ޔާމީނާއި، ނަޝީދާއި، ޞާލިހު މާދަމާ ބައްދަލުކުރައްވަނީ

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވަމުންދާ ކަމަށް ބުނެ އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، މި ދަނޑިވަޅުގައި ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މާދަން ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ވަނީ ތިން ރައީސުން ބައްދަލުކުރައްވާކަން ހާމަކޮށްފައެވެ. ނަމަވެސް އިތުުރު ތަފްސީލެއް ނުދެއެވެ.

ބެލެވޭގޮތުގައި މި ތިން ބޭފުޅުން ބައްދަލުކުރައްވަނީ ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރުމަށް އެކުގައި މަސައްކަތް ކުރައްވަން ތައްޔާރުކަން ޔާމީން އިއްޔެ އިޢުލާނު ކުރެއްވުމާ ގުޅިގެންނެވެ.

މިއީ ގައުމުގެ ހާލަތު ބަދަލުކުރުމަށްޓަކައި ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް، ތިން ރައީސުން އެކުގައި މަސައްކަތް ކުރެއްވުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ގޮވާލެއްވި ގޮވާލެއްވުމަށް އިޖާބަދެއްވައި ކުރިއަށްދާ މަސައްކަތެކެވެ.

"ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމަށް ދެމުންދާ "ހަމަލާތަކަކީ" ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ހުއްޓުވައި މިނިވަންކަން އިޔާދަކުރަން ރައީސް ނަޝީދާއި ރައީސް ޞާލިޙާ އެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

މި މައްސަލަ ހޫނުވެފައިވަނީ 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ކޯޓު އަމުރަކާ ޚިލާފުވި ކަމަށް ބުނެ، ކްރިމިނަލް ކޯޓުން އިއްޔެ އެ ދެ ބޭފުޅުން ޖަލަށްލުމަށް ހުކުމް ކުރުމާ ގުޅިގެންނެވެ.

comment ކޮމެންޓް