މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ 16 ވަނަ އަހަރީ އާންމު ޖަލްސާ މި މަހުގެ 18ވާ އަންނަ ހޯމަ ދުވަހު ބޭއްވުމަށް އެ ބޭންކުން ނިންމައިފިއެވެ.
އެ ބޭންކުން ބުނީ, އޭޖީއެމް އޮންނާނީ އަންނަ ހޯމަ ދުވަހުގެ 13:30 ގައި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޓެޑުން ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމް "ފަހިވޯޓް" މެދުވެރިކޮށް ކަމަށެވެ.
އެ ބޭންކުން ހާމަކޮށްފައިވާ ގޮތުގައި އަހަރީ އާންމު ޖަލްސާގައި ބައިވެރިވެ ވޯޓުލުމުގެ ހައްގު ލިބިފައިވާނީ މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ބޭންކުގެ ހިއްސާގެ ރަޖިސްޓްރީގައި ހިމެނިފައިވާ ހިއްސާދާރުންނަށް އެކަންޏެވެ.
މި ފަހަރުގެ އޭޖީއެމްގައި މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31ގައި ނިމުނު މާލީ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ފާސްކުރުމާއި، ކޮންމެ ހިއްސާއަކަށް ދިނުމަށް ހުށަހަޅާފައިވާ ޑިވިޑެންޑް ފާސްކުރުމާއި، މި އަހަރަށް އެކްސްޓާނަލް އޮޑިޓަރެއް އައްޔަންކުރުމާއި، ޑިރެކްޓަރުންގެ ބޯޑުގެ މުސާރަ ޕެކޭޖަށް ހުށަހަޅާފައިވާ އިސްލާހުތަކަށް މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
އެމްއައިބީގެ ޑިރެކްޓަރުންގެ ބޯޑުން ލަފާދީފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31ގައި ނިމުނު އަހަރަށް ހިއްސާދާރުންނަށް 129.6 މިލިއަން ރުފިޔާގެ ޑިވިޑެންޑެއް ބެހުމަށެވެ. އެގޮތަށް ފާސްކޮށްފިނަމަ ކޮންމެ އާންމު ހިއްސާއަކަށް ޖެހޭނީ 5.41 ދިވެހި ރުފިޔާއެވެ.
އެ ބޭނަކުގެ 16 ވަނަ އޭޖީއެމްގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމް ހުށަހަޅައިގެން ޕްރީ ރަޖިސްޓްރީކުރަން ޖެހެއެވެ.
ޕްރީ ރަޖިސްޓްރޭޝަން އަދި ޕްރޮކްސީ ރަޖިސްޓްރޭޝަން ހުށަހެޅޭނީ މި މަހުގެ 16 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ކަމަށް އެމްއައިބީއިން ވަނީ ބުނެފައެވެ. އެމްއައިބީން ފާހަގަކުރި ގޮތުގައި އޭޖީއެމް ކުރިއަށްދާނީ ވާޗުއަލްކޮށެވެ. އެގޮތުން، ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުންނަށް ފަހިވޯޓް މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތު ފަހިވާނެއެވެ.
އޭގެ އިތުރުން ވެސް އެމްއައިބީގެ އަހަރީ އާންމު ޖަލްސާއާއި، ރަޖިސްޓްރޭޝަންގެ އުސޫލުތަކާއި، އެޖެންޑާއާއި، ސަޕޯޓިން ޑޮކިއުމަންޓްތަކާ ގުޅޭ އިތުރު ތަފުސީލުތައް އެމްއައިބީގެ އިންވެސްޓާ ރިލޭޝަންސް ވެބްޕޭޖުން ލިބެން ހުންނާނެކަމަށް އެ ބޭންކުން ވަނީ މައުލޫމާތު ދީފައެވެ.