ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރައިފި

ދިވެހި ހައްޖުވެރިއެއް އެއާޕޯޓުގައި: ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިއަދު ވަނީ ފުރާފައި-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިއަދު ވަނީ ސައުދީ އަރަބިއްޔާއަށް ފުރާފައެވެ. މި ގުރޫޕުގައި 235 ޙައްޖުވެރިން ހިމެނޭއިރު، އެމީހުން ދަތުރުކުރީ ސައުދީ އެއާލައިނުގައެވެ. އަންނަ އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހު އިތުރު ޙައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާއި އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ގުޅިގެން ވަނީ ޙައްޖުވެރިންނަށް އެއަރޕޯޓުގައި ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާގައި ޙައްޖުވެރިންނަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއްވެސް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1000 ޙައްޖު ކޯޓާއެވެ. އަދި މި ހުރިހާ ކޯޓާއެއްގެ އިންތިޒާމުތައް ބަލަހައްޓަނީ ޙައްޖު ކޯޕަރޭޝަނުންނެވެ.

  • މިއަހަރުގެ ޙައްޖަށް ފުރި ފުރަތަމަ ގުރޫޕުގައި 235 މީހުން ހިމެނޭ
  • ޙައްޖުވެރިން ދަތުރުކުރީ މިއަދު މެންދުރުފަހު ސައުދީ އެއާލައިނުގައި
  • އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހުވެސް އިތުރު ޙައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައި
  • މައްކާގައި ހުންނަންޖެހޭ ތަންތަނާއި ދަތުރުފަތުރުގެ ހުރިހާ އިންތިޒާމެއް ވަނީ ހަމަޖެހިފައި
  • ރާއްޖެއަށް ލިބުނު 1000 ކޯޓާގެ ހުރިހާ ކަމެއް މެނޭޖުކުރަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި، ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިއަދު ފުރައިފިއެވެ.

މިއަދު 15:25ގައި ސައުދީ އެއާލައިނުގައި 235 ހައްޖުވެރިން ވަނީ ފުރާފައެވެ. ހެނދުނުން ފެށިގެން ބަސްތަކުގައި ހައްޖުވެރިން ވަނީ، އެއާޕޯޓަށް ދާން ފަށާފައެވެ.

ހައްޖުވެރިން ފުރަން ފަށާއިރު، އަންނަ އާދިއްތަ ދުވަހާއި ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް ހައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހި ޙައްޖުވެރިންތަކެއް: މިއަދު ވަނީ، ހައްޖުވެރިން ފުރަން ފަށާފައި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާއި އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އިތުރުން ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ހައްޖާޖީންނަށް އެއާޕޯޓުގައި ޚާއްސަ އިންތިޒާމުތަކެއް ވެސް ހަމަޖައްސާފައެވެ. އެގޮތުން، ޙައްޖުވެރިން ގޮވައިގެން އެއަރޕޯޓަށް އަންނަ ބަސްތައް މަޑުކުރުމަށް ވަކި ސަރަހައްދުތަކެއްވަނީ ހަމަޖައްސާފައެވެ.

މިނިސްޓްރީން ބުނީ، ދިވެހި ޙައްޖުވެރިން މައްކާއަށް ދިއުމުގެ ކުރިން އެ ތަނުގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ އިންތިޒާމުތަކެއްވެސް ޙައްޖު ކޯޕަރޭޝަނުން ފުރިހަމަކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދިވެހި ޙައްޖުވެރިން ތިބޭ ހޮޓަލުގެ އިންތިޒާމުތަކާއި އެތެރޭގެ ދަތުރުފަތުރާއި މިނާއާއި ޢަރަފާތުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ހިމެނެއެވެ.

https://sun.mv/221711

އޭގެއިތުރަށް، މައްކާގައި ކުރިއަށްދާ ކަންކަން ހައްޖު މިޝަނުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

މިއަހަރު ވެސް ދިވެހިރާއްޖެއަށް ލިބިފައިވަނީ 1،000 ޙައްޖު ކޯޓާއެވެ. މި ހުރިހާ ކޯޓާއެއްގެ ދަށުން ޙައްޖަށް މީހުން ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސަނީ ސަރުކާރުގެ ކުންފުނި ކަމަށްވާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންނެވެ. މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކުގެ ތެރެއިންނެވެ.

comment ކޮމެންޓް