމެވެ.

https://sun.mv/216784

ބައެއްފަހަރު ވަރަށް ގާތްކޮށް، އަނެއްބައިފަހަރު ރުޅިވެރިކަމާއެކު މުއާމަލާތު ކުރުމުން، އެމީހަކަށް އިތުބާރުކުރާކަށް މުވައްޒަފުންނަކަށް ނޭނގޭނެއެވެ. މުވައްޒަފުންނާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމާއި، ސަޔެއްގައި ބައިވެރިވުމާއި، "ޝުކުރިއްޔާ" އޭ ބުނެލުމުން އެ އުފެދޭ ގުޅުމަކީ މުވައްޒަފުން މަސައްކަތަށް ހުންނަ ފޯރިއާއި ޖޯޝް ވަރުގަދަކޮށްދޭ ބާރެކެވެ.

މަސައްކަތުގެ މާހައުލުގެ މުސްތަގުބަލަކީ ހަމައެކަނި ޑިޖިޓައިޒޭޝަނެއް ނޫނެވެ. އިންސާނިއްޔަތުކަމާ ރަނގަޅު ގާތް ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. މީހަކަށް އުފާވެރިކަމުގެ އިހުސާސް ގެނުވާ، ހިތްވަރުދިނުމުން، އެމީހުން އެހެން މީހުންނަށްވެސް އެހީތެރިވާނެއެވެ. މިއީ އަޅުގަނޑު ގެނެސްދޭ "ލިފްޓްކަލްޗާ" ގެ މައިގަނޑު ފަލްސަފާއެވެ. ކޮންމެ މުއާމަލާތަކީ ވެސް މީހެއްގެ އިހުސާސްތަކަށް ހެޔޮ ބަދަލެއް ގެނައުމަށް ލިބޭ ފުރުސަތެކެވެ.

ރާއްޖޭގައި މަސައްކަތުގެ މާހައުލުގެ ސަގާފަތާއި މުވައްޒަފުންގެ ހިތްހަމަޖެހުމާ ބެހޭގޮތުން ކުރެވިފައިވާ ދިރާސާތަކުން ވެސް ލިފްޓްކަލްޗާ ފިލޯސޮފީއަށް ބާރު ލިބެއެވެ. އެގޮތުން،

  1. ރާއްޖޭގެ ރިސޯޓުތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް ހަދާފައިވާ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، މުވައްޒަފަކު ވަޒީފާގައި ދެމިހުރުމަށް ނިންމާ އެންމެ ބޮޑު ސަބަބަކީ ހަމައެކަނި މުސާރައެއް ނޫނެވެ. އޭގެ ބަދަލުގައި، މުވައްޒަފަށް އެތަނެއްގައި "އޭނާގެ އަގުވަޒަން ކުރެވޭކަމުގެ އިހުސާސް" ކުރެވުމަކީ ވަޒީފާގައި ދެމިހުރުމަށް ބާރުއަޅާ އެންމެ މުހިންމު ކަންތަކެވެ.
  2. ދިވެހިރާއްޖޭގެ ބޮޑެތި ކުންފުނިތަކުގައި ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި، ސުޕަވައިޒަރުން ނުވަތަ މެނޭޖަރުން މުވައްޒަފުންނާ ބާއްވާ ގުޅުމަކީ މަސައްކަތުގެ މާހައުލުގެ "ފިނިހޫނުމިން" ކަނޑައަޅާ މައިގަނޑު އަސާސެވެ. ލީޑަރުން މުވައްޒަފުންގެ އާއިލާގެ ހާލަތާއި ދުޅަހެޔޮކަމަށް އަޅާލާކަމުގެ އިހުސާސް ކުރެވޭނަމަ، އެ މުވައްޒަފުންގެ މަސައްކަތުގެ ނަތީޖާ 30 އިންސައްތައަށް ވުރެ ބޮޑަށް އިތުރުވާކަމަށް ފާހަގަކުރެވިފައިވެއެވެ.
  3. ދިވެހިންނަކީ ގުޅުންތަކަށް ވަރަށް ބޮޑަށް ބަރޯސާވާ ސަގާފަތެއްގެ ބަޔަކަށްވުމުން، މަސައްކަތުގެ މާހައުލުގައި "އާއިލީ" ގުޅުމެއް އޮތްކަމުގެ އިހުސާސް ކުރެވުމަކީ ދިވެހިންނަށް ވަރަށް މުހިންމު ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި، ޓީމު އިވެންޓްތަކާއި، އެކުގައި ކެއުމާއި، ހިތްހަމަޖެހޭ ވަގުތުތަކެއް ހޭދަކުރާ މާހައުލުތަކުގައި މުވައްޒަފުންގެ މެދުގައި އޮންނަ އިތުބާރު ބޮޑެވެ.
  4. ބައެއް އޮފީސްތަކާއި ކުންފުނިތަކުގައި ކުރެވިފައިވާ ސާވޭތަކުން އެނގޭގޮތުގައި، ލީޑަރުންނަށް ބިރުން މަސައްކަތްކުރަން ޖެހޭ މާހައުލުތަކުގައި މުވައްޒަފުންގެ އުފެއްދުންތެރިކަން ދަށްވެ، "ބާންއައުޓް" ނުވަތަ މާބޮޑަށް ވަރުބަލިވުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެއެވެ.

