ކާލޯ އަންޗެލޮޓީ ބްރެޒިލްއާއެކު ހަދާފައިވާ އެއްބަސްވުން އިތުރު ހަތަރު އަހަރަށް އައުކޮށްފި

ބްރެޒިލް ގައުމީ ޓީމުގެ ހެޑް ކޯޗު ކާލޯ އެންޗެއްލޮޓީ: އޭނާ ވަނީ އިތުރު ހަތަރު އަހަރަށް އެއްބަސްވުން އާކޮށްފަ

ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަން (ސީބީއެފް) އާއި އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީއާ ދެމެދު ހަދާފައިވާ އެއްބަސްވުން އިތުރު ހަތަރު އަހަރަށް އައުކޮށްފިއެވެ.

މި އައު އެއްބަސްވުމުގެ ދަށުން 2030 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް އަންޗެލޮޓީ ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗުކަމުގައި ދެމިހުންނާނެއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ބެލެވިފައިވާ ބްރެޒިލްގެ ކޯޗުކަމުގައި އަންޗެލޮޓީ މަޑުކުރަން ނިންމައި އެއްބަސްވުން އާ ކުރުމަކީ ބްރެޒިލް ފުޓުބޯޅަ ފެޑެރޭޝަނުން އޭނާގެ މަސައްކަތަށް ދޭ އެއްބާރުލުމާއި، 2025 ވަނަ އަހަރުގެ މެއި މަހު އޭނާ މަގާމާ ހަވާލުވި ފަހުން ކުޅުންތެރިންނާއި ސަޕޯޓަރުންގެ އިތުބާރު ހޯދާފައިވާކަން ހާމަކޮށްދޭ ހެއްކެކެވެ.

އިޓަލީއަށް ނިސްބަތްވާ އަންޗެލޮޓީ ވަނީ ބްރެޒިލްގެ ފުޓްބޯޅަ ވަރުގަދަކުރުމުގައި މުހިންމު ދައުރެއް އަދާކޮށް، ސީބީއެފްގެ އެކި ދާއިރާތަކާ ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކޮށްފައެވެ.

އެއްބަސްވުން އާކުރުމަށްފަހު ވާހަކަދައްކަމުން އަންޗެލޮޓީ ބުނީ، ބްރެޒިލްގެ ފުޓްބޯޅަ އަލުން ދުނިޔޭގެ އެންމެ ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތުގައި އިތުރު ހަތަރު އަހަރު ހޭދަކުރަން ލިބުމުން އުފާކުރާ ކަމަށެވެ.

"އަހަރެން ބްރެޒިލަށް އައިތާ މިހާރު އަހަރެއް ވެއްޖެ. ފުރަތަމަ ދުވަހުން ފެށިގެންވެސް މި ގައުމަށް ފުޓްބޯޅައަކީ ކޮންފަދަ މުހިންމު އެއްޗެއްކަން އަހަންނަށް ވިސްނުނު. ސީބީއެފް އިން އަހަންނަށް ކުރި އިތުބާރަށް ޝުކުރު އަދާކުރަން،" އަންޗެލޮޓީ ބުންޏެވެ.

ސީބީއެފްގެ ރައީސް ސާމިރު ޒައުދު ވިދާޅުވީ މިއީ ބްރެޒިލްގެ ފުޓްބޯޅައަށް ތާރީޚީ ދުވަހެއް ކަމަށާއި، އަންޗެލޮޓީގެ އެއްބަސްވުން އާކުރުމަކީ ފަސް ފަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަނުންގެ އޮނިގަނޑު ޒަމާނީކޮށް ވަރުގަދަކުރުމަށް ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ސީބީއެފްގެ ނައިބު ރައީސް ގުސްތާވޯ ޑިއާޒް ވަނީ އަންޗެލޮޓީގެ ތަޖުރިބާއާއި އޭނާގެ މަސައްކަތުގެ ނަތީޖާއަށް ތައުރީފު ކުރައްވާފައެވެ.

2025 ވަނަ އަހަރުގެ މެއި މަހު ބްރެޒިލްގެ ކޯޗުކަމާ ހަވާލުވި ފަހުން އަންޗެލޮޓީގެ އިރުޝާދުގެ ދަށުން އެ ޓީމު ވަނީ 10 މެޗު ކުޅެފައެވެ.

އޭގެ ތެރެއިން ފަސް މެޗުން މޮޅުވެ، ދެ މެޗު އެއްވަރުވެފައިވާއިރު، ތިން މެޗުން ވަނީ ބަލިވެފައެވެ. މި މެޗުތަކުގައި ބްރެޒިލް ޓީމުން 18 ގޯލު ޖަހާފައިވާއިރު، ބައިކޮޅަށް ވަދެފައިވަނީ އަށް ގޯލެވެ.

comment ކޮމެންޓް