ރައީސް މުއިއްޒު، ކުރީގެ 3 ރައީސުން ސިފަކުރީ އެކަކު އަނެކަކު ބުރަކައްޓަށް ވަޅި ޖަހާފައި ތިބި ފޭލިޔަރުންތަކެއްގެ ގޮތުގައި

ރައީސް މުއިއްޒު: އެ މަނިކުފާނު ވިދާޅުވީ ކުރީގެ 3 ރައީސުންނަކީ ފޭލިޔަރުން ކަމަށް --- ފޮޓޯ/ ޕީއެންސީ

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި، އިބްރާހީމް މުޙައްމަދު ޞާލިޙާއި އަދި ޢަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ މަނިކުފާނު ސިފަކުރެއްވި ގޮތުގައި އެ ތިން ބޭފުޅުންނަކީ އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅިޖަހާފައިވާ ފޭލިޔަރުންތަކެކެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަން ދިފާޢުކުރުމަށްޓަކައި މި ތިން ބޭފުޅުން ގުޅިގެން މަސައްކަތްކުރައްވަން ނިންމަވައި ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވަނިކޮށް ރައީސް ދެއްވި ރައްދެކެވެ. ރައީސް މުއިއްޒު ވިދާޅުވީ ގައުމަށް ބޭނުންވަނީ ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް ކަމަށާއި، ކުރީގެ ސަރުކާރުތަކުން ފެނިފައިވަނީ ކޮރަޕްޝަނާއި އަނިޔާވެރިކަން ކަމަށެވެ.

  • ކުރީގެ ތިން ރައީސުންނަކީ ފޭލިޔަރުންތަކެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވުން.
  • ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާޢުގައި ތިން ރައީސުން އެކުގައި މަސައްކަތްކުރަން ނިންމެވުން.
  • ރައީސް ޔާމީންގެ ވެރިކަމުގައި އަނިޔާވެރިކަމާއި ކޮރަޕްޝަން އޮތްކަމަށް ރައީސް މުއިއްޒު ފާހަގަކުރެއްވުން.
  • ރައީސް ނަޝީދާއި ރައީސް ޞާލިޙުގެ ވެރިކަމުގައި ވައްކަމާއި ޚިޔާނާތް ހިންގާފައިވާކަން ފާހަގަކުރެއްވުން.

އެކަކު އަނެކަކުގެ ކަރުގައި ހިފައި، ބުރަކައްޓަށް ވަޅި ޖަހާފައި ތިބި ފަރާތްތަކެއް އެއްވެގެން ގައުމަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށް ވިދާޅުވެ، ކުރީގެ ތިން ރައީސުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ޞާލިހާއި އެކުގައި މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ހާމަކުރައްވާފައެވެ. މި ގޮތުން، މިރޭ އެ ތިން ރައީސުން ފުރަަތަމަ ފަހަރަށް ބައްދަލުވާން ވަނީ ހަމަޖެހިފައެވެ.

ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި، ރައީސް މުއިއްޒު ވަނީ އެ ތިން ރައީސުންނަށް ފާޑުވިދާޅުވެ، ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފައެވެ.

https://sun.mv/222007

އެ މަނިކުފާނު ވިދާޅުވީ، ސިޔާސީ މަސައްކަތްކުރަން ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް ގައުމަށް ބޭނުންވާ ކަމަށެވެ.

މި ގޮތުން، 'ބަތް ކައްކާ ކުޅޭ' ދެއުޅިއެއް ނުވާ ބަޔަކާ އެކު، ގައުމަށް ވާނެ ފައިދާއެއް ނެތް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒާއި ކުރީގެ ތިން ރައީސުން: ރައީސް މުއިއްޒު ވަނީ އެ ރައީސުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި -----

އެ ޖަލްސާގައި އެ މަނިކުފާނު ވަނީ ތިން ރައީސުންނަށް ހޫނު ރައްދެއް ދެއްވާފައެވެ.

