އުރީދޫ: ރާއްޖޭގައި އެޕަލްއާއި ސެމްސަންގް ގަޑިއަށް އެންމެ ފުރަތަމަ އީސިމް ފޯރުކޮށްދިން ކުންފުނި

އުރީދޫގެ އިމާރާތް: އެ އިމާރާތް ހުޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު -- ސަން ފޮޓޯ/ ނާއިޝް ނާހިދު

އުރީދޫ މޯލްޑިވްސްއިން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެޕަލް އަދި ސެމްސަންގް ސްމާޓް ގަޑިތަކަށް އީސިމްގެ ޚިދުމަތް ތަޢާރަފުކޮށްފައެވެ. މި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފޯނާ ނުލައި ސީދާ ގަޑި މެދުވެރިކޮށް ގުޅުމާއި މެސެޖުކުރުން ފަދަ ކަންކަން ކުރެވޭނެއެވެ. މިއީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.

  • ރާއްޖޭގައި ސްމާޓް ގަޑިއަށް އީސިމް ދިން ފުރަތަމަ ކުންފުންޏަކީ އުރީދޫއެވެ.
  • މި ޚިދުމަތް ލިބެނީ އެޕަލް އަދި ސެމްސަންގް ގަޑިތަކަށެވެ.
  • ފޯނާ ނުލައި ގުޅުމާއި، މެސެޖުކުރުމާއި އަދި އެޕްތައް ބޭނުންކުރެވޭނެއެވެ.
  • މިއީ އުރީދޫގެ ޑިޖިޓަލް އީޖާދުތަކުގެ ތެރެއަށް އިތުރުވި މުހިންމު ބޮޅެކެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި އެޕަލް ވޮޗް އަދި ސެމްސަންގް ގެލެކްސީ ވޮޗްތަކަށް އީ ސިމްގެ ޚިދުމަތް ތައާރަފުކުރި ޓެލެކޮމިއުނިކޭޝަން ކުންފުންޏަކަށް އުރީދޫ މޯލްޑިވްސް ވެއްޖެއެވެ.

އުރީދޫން ބުނީ، އެ ޚިދުމަތާ އެކު ކަސްޓަމަރުންނަށް ފޯނު ކައިރީގައި ބެހެއްޓުމަކާ ނުލައި ސީދާ ސްމާޓްވޮޗް މެދުވެރިކޮށް ގުޅިފައި ހުރެވޭނެ ކަމަށެވެ.

އެ ޚިދުމަތުގެ ސަބަބުން އެޕަލް އަދި ސެމްސަން ގަޑި މެދުވެރިކޮށް ފަސޭހަކަމާ އެކު ގުޅުމާއި، މެސެޖު ކުރުމާއި، މިއުޒިކް އަޑުއެހުމާއި، ނޮޓިފިކޭޝަންތައް ލިބުމުގެ އިތުރުން އެޕްތައް ބޭނުންކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް އީޖާދީ ކުންފުނީގެ ހައިސިއްޔަތުން އުރީދޫން އަންނަނީ ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީތަކާ ގުޅިފައިވާ ތަޖުރިބާތައް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. ވޭރަބަލް ޑިވައިސްތަކަށް އީ ސިމްގެ ޚިދުމަތް ތައާރަފުކުރުމަކީ ސްމާޓް އަދި ގުޅިފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތުގެ އިތުރު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫ: ފުރަތަމަ ފަހަރަށް ރާއްޖޭގައި އެޕަލް އަދި ސެމްސަންގް ގަޑިއަށް އީސިމް ޚިދުމަތް ފޯރުކޮށްދިން ކުންފުނި -- ފޮޓޯ: އުރީދޫ

އެ ޚިދުމަތް އެކަށޭނެ އެޕަލް ވޮޗް އަދި ސެމްސަންގް ގެލެކްސީ ވޮޗް މޮޑެލްތަކަށް ލިބޭނެ ކަމަށާއި ކަސްޓަމަރުންނަށް ކަސްރަތު ކުރާއިރު އަދި ދަތުރުމަތީގެ އިތުރުން ބޭރުތެރޭގައި ހަރަކާތްތެރިވާއިރު ނުވަތަ ކޮންމެ ތަނެއްގައި ހުރި ނަމަވެސް، ދުވަހުގެ މަސައްކަތްތަކުގައި އިތުރު ފަސޭހަކަމާއި މިނިވަންކަން ލިބޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

ރާއްޖޭގައި ތްރީޖީ، ފޯޖީ، އަދި ފައިވްޖީގެ ޚިދުމަތް އެންމެ ފުރަތަމަ ތައާރަފުކުރި ކުންފުނީގެ ގޮތުގައި އުރީދޫން އަންނަނީ ޓެލެކޮމިއުނިކޭޝަން ދާއިރާގައި އާ އީޖާދުތަކާ އެކު ކުރި ހޯދަމުންނެވެ.

ވޭރަބަލް އީ-ސިމްގެ ޚިދުމަތް ތައާރަފުކުރުމަކީ ރާއްޖޭގެ ޑިޖިޓަލް އީޖާދުތަކުގެ ކުރީ ސަފުގައި އުރީދޫ އޮތްކަން އިތުރަށް ކަށަވަރުކޮށްދޭ ކަމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް