ވަން ޔޫއައި 9 ގެ ބީޓާ ވާޝަން ސެމްސަންގުން އިއުލާންކޮށްފި

ފޯނުގެ މަތިން ތިރިއަށް ދަމާލުމުން ފެންނަ "ކުއިކް ޕެނަލް" އަށްވެސް ބޮޑު ބަދަލެއް ވަނީ ގެނެސްފަ ---

ސެމްސަންގް ކުންފުނިން އެންޑްރޮއިޑް 17 އަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ވަން ޔޫއައި 9 ގެ ބީޓާ ޕްރޮގްރާމް ރަސްމީކޮށް ފަށައިފިއެވެ. މި އަޕްޑޭޓުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ގިނަ ވަސީލަތްތަކާއި، ފޯނުގެ ސެޓިންގްސް އަމިއްލައަށް ބަދަލުކުރެވޭނެ އިތުރު ގޮތްތަކާއި، ފަސޭހައިން ބޭނުންކުރެވޭނެ އެކްސެސިބިލިޓީ ފީޗާތައް ހިމެނެއެވެ. މީގެ އިތުރުން ފޯނުގެ ސެކިއުރިޓީ ވަރުގަދަކޮށް، ގެއްލުންދެނިވި އެޕްލިކޭޝަންތައް ދެނެގަނެވޭނެ ނިޒާމުވެސް ވަނީ ހަރުދަނާކޮށްފައެވެ.

  • ވަން ޔޫއައި 9 ގެ ބީޓާ ޕްރޮގްރާމް ފުރަތަމަ ލިބެނީ ގެލެކްސީ އެސް26 ސީރީޒްގެ ފޯނުތަކަށެވެ.
  • ސެމްސަންގް ނޯޓްސް އެޕަށް އާ ބަދަލުތަކެއް ގެނެސް، ކްރިއޭޓިވް ސްޓޫޑިއޯ ވަނީ ހިމަނާފައެވެ.
  • ކުއިކް ޕެނަލްއާއި އެކްސެސިބިލިޓީ ފީޗާތަކަށް މުހިންމު ބަދަލުތަކެއް ގެނެސް، ޓެކްސްޓް ސްޕޮޓްލައިޓް ތައާރަފުކޮށްފައިވެއެވެ.
  • ނުރައްކާތެރި އެޕްލިކޭޝަންތައް ދެނެގަނެ ބްލޮކްކުރާނެ ސެކިއުރިޓީ ނިޒާމެއް ވަނީ ހިމަނާފައެވެ.
  • މި އަހަރުގެ ފަހުކޮޅު އާ ފްލެގްޝިޕް ފޯނުތަކާއެކު މި ވާޝަން ރަސްމީކޮށް އާންމުކުރާނެއެވެ.

އެންޑްރޮއިޑް 17 އަށް ބިނާކޮށް ސެމްސަންގް ފޯނުތަކަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ "ވަން ޔޫއައި 9" ގެ ބީޓާ ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވާކަން އެ ކުންފުނިން އަންގާރަ ދުވަހު ވަނީ އިޢުލާންކޮށްފައެވެ.

މި އާ އަޕްޑޭޓާއެކު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މަސައްކަތްކުރާ ގިނަ ވަސީލަތްތަކަކާއި، ފޯނުގެ ސެޓިންގްސްތައް އަމިއްލައަށް ބަދަލުކޮށްލެވޭނެ އިތުރު ގޮތްތަކާއި، ފަސޭހައިން ފޯނު ބޭނުންކުރެވޭނެ އެކްސެސިބިލިޓީ ފީޗާތަކުގެ އިތުރުން ސެކިއުރިޓީ ވަރުގަދަކުރުމަށް ގިނަ ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

އޭގެ ތެރޭގައި ނޯޓްސް އެޕްލިކޭޝަނަށް ގެނައި އާ ބަދަލުތަކާއި ކިޔަން ފަސޭހަކޮށްދޭ "ޓެކްސްޓް ސްޕޮޓްލައިޓް" ފާހަގަކޮށްލެވެއެވެ. އަދި މި އަހަރުގެ ފަހުކޮޅު ނެރުމަށް ހަމަޖެހިފައިވާ ސެމްސަންގްގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނުތަކާއެކު، ވަން ޔޫއައި 9 ގެ ސްޓޭބަލް (ރަސްމީ) ވާޝަން އާންމުކޮށް ދޫކޮށްލާނެކަންވެސް އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ.

https://sun.mv/221648

ސެމްސަންގުން ނެރުނު ބްލޮގް ޕޯސްޓެއްގައި ހާމަކުރި ގޮތުގައި މި ބީޓާ ޕްރޮގްރާމް ފުރަތަމަ ލިބޭނީ ގެލެކްސީ އެސް26 ސީރީޒްގެ ފޯނުތައް ބޭނުންކުރާ ވަކި ޤައުމުތަކެއްގެ ޔޫޒަރުންނަށެވެ. މީގެ ތެރޭގައި ހިމެނެނީ އިންޑިއާ، ޖަރުމަނު، ދެކުނު ކޮރެއާ، ޕޮލެންޑް، އިނގިރޭސިވިލާތް (ޔޫކޭ) އަދި އެމެރިކާ (ޔޫއެސް) އެވެ. މި ޤައުމުތަކުގައި ފޯނު ބޭނުންކުރާ ފަރާތްތަކަށް "ސެމްސަންގް މެންބާސް" އެޕްލިކޭޝަން މެދުވެރިކޮށް މި ހަފުތާގެ ތެރޭގައި ބީޓާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ.

ސެމްސަންގްގެ ކުރީގެ ބާވަތްތަކުގެ ފޯނުތަކާއި ޓެބްލެޓްތަކަށް މި އަޕްޑޭޓް ލިބޭނެ ވަގުތެއް އެ ކުންފުނިން އަދި ހާމައެއް ނުކުރެއެވެ. އޭގެ ބަދަލުގައި އެ ކުންފުނިން ބުނެފައިވަނީ ކުރިއަށް އޮތް ޖީލުގެ ފްލެގްޝިޕް ޑިވައިސްތަކާއެކު މި އަހަރުގެ ފަހުކޮޅު ވަން ޔޫއައި 9 ރަސްމީކޮށް ދޫކޮށްލާނެ ކަމަށެވެ.

މި އާ އަޕްޑޭޓްގައި ހިމެނޭ އެންމެ މުހިންމު އެއް ބަދަލަކީ ސެމްސަންގް ނޯޓްސް އެޕަށް ގެނެސްފައިވާ ބަދަލުތަކެވެ. އެގޮތުން ނޯޓްސް ލިޔާއިރު ބޭނުންކުރާނެ ތަފާތު ގަލަމުގެ ސްޓައިލް (ޕެން ލައިން ސްޓައިލްސް) ޒީނަތްތެރިކުރާ ޓޭޕްތައް މިހާރު ވަނީ ހިމަނާފައެވެ. މިއީ ނޯޓްސް ލިޔާ މީހުންނަށާއި ޑައިރީ ނުވަތަ ޖާނަލް ލިޔާ ފަރާތްތަކަށް ލިބޭނެ ބޮޑު ފަސޭހައެކެވެ.

މީގެ އިތުރުން "ކްރިއޭޓިވް ސްޓޫޑިއޯ" ވެސް މިހާރު ވަނީ ނޯޓްސް އެޕްގެ ތެރެއަށް އެއްކޮށްލާފައެވެ. މީގެ ސަބަބުން އެހެން އެޕްލިކޭޝަންތަކަށް ނުގޮސް، ސީދާ ނޯޓްސް އެޕްގެ ތެރެއިން އަމިއްލަ ޕްރޮފައިލް ކާޑުތައް ހެދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ފޯނުގެ މަތިން ތިރިއަށް ދަމާލުމުން ފެންނަ "ކުއިކް ޕެނަލް" އަށްވެސް ބޮޑު ބަދަލެއް ވަނީ ގެނެސްފައެވެ. އެގޮތުން ބްރައިޓްނަސް، އަޑު، އަދި މީޑިއާ ޕްލޭބެކް ކޮންޓްރޯލްތައް ބޭނުން ބޮޑުމިނަކަށް ބަދަލުކޮށް، ތަރުތީބުކޮށްލުމުގެ ފުރުޞަތު ލިބޭނެއެވެ.

ފޯނު ބޭނުންކުރުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެކްސެސިބިލިޓީ ފީޗާތައްވެސް ވަނީ ފުޅާކޮށްފައެވެ. އެގޮތުން މައުސް ކީގެ ސްޕީޑް ބޭނުންގޮތަކަށް ބަދަލުކުރެވޭއިރު، ސެމްސަންގާއި ގޫގުލްގެ ޓޯކްބެކް ޕެކޭޖްތައް އެއްކޮށްލައިގެން މުޅިން އާ ތަޖުރިބާއެއް ލިބިގެންދާނެއެވެ. އަދި އަލަށް ތަޢާރަފުކުރި "ޓެކްސްޓް ސްޕޮޓްލައިޓް" ފީޗާގެ އެހީގައި، ފޯނުން ހޮވާލާ ލިޔުންކޮޅެއް ވަކިން ބޮޑުކޮށްލައިގެން ފްލޯޓިން ވިންޑޯއެއްގައި ކިޔާލުމުގެ ފުރުޞަތު ލިބޭނެއެވެ.

ސެކިއުރިޓީގެ ގޮތުން ބަލާއިރު، ފޯނަށް ގެއްލުންދެނިވި ނުވަތަ ޝައްކުކުރެވޭ އެޕްލިކޭޝަންތައް މާ ކުރިން ވަން ޔޫއައި 9 އިން ދެނެގަންނާނެއެވެ. އަދި ނުރައްކާތެރި އެޕެއް ފާހަގަކުރެވިއްޖެނަމަ، ފޯނުން އެ އެޕެއް ހުޅުވުން ނުވަތަ އިންސްޓޯލްކުރުން ބްލޮކްކޮށް، އެ އެޕް ފޯނުން ފޮހެލުމަށް ޔޫޒަރަށް އަންގާނެ ކަމަށް ސެމްސަންގުން ބުނެއެވެ.

comment ކޮމެންޓް