މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދު ކާމިޔާބުކުރި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމުގެ ކަންކަން މިހާރު ދަނީ އިންސާފުން ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އެމްޑީއޭއިން މިއަދު ބުނެފިއެވެ.
އިއްޔެ އާއި މިއަދު ހައިކޯޓުން ވަނީ މިދިޔަ ކައުންސިލް އިންތިޚާބުގައި ނާކާމިޔާބީތަކަކާ ކުރިމަތިވި ސަރުކާރު ހިންގާ ޕާޓީ, ޕީއެންސީއާ އެއްކޮޅަށް ދެ މައްސަލައެއް ނިންމާފައެވެ. އޭގެ ތެރެއިން, ވޯޓު ކަރުދާސްތަކެއްގައި ތިކިތަކެއް ހުރުމުން އިއްޔެ ހައިކޯޓުން ވަނީ ލ. ވޭވަށު ކައުންސިލްގެ މެންބަރުކަމަށް ލީ ތިން ވޯޓެއް ބާތިލުކަމަށް ކަނޑައަޅާފައެވެ. އެ ތިން ވޯޓަކީ، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވާ ތިން ވޯޓެވެ. އެ ތިން ވޯޓު ބާތިލު ކުރުމުން އެމްޑީޕީ ކެންޑީޑޭޓަށް ލިބުނު 121 ވޯޓު ބަދަލުވީ 118 ވޯޓަށެވެ. އެހެންވެ، ހައިކޯޓުގެ ހުކުމާ އެކު 119 ވޯޓުން އިންތިޚާބު ކާމިޔާބުވަނީ ޕީއެންސީގެ ކެންޑިޑޭޓަށެވެ.
މިއަދު ހައިކޯޓުން ވަނީ ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަ ކުރި ޕީއެންސީގެ ކެންޑިޑޭޓް ހުށަހެޅި މައްސަލަ އެ ޕާޓީ ކޮޅަށް ނިންމާފައެވެ.
އެ ރަށު ކައުންސިލްގެ މަގާމު އެއް ވޯޓުގެ ތަފާތުން ކާމިޔާބުކުރިކަމަށް އީސީން ފުރަތަމަ އިއުލާނުކުރީ ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމްއެވެ. އެއީ، 393 ވޯޓުންނެވެ. ދެވަނައަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ.
އެކަމަކު، ލ. ފޮނަދޫގައި ބެހެއްޓި ފޮއްޓަކަށް ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލީކަން ފާހަގަވުމުން، އެމްޑީއޭއިން އެ މައްސަލަ އީސީއަށް ހުށަހެޅިއެވެ. އަދި، އިތުރު ޝާހިދަށް ލިބުނު ވޯޓުތަކުގެ ތެރޭގައި ބާތިލު ވޯޓެއް ހިމެނޭ ކަމަށް ބުނެ، ސުހާގެ ފަރާތުން ވެސް މައްސަލަ ޖެއްސިއެވެ.
ޝަކުވާތައް ބެލުމަށް ފަހު، އީސީން ނިންމީ އެއް ވޯޓުގެ ތަފާތުން އިންތިޚާބު ކާމިޔާބުކުރީ އެމްޑީއޭގެ ޝާހިދު ކަމަށެވެ. އެކަމަކު، ސުހާއަށް ލިބުނު ވޯޓެއް ބާތިލުވެފައިވަނީ ކަރުދާހުގައި ފާހަގަ ޖަހާފައިވާ ދެލި ނޫން އެހެން ދެއްޔަކުން އެޅިފައިވާ ރޮނގަކުން ކަމަށް ބުނެ، އޭނާ ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ.
އެ މައްސަލައިގައި ހައިކޯޓުން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނުން ސުހާއަށް ލިބުނު ވޯޓުގެ ތެރެއިން ބާތިލުކުރި އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ކަނޑައަޅާފައެވެ. އަދި، އެ އިސްލާހުތަކާ އެކު އަލުން ނަތީޖާ އިއުލާނުކުރަން ވަނީ ހުކުމްކޮށްފައެވެ. ހައިކޯޓުން މި ފަދައިން ހުކުމްކުރީ އެ ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރު އިސްމާއީލް ޝަފީއު، އިސްފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ، އަދި ފަނޑިޔާރު ހަސަން ޝަފީއުގެ އިއްތިފާގުންނެވެ.
މި ކަމާ ގުޅޭގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން އެމްޑީއޭގެ ރަޖިސްޓްރާ މުޙައްމަދު އުމަރު ވިދާޅުވީ، މީދޫ ވޯޓުގެ ކަންކަން މިދަނީ އިންސާފުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"މިއަދު ސައްހަކުރި ވޯޓަކީ ކަނޑައެޅިގެން ދެ ފާހަގަ އިން ވޯޓެއް. އެއީ މީދޫން ގުނިއިރު ވެސް އަދި މާލެއިން ގުނިއިރު ވެސް ބާތިލުކުރި ވޯޓެއް. އެ ވޯޓު ސައްހަކޮށްގެން އެއްވަރު އެ ކުރީ," އުމަރު ވިދާޅުވިއެވެ.
މި މައްސަލައިގައި ހައި ކޯޓުން ހުކުމްކޮށްފައިވަނީ ކުރިން ހުކުމްކުރަން ނިންމި ތާރީޚު ފަސްކުރުމަށް ފަހުގައެވެ.
ހައި ކޯޓުގެ މިއަދުގެ ހުކުމާ އެކު މިހާރު އޮތް ގޮތުން މީދޫ ކައުންސިލް ރައީސް ކަމަށް ވާދަކުރި ސުހާއާއި ޝާހިދަށް ވެސް ލިބޭނީ 392 ވޯޓެވެ. އެއްވަރުވުމުން އެ ރަށުގެ ކައުންސިލް ރައީސް ހޮވަން ޖެހޭނީ އަލުން ވޯޓުލާށެވެ.