މަސައްކަތުގެ މާހައުލަކީ ގާތްގުޅުމުއްގެ މައްޗަށް ބިނާވެފައިވާ، މުވައްޒަފުންގެ އަގު ވަޒަންކުރާ ކަމުގެ އިހުސާސްކުރެވޭ މާހުލަކަށް ހެދުމަށް ކުރާ މަސައްކަތުން، އުފެއްދުން އިތުރުވެގެންދާނެކަން ކަށަވަރެވެ. އެކަމަށްޓަކައި ބޭނުންވަނީ ސާބިތުކަމާއެކު މުވައްޒަފުންނަށް އެމީހުން ކުރާ މަސައްކަތުން ލިބޭ ހިތްހަމަޖެހުމަށް އިސްކަންދޭނެ އަދި އެމީހުންނަށް އިހުތިރާމްކުރާ ލީޑަރުންނެވެ.

މުވައްޒަފުންނާ މުއާމަލާތުކުރުމުގައި އޯގާތެރިވުމާއި، އިތުބާރު ދެމެހެއްޓުމަކީ، ކީރިތި ގުރުއާނުން ވެސް ކަންކުރަންވީ ގޮތް އަޅުގަނޑުމެންނަށް ފެންނާން އޮތް މަގެވެ.

ކީރިތި ގުރުއާނުގައި މާތްﷲ ވަޙީބަސްފުޅުގައި އައިސްފައިވެއެވެ. فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ. މާނައީ: "ކަލޭގެފާނު އެއުރެންނަށް އޯގާތެރިވެވަޑައިގަތީ، ﷲގެ حضرة ން އައި ރަޙްމަތެއްގެ ސަބަބުންނެވެ. ކަލޭގެފާނަކީ ހިތްޕުޅު ހަރުކަށި، ޚުލުޤުފުޅު ނުބައި ބޭފުޅަކު ކަމުގައިވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ." (ސޫރަތުލް އާލްޢިމްރާން: 159)

މި އާޔަތުން އެނގެނީ ލީޑަރަކީ ހަރުކަށި މީހަކަށް ވެއްޖެނަމަ، މީހުން އެމީހަކާއެކު ދެމިނުތިބޭނެ ކަމެވެ. މަސައްކަތުގެ މާހައުލުގައި މީހުން ހަރުލަނީ ލީޑަރުގެ އޯގާތެރިކަމުންނެވެ. މިއީ އަޅުގަނޑުގެ މަސައްކަތުގެ ހަޔާތުގައި ތަފާތު ތިންފަހަރެއްގެ މަތީން، އެކްސްޓާނަލް އޮޑިޓަރުންގެ އެހީގައި ކުރިއަށް ގެންދިޔަ އެޗްއާރު އޮޑިޓުންވެސް ފާހަގަވި އެއް ހަގީގަތެވެ.

ގުޅޭ ޓެގު
comment ކޮމެންޓް