މެދުއިރުމަތީ ހަނގުރާމައިގައި ބަންދުކޮށްފައި އޮތް ހުރްމުޒް ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެއްބަސްވެވަޑައިގަންނަވާ ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.
ވައިޓް ހައުސްއިން އެގޮތަށް ބުނީ, ޓްރަމްްޕް ޗައިނާއަށް ދަތުރުފުޅުކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ވައިޓް ހައުސްއިން ބުރާސްފަތި ދުވަހު އާންމުކުރި އެ ބަޔާނުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ އީރާން ހަނގުރާމައާއި ހުރްމުޒް ކަނޑުއޮޅިއަށެވެ.
"ރައީސް ޓްރަމްޕް ވަނީ ޗައިނާގެ ރައީސް ޝީއާ އެކު ރަނގަޅު ބައްދަލުވުމެއް ބާއްވާފައި. ދެ ފަރާތުން އެއްބަސްވީ މިނިވަންކަމާ އެކު ދަތުރުކުރުމަށް ހުރްމުޒް ކަނޑުއޮޅި ހުޅުވާފައި އޮންނަން ޖެހޭނެ ކަމަށް. ރައީސް ޝީ ވެސް ވަނީ ކަނޑުއޮޅި ބަންދުކުރުމާ ދެކޮޅު ހަދައި، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމާ ވެސް ދެކޮޅު ހަދާފައި. އަދި ކުރިއަށް އޮތްތަނުގައި ޗައިނާއިން ހުރްމުޒް ކަނޑުއޮޅިއަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި އެމެރިކާގެ އިތުރު ތެޔޮ ގަތުމަށް ޝީ ޝައުގުވެރިކަން ފާޅުކުރެއްވި," ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
"ދެ ގައުމުން ވެސް އެއްބަސްވީ އީރާނަށް ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރެއް ނުލިބޭނެ ކަމަށް," ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
މީގެ އިތުރުން, ވައިޓް ހައުސްއިން ބުނީ އިގުތިސާދީ އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދެ ފަރާތުން މަޝްވަރާކޮށްފައިވާ ކަމަށާއި އެމެރިކާގެ ވިޔަފާރިތަކަށް ޗައިނާގެ މާކެޓް އެކްސެސް ފުޅާކުރުމާއި އެމެރިކާގެ ސިނާއަތްތަކަށް ޗައިނާގެ އިންވެސްޓްމަންޓް އިތުރުކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް އެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން، އެމެރިކާގެ ޗައިނާގެ ރައީސް ޝީ އާއި އެކު ރަނގަޅު އުފެއްދުންތެރި ވާހަކަތަކާއި ބައްދަލުވުންތަކެއް ކުރިއަށްގެންދިޔަ ކަމަށާއި މަޝްވަރާކުރެވުނު ކަންކަމަކީ ދެ ގައުމަށް ވެސް ފައިދާ ހުރި ކަންކަން ކަމަށް ޓްރަމްޕް ވެސް ވަނީ ވިދާޅުވެފައެވެ. އަދި، އަންނަ ސެޕްޓެންބަރު މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ ދަތުރުފުޅު ކުރެއްވުމަށް ޝީއާއި ޗައިނާގެ ފަސްޓް ލޭޑީއަށް ޓްރަމްޕް ވަނީ ދައުވަތު ދެއްވާފައެވެ.
ދެ ގައުމުގެ ގުޅުމަކީ "ވަރަށް ޚާއްސަ ގުޅުމެއް" ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވީ، ޗައިނާއާއި އެމެރިކާގެ ގުޅުންތަކަކީ ދުނިޔޭގެ "އެންމެ މުހިންމު ގުޅުން" ކަމަށާއި އެ ގުޅުން ދާއީމީކޮށް ބާއްވަން ޖެހޭ ކަމަށެވެ.
މި އަހަރުގެ ކުރީކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ގަލްފް ގުޅުވާލާ އޮމާން، އީރާން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އާއި ދެމެދު އޮންނަ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ނަގައި، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ހުރަސް އަޅާފައެވެ. އެމެރިކާއާއި އީރާން ހަމަލާ މި ވަގުތަށް މެދުކަނޑާލާފައިވާއިރު، އޭޕްރީލް 13 ވަނަ ދުވަހުން ފެށިގެން އެެމެރިކާއިން ވެސް އަންނަނީ ހުރްމުޒް ކަނޑުއޮޅިން އީރާނުގެ ބަނދަރުތަކަށް ދިއުމަށް ވަދެ ނުކުމެ އުޅޭ އުޅަނދުތަކަށް ހުރަސް އަޅަމުންނެވެ.
ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު ކަނޑުއޮޅިއެވެ. ޗައިނާގެ ރަސްމީ ބަޔާނެއްގައިވާ ގޮތުން ޓައިވާން މައްސަލަ ރަނގަޅަށް ނުބެލެހެއްޓިއްޖެ ނަމަ، ދެ ގައުމުގެ ގުޅުން ގޯސްވެދާނެ ކަމަށް ޝީ ވަނީ ޓްރަމްޕަށް ދަންނަވާފައެވެ.
"ޓައިވާންގެ ސުވާލަކީ ޗައިނާއާއި އެމެރިކާގެ ގުޅުމުގައި އެންމެ މުހިންމު މައްސަލަ. އެކަން ރަނގަޅަށް ބެލެހެއްޓިއްޖެ ނަމަ ދެ ގައުމުގެ ގުޅުން ރަނގަޅުވާނެ،" ޝީ ވިދާޅުވިއެވެ.
އިއްޔެއިން ފެށިގެން ޓްރަމްޕް ޗައިނާއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.