އިންޑިއާގައި 2 މިލިއަން ކެންޑިޑޭޓުން ބައިވެރިވި މުހިންމު އިމްތިހާނެއް ކެންސަލް ކުރުމުން މުޒާހަރާ ކުރަނީ

އިންޑިއާގައި އިމްތިހާނެއް ކެންސަލް ވުމުން މުޒާހަރާ ކުރަނީ -- ފޮޓޯ/ އެންއެސްޔޫއައި

މެއި މަހު އިންޑިއާގައި ބޭއްވި ނީޓް-ޔޫޖީ މެޑިކަލް އިމްތިހާނުގެ ކަރުދާސް ލީކުވި މައްސަލައަކާ ގުޅިގެން އެ އިމްތިހާނު ބާތިލުކުރުމުން، ވެރިރަށް ދިއްލީގައި މުޒާހަރާތައް ވަނީ ފަށާފައެވެ. މި އިމްތިހާނަކީ އިންޑިއާގައި މެޑިސިން ކިޔެވުމަށް ކޮންމެހެން ފުރިހަމަކުރަންޖެހޭ މުހިންމު އިމްތިހާނެކެވެ. އިމްތިހާނު އަލުން ބާއްވާނެ ތާރީޚެއް އަދި އިއުލާނުކޮށްފައި ނުވާއިރު، މިކަމުގެ ސަބަބުން އެޑްމިޝަން ލަސްވެދާނެތީ ދަރިވަރުންނާއި ބެލެނިވެރިން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ.

  • އިންޑިއާގެ ނީޓް-ޔޫޖީ އިމްތިހާނުގެ ކަރުދާސް ލީކުވުމުން އިމްތިހާނު ވަނީ ބާތިލުކޮށްފައި
  • މުޅި އިންޑިއާއިން 2.28 މިލިއަން ކެންޑިޑޭޓުން މި އިމްތިހާނުގައި ބައިވެރިވި
  • އިމްތިހާނު ބާތިލުކުރުމާ ގުޅިގެން ވެރިރަށް ދިއްލީގައި ދަނީ މުޒާހަރާ ކުރަމުން
  • މި މައްސަލަ މިހާރު ތަހުގީގުކުރަމުން ދަނީ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން

އިމްތިހާން ކަރުދާސް ލީކުވެފައިވާ ކަމަށް ބުނެ މެއި މަހުގެ ކުރީކޮޅު އިންޑިއާގައި ބޭއްވި މުހިންމު އިމްތިހާނެއް ކެންސަލް ކުރުމުން އިންޑިއާގެ ވެރިރަށް ދިއްލީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

ނީޓް-ޔޫޖީގެ ނަމުން މަޝްހޫރު "ނޭޝަނަލް އެލިޖިބިލިޓީ ކަމް އެންޓްރެންސް ޓެސްޓް (އަންޑަގްރެޖުއޭޓް)" އަކީ އިންޑިއާގައި މެޑިސިން ކިޔަވަން ކޮންމެހެން ހަދަން ޖެހޭ ޓެސްޓެކެވެ.

މުޅި އިންޑިއާގެ 5،000 އަށް ވުރެ ގިނަ މަރުކަޒުގައި ގާތްގަނޑަކަށް 2.28 މިލިއަން ކެންޑިޑޭޓުން ވަނީ މެއި މަހުގެ ތިން ވަނަ ދުވަހު އެ އިމްތިހާން ހަދާފައެވެ.

އިމްތިހާން ކުރިއަށްގެންދާ ފެޑެރަލް ސަރުކާރުގެ ނޭޝަނަލް ޓެސްޓިން އެޖެންސީ (އެންޓީއޭ) އިން އެ އެޖެންސީގެ ހޯދުންތަކާއި ހިނގަމުންދާ ތަހުގީގަށް ބަލާއިރު އިމްތިހާން އަލުން ހަދަން ޖެހޭނެއެވެ.

އެ އިމްހާނުގައި މި އަހަރު 2.28 މިލިއަން ކުދިން ބައިވެރިވެފައިވޭ -- ފޮޓޯ/ ހިންދުސްތާން ޓައިމްސް

އިމްތިހާން އަލުން ބާއްވާނެ ތާރީޚެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ. އެޑްމިޝަން ޕްރޮސެސް ލަސްވެދާނެތީ ދަރިވަރުންނާއި ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މައްސަލަ ތަހުގީގުކުރާ ފަރާތްތަކާ ހަވާލާދީ އިންޑިއާގެ މީޑީއާތަކުން ރިޕޯޓުކުރާ ގޮތުގައި ކަރުދާސް ލީކް ވެފައިވަނީ އިމްތިހާނު ބޭއްވުމުގެ ދުވަސްތަކެއް ކުރިން ހުޅަނގުގެ ސްޓޭޓް ރާޖަސްތާނުންނެވެ.

ރާޖަސްތާނުގެ ފުލުހުންގެ އިސް އޮފިޝަލަކު ނޫސް އެޖެންސީ އޭއެންއައިއަށް ވިދާޅުވީ އިމްތިހާނުގެ ކުރިން އިމްތިހާން ކަރުދާސް ދައުރުވި ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، އެ ކަރުދާހުގައި ހުރީ އިމްތިހާން ކަރުދާހުގައި ހުރި ސުވާލުތައް ކަމަށެވެ.

އެ މައްސަލަ މިހާރު ވަނީ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) ގެ ފެޑެރަލް އިންވެސްޓިގޭޓަރުންނާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް