ބާރުގަދަ ސިންތެޓިކް ސްޓިމިއުލަންޓެއް ކަމަށްވާ "ކެޕްޓަގަން" ގެ 227 ކިލޯގްރާމް އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އަތުލައިގެންފިއެވެ.
އެންބީސީން ބުނީ އޮޕަރޭޝަން ރެގްޕިލް ގެ ދަށުން އެ ޑްރަގް އަތުލަގައިނެފައިވާއިރު، މެދުއިރުމައްޗަށް އެ ޑްރަގް ފޮނުވުމަށް ޓްރާންސިޓް މަގެއްގެ ގޮތުގައި އިންޑިއާ ބޭނުން ކުރަމުން އަންނަ ކަމަށެވެ.
ހަތަރު ދުވަހުގެ ތެރޭގައި ދެ ސްޓޭޓެއްގައި ހިނގި މި އޮޕަރޭޝަންގައި ސީރިއާގެ ރައްޔިތެއް ހައްޔަރުކޮށްފައި ވާއިރު، އޭނާގެ ޓޫރިސްޓް ވިސާ ހަމަވެ، ގަވާއިދާ ހިލާފަށް އިންޑިއާގައި އަހަރަކަށް ވުރެ ގިނަ ދުވަހު މަޑުކޮށްފައިވާ ކަމަށް އެންޑީޓީވީން ރިޕޯޓުކޮށްފައިވެއެވެ.
މި ތަހުގީގު ފެށުނީ ބޭރުގެ މަސްތުވާތަކެތީގެ ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ލިބުނު މައުލޫމާތަކާ ގުޅިގެން އިންޑިއާ ކެޕްޓަގަން ޓްރެފިކިންގެ ޓްރާންސިޓް ރޫޓެއްގެ ގޮތުގައި ބޭނުންކުރާކަން ފާހަގަވުުމުންނެވެ.
މި ޖާސޫސީ މައުލޫމާތަށް އަމަލުކޮށް އެންސީބީގެ އޮފިސަރުން މި މަހުގެ 11 ވަނަ ދުވަހު ނިއު ދިއްލީފައި ހުރި ގެއެއް ބަލައިފާސްކުރިއިރު، ގާތްގަނޑަކަށް 31.5 ކިލޯގެ ކެޕްޓަގަން ޓެބްލެޓް ފެނިފައިވެއެވެ. އެ ތަކެތި ހުރީ ބޭރަށް ފޮނުވަން ތައްޔާރުކޮށްފައި ހުރި ރޮށި ދަމާ މެޝިނެއްގެ ތެރޭގައި ފޮރުވާފައިވާ ކަމަށާއި ތަހުގީގުން މިހާތަނަށް އެގިފައިވާ ގޮތުން އެ ތަކެތި ފޮނުވަން ހަމަޖެހިފައި އޮތީ ސައުދީ އަރަބިއާ އަށް ކަމަށް އެންޑީޓީވީން ބުނެފައިވެއެވެ.

ކެޕްޓަގަން ޑްރަގް ގުޅަތައް ފޮރުވާފައި ހުރި ރޮށި ދަމާ މެޝިން. ފޮޓޯ/އެންޑީޓީވީ
އޭގެ ހަތަރު ދުވަސް ފަަހުން މި މަހުގެ 14 ވަނަ ދުވަހު އެންބީސީގެ ޓީމުތަކުން ވަނީ ގުޖްރާތުގައި ހުންނަ ކޮންޓެއިނާ ފެސިލިޓޭޝަން ސްޓޭޝަނެއްގައި ހުރި ސީރިއާއިން އައި ކޮންޓެއިނާއެއް ބަލައި ފާސްކޮށް 196 ކިލޯ ގްރާމްގެ ތަކެތި ހޯދާފައެވެ. އެ ކޮންޓެއިނަރަކީވެސް ސައުދީ އަރަބިއާއަށް ފޮނުވަން ހަމަޖެހިފައިވާ ކޮންޓެއިނަރެކެވެ.
މި ތަކެތީގެ އަގު ގާތްގަނޑަކަށް 19 މިލިއަން ޑޮލަރަށް އަރާއިރު މިއީ އިންޑިއާއިން މި ބާވަތުގެ ޑްރަގް އަތުލައިގަތް ފުރަތަމަ ފަހަރެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ސީރިއާ މީހާ އިންޑިއާއަށް އެތެރެވެފައި ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޓޫރިސްޓް ވިސާއެއްގައެވެ. ނަމަވެސް އޭނާގެ ވިސާގެ މުއްދަތު 2025 ވަނަ އަހަރު ޖެނުއަރީ މަހު ހަމަވެފައިވާއިރު، އޭނާ އަދިވެސް ހުރީ އިންޑިއާގައެެވެ. އޭނާ ދިރިއުޅެނީ އޮޕަރޭޝަންތައް ހިންގުމަށް ކުއްޔަށް ހިފާފައިވާ ތަނެއްގައެވެ.
ފެނެޓިލައިން އާއި އެމްފެޓަމިން ހިމެނޭ ކެޕްޓަގަން އަކީ މަސްތުވާތަކެއްޗާއި ސައިކޮޓްރޮޕިކް މާއްދާތައް (އެންޑީޕީއެސް) ގާނޫނުގެ ދަށުން ސައިކޮޓްރޮޕިކް (ބުއްދި ފިލައިދާ) މާއްދާއެއްގެ ގޮތުގައި ގިންތިކޮށްފައިވާ މާއްދާއެކެވެ.
ސީރިއާގައި 2011 ވަނަ އަހަރު ފެށުނު ދާޚިލީ ހަނގުރާމައިގެ ތެރޭގައި މި މަސްތުވާތަކެތި ވެގެންދިޔައީ ސީރިއާގެ އެންމެ ބޮޑު އެކްސްޕޯޓަށެވެ. އަދި މީގެ ވިޔަފާރިއަކީ ރައީސްކަމުން ދުރުކުރި ބައްޝާރުލް އަސަދުގެ ސަރުކާރަށް މާލީ އެހީތެރިކަން ހޯދި މައިގަނޑު ވަސީލަތަކަށްވިއެވެ.
މިއަދު މުޅި ގަލްފް ސަރަހައްދުގައި ވެސް މީގެ ބޭނުން ފުޅާދާއިރާއެއްގައި އަންނަނީ ކުރަމުން ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެއެވެ.
އެންސީބީން ދާދި ފަހުން ވަނީ އިކުއެޑޯއިން އައި ކޮންޓެއިނަރެއްގެ ތެރޭގައި ފޮރުވިފައިވާ 349 ކިލޯގެ ކޮކެއިންވެސްް މުމްބާއީން އަތުލައިގަނެފައެވެ.