އޭޝިއަން ޓެނިސް ބޯލް ކްރިކެޓް ޗެމްޕިއަންޝިޕަށް ރާއްޖޭގެ އައިޒީ ސްޕޯޓްސް ފުރައިފި

އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ އައިޒީ ސްޕޯޓްސް އެކަޑަމީ ޓީމު-- ސަން ފޮޓޯ: ޝާން

އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ އައިޒީ ސްޕޯޓްސް އެކަޑަމީ ޓީމު އިންޑިއާއަށް ފުރައިފިއެވެ.

އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ފެޑެރޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ ތިންވަނަ އެޑިޝަން ކުރިއަށްދާނީ މި މަހުގެ 26 އިން 29 އަށް އިންޑިއާގެ ޗެންނާއީގައި ހުންނަ ކޭސީޖީ ކޮލެޖް އޮފް ޓެކްނޮލޮޖީގެ ފީލްޑުގައެވެ.

މި މުބާރާތާ ގުޅޭގޮތުން "ސަން" އަށް މައުލޫމާތު ދެއްވަމުން، އައިޒީ އެކަޑަމީގެ ކޯޗު އަދި ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ކުރީގެ ރައީސް މުޙައްމަދު އަފްލާހް ވިދާޅުވީ، ސޮފްޓް ބޯލް ކްރިކެޓަކީ މުޅި ދުނިޔޭގައިވެސް މަގުބޫލުވަމުން އަންނަ ކުޅިވަރެއް ކަމަށާއި މި ކުޅިވަރުން ރާއްޖެއަށް ރަނގަޅު މުސްތަޤްބަލެއް އެބައޮތް ކަމަށެވެ.

އޭޝިއަން ޓެނިސް ބޯލް ކުރިކެޓް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ އައިޒީ ސްޕޯޓްސް އެކަޑަމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން-- ސަން ފޮޓޯ: ޝާން

މިއީ ސޮފްޓް ބޯޅައިން ކުޅޭ ކުރިކެޓް މުބާރާތެއްގައި ދިވެހިރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި ޖުމްލަ 13 ޤައުމަކުން ވާދަކުރާއިރު، ރާއްޖެ ހިމެނެނީ ގްރޫޕު އޭ ގައެވެ.

އެ ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެނެނީ ސިންގަޕޫރު، އިންޑިއާ، ސްރީލަންކާ، ތައިލެންޑް އަދި ނޭޕާލެވެ. ގްރޫޕް ބީ ގައި ހިމެނޭ ޤައުމުތަކަކީ މެލޭޝިއާ، އުޒަބަކިސްތާނު، ކުވައިތު، ބަންގްލަދޭޝް، ބޫޓާން، ޔޫއޭއީ އަދި އަފްޣާނިސްތާނެވެ.

އައިޒީ އެކަޑަމީގެ ސްކޮޑުގައި ޖުމްލަ 14 ކުޅުންތެރިންނާއި 5 އޮފިޝަލުން ހިމެނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ 19 އަހަރުންދަށުގެ ޤައުމީ ކުރިކެޓް ޓީމަށް ކުޅޭ ދެ ކުޅުންތެރިއަކުވެސް ހިމެނެއެވެ.

މުބާރާތުގެ ފޯމެޓު ރޭވިފައިވާ ގޮތުން ކޮންމެ ކޮންމެ ޓީމަކުން ކުޅެން އަރާނީ 9 ކުޅުންތެރިންނެވެ. ކޮންމެ އިނިންގްސްއެއް ހަ އޯވަރަށް ކުޅޭއިރު، މިއީ މުޅި ދުނިޔޭގައި ވެސް މަގުބޫލުވަމުން އަންނަ ފޯމެޓެކެވެ.

comment ކޮމެންޓް