ދިރާގުން ކުރިއަށްގެންދާ 'ބޮޑު ޢީދަށް ރިސޯޓަށް' ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ އިއުލާނުކޮށްފިއެވެ.
ދިރާގުން ބުނީ، މިއީ ކުރިއަށް އޮތް ބޮޑު ޢީދާ ދިމާކޮށް ރިސޯޓު ޗުއްޓީއެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭ ޚާއްސަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ދަށުން ދޭ ފުރަތަމަ 1000 ޑޮލަރުގެ ރިޒޯޓް ޗުއްޓީ ޕެކޭޖް ހާސިލުކޮށްފައިވާ ނަސީބުވެރިއަކީ ޔޭ ލިން ޓުޓްއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގު ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އަދިވެސް ވަނީ ހުޅުވާލާފައެވެ. އެ ގޮތުން، 100 ރުފިޔާއިން މަތީގެ އެޑް އޮން ނުވަތަ ބޫސްޓަރެއް އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް ދިރާގު އެޕްގައިވާ "ބޮޑު އީދަށް ރިސޯޓަށް'' ބެނާއަށް ފިއްތާލައިގެން މި ޕްރޮމޯޝަންގައި އެންރޯލްކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.
މި ޕްރޮމޯޝަންގެ ދަށުން ޖުމުލަ ތިން ނަސީބުވެރިއަކަށް މި ޚާއްސަ އިނާމު ލިބޭއިރު ކޮންމެ ހަފުތާއަކު އެއް ނަސީބުވެރިއަކު ހޮވުމަށް ހަމަޖެހިފައިވާ ކަަމަށް ދިރާގުން ވަނީ ބުނެފައެވެ. މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުން ހޮވޭ ކޮންމެ ނަސީބުވެރިއަކަށް 1,000 ޑޮލަރުގެ އަގުހުރި ރިސޯޓު ޗުއްޓީ ޕެކޭޖެއް ލިބެއެވެ.
ދިރާގުން ބުނީ، އެ ކުންފުނީގެ މަގުސަދަކީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، ޢީދު ފަދަ ޚާއްސަ މުނާސަބަތުތަކާ ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު އަދި ފައިދާކުރަނިވި ތަޖުރިބާތަކެއް ފޯރުކޮށްދިނުން ކަމަށެވެ.