އެކަކު އަނެކަކުގެ ކަރުގައި ހިފައިގެން ތިބި، އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅި ޖަހާފައި ތިބި ފަރާތްތަކެއް އެއްވެގެން ގައުމޭ ކިޔައިގެން ވާހަކަދައްކާއިރު، ހުސް ފެއިލިޔަރުން މި ތިބީ. ހުސް ފޭލިއަރުން ނުކުމެ ގައުމުގެ ވާހަކަދެއްކީމާ އަޅުގަނޑު ހިތުން އަޅުގަނޑުމެން ޒުވާން ކުދިން މިކަން އެނަލައިޒް ކޮށްލާއިރު ދޭ ވިލްބީ ވެރީ ހަމަ ޑިޕްރެސްޑް،ރައީސް ޑރ. މުހައްމަދު މުއިއްޒު

މީގެ އިތުރުން، މަޒީގެ ސަފުހާތަކަށް ބަލާއިރު މި ސަރުކާރުގެ ކަންކަމާއި ނަތީޖާ ނެރެދޭ ގޮތަށް އިދިކޮޅުގައި އެއްވެސް ވެރިއަކަށް ފާޑުވިދާޅުވެވެން ނެތް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ކުރީގެ ރައީސުންގެ ތެރޭގައި އޮތީ އަމިއްލަ އެދުން ކަމަށާއި އެކަކު އަނެކަކަށް އިޚުލާސްތެރިކަމެއް ނެތް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް ޔާމީނަށް އިޝާރަތްކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެ ވެރިކަމުގައި ތަރައްގީގެ ގިނަ މަސައްކަތްތައް ކޮށްދިނަސް، ގައުމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން ކަމަށެވެ.

"ސިޔާސީ ހުރިހާ މީހުން ޖަލުގައި. އެއީ ގައިމު ވެސް ފެންނަން ހުރި ހަގީގަތް. އެހެންވީމާ ޓްރެކް ރިކޯޑު މިއޮތީ ސާފުކޮށް ފެންނަން ހުރިހާ ފަރާތްކަށް. މިއީ އަންޑޫ ކުރެވޭނެ ކަންކަމެއް ނޫން. ފަސްއަޅާ ފޮރުވޭނެ ކަންކަމެއް ވެސް ނޫން. އެއީ ފެންނަން ހުރި ހަގީގަތް. އެއީ ތިމަންނަމެންނެއް ނޫނޭ ބުނެ ކާކަށްތޯ އޮޅުވާލެވޭނީ. އަމިއްލަ ނަފުސަށް ވެސް އޮޅުވާނުލެވޭނެ އެ ކަންކަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވާހަކަފުޅު ދައްކަވަނީ: ކުރީގެ ތިން ރައީސުންނަކީ، ފެއިލިޔަރުންގެ ގޮތުގައި ވަނީ އެ މަނިކުފާނު ސިފަކުރައްވާފައި -- ފޮޓޯ: ޕީއެންސީ

ފާހަގަކޮށްލެވޭ ގޮތުގައި އޭރު ރައީސް މުއިއްޒު ހުންނެވީ ހައުސިން މިނިސްޓަރުގެ މަގާމުގައެވެ. އަދި، ވެރިކަމަށް ވަޑައިގެންނެވީ ވެސް ޔާމީންގެ ތާއީދާ އެކުގައެވެ. ރައީސް މުއިއްޒަށް ޕީއެންސީގެ ޓިކެޓު ލިބިވަޑައިގެންނެވީ ވެސް ޔާމީނަށް ޖަލު ހުކުމެއްގެ ސަބަބުން ވާދަ ނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ. އެ މަނިކުފާނުގެ ރިޔާސީ ކެމްޕޭންގައި ވެސް ވަނީ ޔާމީނަށް ވަފާތެރިވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، ގައުމުގެ ކަންކަން ހިންގަން ނޭނގިގެން ނަޝީދާއި ޞާލިހުގެ ވެރިކަމަށް ވެސް ރައީސް ވަނީ ފާޑުވިދާޅުވެފައެވެ. އެއް ކަމަކަށް އެ މަނިކުފާނު ފާހަގަކުރެއްވީ، ވެންޓިލޭޓަރު ވައްކަން ފަދަ ޚިޔާނާތެވެ.

އެހެންވެ، ހަމަޖެހިގެން އެ ކަންކަމަށް ބަލައިގެން ގޮތެއް ނިންމަން ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި އެކުގައި މަސައްކަތްކުރައްވަން ޔާމީނާއި ނަޝީދާއި ޞާލިޙް މިރޭ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ. މިއީ ވަރަށް ބޮޑަށް އެމްޑީޕީއަށް ފާޑުވިދާޅުވާ ޔާމީން، އެ ޕާޓީގެ ދެ ރައީސުންނާ އެކު މަޝްވަރާކުރައްވާ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް