ގެގް އޯޑަރު އިސްތިއުނާފު ކުރުމުގެ ހައްގު އެމްޖޭއޭއަށް ލިބިގެން ނުވާކަމަށް ނިންމީ ގަވައިދާ ޚިލާފަށް: އަބްދުﷲ ދީދީ

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ: ވިދާޅުވީ ގެގް އޯޑަރު އިސްތިއުނާފު ކުރުމުގެ ހައްގު އެމްޖޭއޭއަށް ލިބިގެންވާ ކަމަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓަށް ހުށަހެޅި ގެގް އޯޑަރުގެ އިސްތިއުނާފު ބަލައިނުގަނެ ބޭރުކޮށްލުމަކީ އިސްތިއުނާފުކުރުމުގެ އަސާސީ އުސޫލުތަކާ ޚިލާފު ނިންމުމެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން، ކޯޓުތަކުން އިއްވާ ހުކުމްތަކާއި ނެރޭ އަމުރުތައް އިސްތިއުނާފުކުރުމުގެ ހައްގަކީ މައްސަލައާ ގުޅުންހުރި ކޮންމެ ފަރާތަކަށްމެ ލިބިގެންވާ އަސާސީ ހައްގެކެވެ. އެހެންކަމުން ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރަން އުފައްދާފައިވާ ޕްރޮފެޝަނަލް ޖަމިއްޔާއަކަށް މި ހައްގު ނުލިބޭނެކަމަށް ކަނޑައެޅުމަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އާބިޓްރަރީ އަދި ބަލައިގަނެވޭނެ ނިންމުމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

  • އެމްޖޭއޭއަށް އިސްތިއުނާފުކުރުމުގެ ހައްގު ނެތްކަމަށް ކަނޑައަޅައި މައްސަލަ ރިޖެކްޓްކުރީ ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝީދާއެވެ.
  • ޑރ. ދީދީ ވިދާޅުވީ ކްރިމިނަލް ކޯޓުގެ އަމުރު ރައްދުވާ ފަރާތްތަކުގެ ތެރޭގައި ނޫސްވެރިން ޝާމިލުވާކަން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.
  • ހައިކޯޓުން މައްސަލަ ބޭރުކޮށްލުމުން، އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ ފަރާތުން މިހާރު ވަނީ އަލުން އެ މައްސަލަ އިސްތިއުނާފުކޮށްފައެވެ.
  • ގެގް އޯޑަރާ ޚިލާފުވިކަމަށް ބުނެ ދެ ނޫސްވެރިޔަކު ޖަލަށް ލާފައިވާއިރު، މި އަމުރަކީ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ބޮޑު ހުރަހެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
  • އެމްޖޭއޭގެ އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލީ ގަވާއިދާ ޚިލާފަށެވެ.
  • އިސްތިއުނާފުކުރުމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެކެވެ.
  • ކްރިމިނަލް ކޯޓުގެ ގެގް އޯޑަރާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުން ވަރަށް ބޮޑެވެ.

މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އަށް ގެގް އޯޑަރު އިސްތިއުނާފު ކުރުމުގެ ހައްގު ލިބިގެން ނުވާކަމަށް ހައިކޯޓުން ނިންމީ އިސްތިއުނާފުކުރުމުގެ އަސާސީ ގަވާއިދުތަކާއި އުސޫލުތަކާއި އިޖުރާއާތުތަކާ ޚިލާފަށް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އެ އަމުރު ހައިކޯޓުން މިއަދު ރިޖެކްޓްކުރީ އެ އަމުރު އިސްތިއުނާފުކުރުމުގެ ހައްގު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނަށް ނެތް ކަމަށް ބުނެއެވެ. އެ ނިންމުން ނިންމީ ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝީދާއެވެ.

https://sun.mv/222104

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ދީދީ ވިދާޅުވީ އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ޝަރީއަތް ހިންގުން ކަަވަރުކޮށްދޭ އެންމެ އަސާސީ އެއް މަބްދައަކީ އިސްތިއުނާފުކުރުމުގެ ހައްގުކަން އެނގެން އޮންނައިރު، ކޯޓުތަކުން އިއްވާ ހުކުމްތަކާއި ނެރޭ އަމުރުތައް އިސްތިއުނާފުކުރުމުގެ ހައްގަކީ މައްސަލައާ ގުޅުންހުރި ކޮންމެ ފަރާތަކަށްވެސް ލިބިގެންވާ ހައްގެއްކަމަށް ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން ނެރުނު އަމުރު ރައްދުވާ ފަރާތްތަކުގެ ތެރޭގައި ނޫސްވެރިން ވެސް ޝާމިލުވެގެންވާކަން އެނގެން އޮންނަ ކަމަށް ދީދީ ވިދާޅުވިއެވެ.

އެހެންކަމުން ނޫސްވެރިންގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތް ކުރުމަށް އުފައްދާފައިވާ ޕްރޮފެޝަނަލް އޮގަނައިޒޭޝަން ކަމަށްވާ އެމްޖޭއޭއަށް އެ އަމުރު އިސްތިއުނާފު ކުރުމުގެ ހައްގު ލިބިގެން ނުވާކަމަށް ކަނޑައަޅައި ނިންމާފައިވާ ނިންމުމަކީ އިސްތިއުނާފުކުރުމުގެ އަސާސީ ގަވާއިދުތަކާއި އުސޫލުތަކާއި އިޖުރާއާތުތަކާ ޚިލާފަށް ނިންމާފައިވާ އާބިޓްރަރީ ނިންމުމެއްކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ދީދީ ވިދާޅުވިއެވެ.

އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލުމާއެކު، އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ ފަރާތުން އަލުން އެ މައްސަލަ ހައިކޯޓުގައި މިއަދު ވަނީ އިސްތިއުނާފު ކޮށްފައެވެ.

މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ނެރުނު މި އަމުރު އެމްޖޭއޭއިން ހައިކޯޓަށް ހުށަހެޅިއިރު، މި އަމުރާ ޚިލާފުވެގެން ކަމަށް ބުނެ، ދެ ނޫސްވެރިޔަކު ވަނީ ޖަލަށް ވެސް ލާފައެވެ.

https://sun.mv/222117

އެ އަމުރަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމްޖޭއޭއިން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ މި އަމުރަކީ މުޅި މުޖުތަމައަށް އަމާޒުކޮށް ނެރެފައިވާ އަމުރަކަށްވާއިރު، މީގެ ސަބަބުން އާންމު ރައްޔިތުންނާއި ނޫސްވެރިންގެ އަސާސީ ހައްގުތަކަށް އުނިކަން ލިބޭ ކަމަށެވެ.

comment ކޮމެންޓް