ސީޝެލްސްގެ ޚާރިޖީ ވަޒީރަކު ރާއްޖެއަށް މުޅިން އަލަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފި

ރާއްޖޭގެ ފޮރިން ސެކްރެޓަރީ އިނާޔާ، ސީޝެލްސްގެ ފޮރިން މިނިސްޓަރާ އެކު -- ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ ދަޢުވަތަކަށް، ސީޝެލްސްގެ ފޮރިން އެފެއާޒް އެންޑް ޑަޔަސްޕޯރާ މިނިސްޓަރު ބެރީ ފޯ ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގެންފިއެވެ. މިއީ ސީޝެލްސްގެ ޚާރިޖީ ވަޒީރަކު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ކުދި ޖަޒީރާ ޤައުމުތަކުގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

  • ސީޝެލްސްގެ ޚާރިޖީ ވަޒީރަކު ރާއްޖެއަށް ކުރެއްވި މިއީ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
  • މިނިސްޓަރު ބެރީ ފޯ ރާއްޖެ ވަޑައިގަތީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ ދަޢުވަތަކަށެވެ.
  • މި ދަތުރުފުޅުގައި ދޭދޭ ގުޅުންތަކާއި ބައިނަލްއަޤްވާމީ މަސްރަޙުގައި ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެވޭނެއެވެ.
  • ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ގޮތުގައި ދެ ޤައުމުގެ އެއްބާރުލުން ހަރުދަނާކުރުމަށް އިސްކަންދެވޭނެއެވެ.

ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ ދަޢުވަތަކަށް، ސީޝެލްސްގެ ފޮރިން އެފެއާޒް އެންޑް ޑަޔަސްޕޯރާ މިނިސްޓަރު ބެރީ ފޯ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބެރީ ފޯއަށް މަރުޙަބާ ދެންނެވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިއީ ސީޝެލްސްގެ ޚާރިޖީ ވަޒީރަކު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ ރާއްޖެއާއި ސީޝެލްސްއާ ދެމެދު އޮތް ގާތް ރަޙުމަތްތެރި ގުޅުމުގައި ލިބުނު ތާރީޚީ ކުރިއެރުމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ބެރީ ފޯ، ރާއްޖޭގެ މިނިސްޓަރު އިރުތިޝާމާ ބައްދަލުކުރައްވައި، ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ބައިނަލްއަޤްވާމީ އަދި ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅަކީ ރާއްޖެއާއި ސީޝެލްސްއާ ދެމެދު އޮތް ގާތް ރަޙުމަތްތެރި ގުޅުން ހާމަކޮށްދޭ ދަތުރުފުޅެއް ކަމަށާއި މިއީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ މުހިންމު ދަތުރުފުޅެއްކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް