ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އިރުތިޝާމް ޗައިނާއަށް ވަޑައިގަތީ ދެ ދުވަހުގެ ދަތުރުފުޅެއްގައި ކަމަށެވެ. އެ ދަތުރުފުޅުގައި އޭނާ، ޔުނާން ޕްރޮވިންސުގައި އޮންނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ ފޯރަމްގައި އިރުތިޝާމް ކީނޯޓް ތަގުރީރެއް ދެއްވާނެ ކަމަށާއި، އޭނާ 10ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ ދަތުރުފުޅުގައި އޭނާ ޔުނާން ޕްރޮވިންސްގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ދަތުރުފުޅުގައި މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލްއާއި ޑިރެކްޓަރު މަރިޔަމް ބައްސާމާ ފާރޫގް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
ރާއްޖެއަށް އެންމެ ގިނައިން އެހީ ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނޭއިރު، އެ ގައުމާ ގާތް ގުޅުމެއް ބޭއްވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބޭރަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ވަޑައިގަތީ ޗައިނާއަށެވެ.
އިރުތިޝާމް ފޮރިން މިނިސްޓަރު ކަމަށް އައްޔަންކުރެއްވީ މިދިޔަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ކަމަށްވާއިރު، އޭނާ އެ މަގާމުގައި ހުންނަވައިގެން ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވަޑައިގަތީ އިންޑިއާއަށެވެ.