2027 ވަނަ އަހަރު ބާއްވާ ކްރިކެޓް ވޯލްޑް ކަޕްގައި ކުޅޭނީ ޓީމަށް އޭނާގެ މުހިންމުކަން ގަބޫލުކުރާ ނަމަ އެކަނި ކަމަށާއި، އޭނާގެ ފެންވަރު ސާބިތުކޮށްދޭން މަޖުބޫރުވާ ފަދަ މާހައުލެއްގައި ނުކުޅޭނެ ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ބެޓްސްމަނުންގެ ތެރޭގައި ހިމެނޭ އިންޑިއާގެ ކުރީގެ ކެޕްޓަން ވިރާޓް ކޯލީ ބުނެފިއެވެ.
އުމުރުން 37 އަހަރުގެ ކޯލީ ވަނީ މިހާރު އިންޑިއާގެ ޓެސްޓް އަދި ޓީ20 ޓީމުން ރިޓަޔާކޮށްފައެވެ. ނަމަވެސް، އޭނާ އަދިވެސް އަންނަނީ 50 އޯވަރުގެ (އޯޑީއައި) ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.
އިންޑިއާއިން 2011 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ޓީމުގައި ހިމެނުނު ކޯލީ ވަނީ، މިދިޔަ އަހަރުގެ ޗެމްޕިއަންސް ޓްރޮފީ ކާމިޔާބީގައިވެސް ބޮޑު ހިއްސާއެއްވެފައެވެ.
އާރްސީބީ ޕޮޑްކާސްޓަށް ދިން އިންޓަވިއުއެއްގައި، ކުރިއަށް އޮތް ވޯލްޑް ކަޕާ ބެހޭގޮތުން ވާހަކަދައްކަމުން ކޯލީ ބުނީ، އޭނާގެ ސަބަބުން ޓީމަށް ކުރިއެރުމެއް ލިބޭނެ ކަމަށް ޓީމުގެ މާހައުލަށް ގަބޫލުކުރެވޭ ނަމަ، އޭނާ ކުޅެން ތައްޔާރަށް ހުރި ކަމަށެވެ.
"އެކަމަކު އަހަރެންގެ ފެންވަރާއި އަގު ސާބިތުކޮށްދޭން ޖެހޭ ފަދަ އިހުސާސެއް ކުރެވޭ ހިސާބަކަށް ހިނގައްޖެނަމަ، އަހަރެން އެ މާހައުލަކުން ފެނުމެއް ނެތް. އަހަރެން މިއީ އެކަހަލަ ވިސްނުމެއްގައި ހުރި މީހެއް ނޫން،" ކޯލީ ބުންޏެވެ.
ކޯލީ އިތުރަށް ބުނީ، އޭނާ ކުޅެން ދަނޑަށް އަރަނީ ބޯ ތިރިކޮށްގެން ހުރެ، އެހެން ހުރިހާ ކުޅުންތެރިންނަށްވުރެ ބުރަކޮށް މަސައްކަތް ކުރުމުގެ އަޒުމުގައި ކަމަށެވެ. އަދި އޯޑީއައި މެޗެއްގެ 40 އޯވަރު ވަންދެން ބައުންޑްރީ ރޭލް ކައިރީގައި ދުވަން ޖެހުނަސް، އެއްވެސް ޝަކުވާއެއް ނެތި އެކަން ކުރާނީ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށް އޭނާ ހާމަކުރިއެވެ.
"އަހަރެން ތައްޔާރުވަނީ ކޮންމެ ބޯޅައެއްގައިވެސް އެއީ ކެރިއަރުގެ އެންމެ ފަހު ބޯޅަ ކަމަށް ދެކިގެން ފީލްޑްކޮށް، ބެޓްކޮށް، ވިކެޓްތަކުގެ ދެމެދުގައި ދުވުމަށް، ޓީމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް އަހަރެން ކުރަން. މިވަރަށް މަސައްކަތް ކުރާއިރުވެސް، އަހަރެންގެ ފެންވަރު ސާބިތުކޮށްދޭން ޖެހޭ ނަމަ، އެތަނަކީ އަހަރެން ހުންނަންް ޖެހޭ ތަނެއް ނޫން. އަހަރެންގެ ވިސްނުން މިކަމުގައި ވަރަށް ސާފު،" ކޯލީގެ ވާހަކައިގައި ފާހަގަކުރިއެވެ.
ވަކި ބައެއްގެ ނަން ހާމަނުކޮށް ކޯލީ ބުނީ، ބައެއް މީހުން ކަންކަން އޮޅުންބޮޅުން ބޮޑުކުރަން އުޅޭ ކަމަށެވެ. އޭނާ މިސާލެއް ދައްކަމުން ބުނީ، ވަޒީފާއަށްދާ ތަނެއްގައި މީހެއްގެ ގާބިލުކަމަށް އިތުބާރުކުރާ ކަމަށް ބުނެފައި، ހަފުތާއެއް ފަހުން މަސައްކަތް ކުރާ ގޮތާ މެދު ސުވާލު އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ފުރަތަމަ ދުވަހުވެސް ކަމުނުދާ ކަމަށް ނުވަތަ ބޭނުންނުވާ ކަމަށް ބުނަންވީ. ނޫނީ ރަނގަޅޭ ބުނެފައި އިތުރު ވާހަކައެއް ނުދައްކާ ހިމޭނުން ތިބެންވީ،" ހިތްހަމަނުޖެހިފައި ހުރެ އޭނާ ބުންޏެވެ.
އެއްދުވަހުގެ ބައިނަލްއަގުވާމީ އޯޑީއައި ކްރިކެޓްގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރު ކޯލީ ވަނީ މިހާތަނަށް 311 މެޗު ކުޅެފައެވެ. ކްރިކެޓްގެ ތާރީޚުގައިވެސް އޭނާއަށްވުރެ ގިނައިން ރަންސް ހަދާފައިވަނީ ސަޗިން ޓެންޑުލްކަރް (18,426 ރަންސް) އެކަނި ކަމަށްވާއިރު، ކޯލީ ވަނީ 58.71 ގެ އެވްރެޖަކާއެކު 14,797 ރަންސް ހަދާފައެވެ.
ޚާއްސަކޮށް، ދެވަނަ އިނިންގްސްގައި ލަނޑުތައް ފަހަތުން ފަހާލައިގެން މެޗުތައް ކާމިޔާބުކުރުމުގައި ކޯލީގެ ރެކޯޑް ފާހަގަކޮށްލެވެއެވެ.
އެގޮތުން ދެވަނަ އިނިންގްސްގައި އޭނާގެ އެވްރެޖް 65.78 އަށް އަރައެވެ. އަދި 2027 ގެ ވޯލްޑް ކަޕް ބާއްވާ ދެކުނު އެފްރިކާގައި އޭނާ ކުޅުނު 20 އޯޑީއައި މެޗުގައި 76.38 ގެ މަތީ އެވްރެޖެއް ދަމަހައްޓާފައިވެއެވެ.