ވ. އަތޮޅު ކައިރިއަށް ޑައިވްކުރަނިކޮށް ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިންގެ ތެރޭގައި، އިޓަލީގެ ޔުނިވަރސިޓީއެއްގެ މަޝްހޫރު ޕްރޮފެސަރަކާއި، ރާއްޖޭގެ ތިމާވެއްޓާ ގުޅޭގޮތުން ތީސީސް ލިޔުނު ދަރިވަރަކު ހިމެނޭކަން ހާމަވެއްޖެއެވެ.
އިޓަލީގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި ޔުނިވާސިޓީ އޮފް ޖެނޯއާގެ އިކޮލޮޖީ ލެކްޗަރާ މޮނިކާ މޮންޓެފަލްކޯން ހިމެނެއެވެ. އޭނާ ރާއްޖެއަށް އައީ އެ ޔުނިވާސިޓީގެ ރިސާޗް ފެލޯއެއް ކަމަށްވާ މުރިއަލް އޮޑެނީނޯއާ އެކު ދިރާސާ މަޝްރޫއެއްގެ މަސައްކަތުގައެވެ. ނަމަވެސް، މިއަދު މި މީހުން ޑައިވް ކުރަން ދިޔައީ އެ ދިރާސާގެ މަސައްކަތަކަށް ނޫން ކަމަށް އެ ނޫސް ރިޕޯޓްތައް ބުނެއެވެ.
ނޫސްތަކުގައިވާ ގޮތުން މި ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި ދެން ހިމެނެނީ އުމުރުން 31 އަހަރުގެ ފެޑެރިކޯ ގުއަލްޓިއޭރީއެވެ. އޭނާއަކީ މިދިޔަ މާރިޗު މަހު މެރިން ބަޔޮލޮޖީ އެންޑް އިކޮލޮޖީން ދަސްވެނިވި ދަރިވަރެކެވެ. ފެޑެރިކޯގެ ތީސީސް ޚާއްސަކޮށްފައިވަނީ ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކުގެ ފަރުތަކުގެ ދިރުންތަކާ ގުޅޭގޮތުންނެވެ. އޭނާގެ ތީސީސްގައި ޕްރޮފެސަރު މޮނިކާއަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކޮށްފައިވާ ކަމަށް ވެސް ވެއެވެ. އޭނާ ލިޔެފައިވާ ގޮތުގައި، މޮނިކާއަކީ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ހިތްވަރުދީ، މަގުދެއްކި އެންމެ ގާތް އެހީތެރިޔާއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ގެއްލިގެން އުޅޭ ފަސް މީހުންނަކީ ވެސް އިޓަލީގެ ފަތުރުވެރިން ކަމަށާއި، މި މީހުން ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބުނީ މިއަދު މެންދުރުފަހު 13:45 ހާއިރު ކަމަށެވެ. ފުލުހުން ކުރިން އެމީހުން ފެނިފައިވާ ކަމަށް ބުނި ނަމަވެސް، ފަހުން ބުނީ އެއީ މައުލޫމާތު އޮޅުމަކުން ބުނެވުނު ވާހަކައެއް ކަމަށެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، މިހާތަނަށް ފެނިފައިވަނީ އެކެއްގެ ހަށިގަނޑެވެ. އެ ހަށިގަނޑު ފެނުނީ މިއަދު އިރުއޮއްވި 18:13 ހާއިރު، ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު މީހުން ވެސް ވީ 200 ފޫޓު ދިގު އެ ކޭވްގެ ތެރޭގައި ކަމަށް ލަފާކުރެވެއެވެ. މި ހަށިގަނޑު މިހާރު ވަނީ ވ. ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަނަކީ ވަރަށް ނުރައްކާތެރި "ހައި ރިސްކް" އޮޕަރޭޝަނަކަށް ވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ޚާއްސަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ. އަދި މި މަސައްކަތުގައި ސަފާރީއަކާއި، ވ. އަތޮޅު ފުލުހުންގެ އިތުރުން އަލިމަތާ ރިސޯޓުން ވެސް ދަނީ އެހީތެރިވަމުންނެވެ. އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ ވެސް މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.