ނޫސްވެރިންގެ މިނިވަންކުރަން ގޮވާލި އިހުތިޖާޖުން 9 މީހުން ހައްޔަރުކުރި!

ރޭގެ އިހުތިޖާޖުގެ ތެރެއިން ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގަނީ: މި އިހުތިޖާޖުގެ ތެރެއިން ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައި --- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

މާލޭގައި ރޭ ބޭއްވި އިހުތިޖާޖަކީ ނޫސްވެރިން ބިރުދެއްކުމާއި ހައްޔަރުކުރުމާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި ހަރަކާތެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްނަންގަވައިގެން ފެށި މި ހަރަކާތުގެ ތެރެއިން ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައި 7 ފިރިހެނުންނާއި 2 އަންހެނުން ހިމެނޭހެން ޖުމުލަ 9 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

  • ނޫސްވެރިންގެ މިނިވަންކަމަށް ގޮވާލައި މާލޭގައި ވަރުގަދަ އިހުތިޖާޖެއް ކުރުން.
  • މި މުޒާހަރާގައި އިސްކޮށް ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު.
  • ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައި 9 މީހަކު ހައްޔަރުކުރުން.
  • މި ހަރަކާތަކީ އަދަދު ނޫހުގެ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައި ކުރިއަށްގެންދިޔަ ހަރަކާތެއް.

ނޫސްވެރިން ބިރުދެއްކުމާއި ހައްޔަރުކުރުމާ ދެކޮޅަށް އަޑުއުފުލުމަށް ރޭ ގިނަ ބަޔަކު އެއްވެގެން މާލޭގައި ބޭއްވި އިހުތިޖާޖުން ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްނަންގަވައިގެން އެމްޑީޕީ ހަރުގެ ކައިރިން ފެށި، މި އިހުތިޖާޖުގައި ފުލުހުންނާ ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. މި ގޮތުން، ފުރަތަމަ ކުރިމަތިލުމެއް ހިނގާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ގެކޮޅު ކައިރިންނެވެ.

މި އިހުތިޖާޖުގެ ތެރެއިން ބައެެއް މީހުން ރޭ ވަނީ ހައްޔަރު ވެސް ކޮށްފައެވެ.

https://sun.mv/221951

ފުލުހުން މިއަދު ބުނި ގޮތުގައި، ޖުމުލަ ނުވަ މީހަކު ރޭގެ އިހުތިޖާޖުގެ ތެރެއިން ވަނީ ހައްޔަރުކޮށްފައެވެ. އެއީ، ހަތް ފިރިހެނުންނާއި ދެ އަންހެނުން ކަމަށް ފުލުހުން ބުނި ނަމަވެސް، އެ މީހުންގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ. އެހެންވެ، އެއީ ކޮން ބައެއް ކަމެއް ސާފެއް ނޫނެވެ.

ރޭގެ މުޒާހަރާއިން ކުރީގެ މެންބަރު ހުސައިން ފިރުޝާން ހައްޔަރުކުރަނީ: މުޒާހަރާއިން ނުވަ މީހުން ހައްޔަރުކުރި -- ސަން ފޮޓޯ/ އަބްދުﷲ ޝާތިއު

ފުލުހުން ބުނީ، އެ މީހުން ހައްޔަރުކުރީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅައި، އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ކުރީގެ ރައީސް ޔާމީންގެ ގެކޮޅު ސަރަހައްދުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ ދެމެދުގައި ކޮންމެ ވެސް ވަރެއްގެ ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނު ނަމަވެސް، ފަހުން އިހުތިޖާޖުގެ ބައިވެރިން ވަނީ އަނެއްކާ ވެސް މަޖީދީ މަގަށް ނިކުމެ ހިނގާލުން ކުރިއަށް ގެންގޮސްފައެވެ.

ނޫސްވެރިން މިނިވަން ކުރަން ގޮވާލައި، ރޭ ބޭއްވި އިހުތިޖާޖުގެ ތެރެއިން: މި އިހުތިޖާޖުގެ ތެރެއިން ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައި ---- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

މި ހިނގާލުމަށް ފަހު އިހުތިޖާޖުގެ ބައިވެރިން މަޑުކޮށްގެން ތިބީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހަތަރުއަނގޮޅި ސަރަހައްދުގައެވެ. އެ ވަގުތު އެސްއޯ ފުލުހުންގެ ބޮޑު ފައުޖެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔައިރު، އެކި ފަހަރު މަތިން އެއްވުން ރޫޅާލުމަށް ފުލުހުން މަސައްކަތްކުރިއެވެ.

އެ އިހުތިޖާޖު ރޫޅާލުމަށްޓަކައި މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވަދެގަތް ވަގުތު ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. މި ކުރިމަތިލުންތަކުގެ ތެރޭގައި އިހުތިޖާޖުގެ ބައިވެރިއަކަށް އަނިޔާވެފައިވާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި ބައެއް މީހުން މައުލޫމާތު ދީފައިވެއެވެ.

މި އިހުތިޖާޖަކީ ހައްޔަރުކޮށްފައިވާ "އަދަދު" ނޫހުގެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށް ގޮވާލައި ބޭއްވި ހަރަކާތެކެވެ.

މި ހަރަކާތުގައި ރައީސް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.

comment ކޮމެންޓް