ސްރީ ލަންކާގެ ވަތަވާލާއަށް މެދުކެނޑުމެއްނެތި މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މިދިޔަ އަހަރު ނޮވެމްބަރު މަހު އެ ގައުމަށް އެރި ބާރުގަދަ ތޫފާާން 'ދީތްވާ' އެރުމަށް މެދުވެރިވި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ ތަކުރާރު ވެދާނެ ކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
އެހެންވެ އެ ސަރަހައްދުގެ މަގުތައް މިހާރު ވަނީ ބަންދުކޮށްފައެވެ.
ސެންޓްރަލް ހިލް ސަރަހައްދަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހެޓަން، ކޮލަމްބޯ މަގުގައި ވަނީ ބިންގަނޑު ކަނޑައިގެންގޮސް ގެއްލުންވެފައެވެ.
ނޯވުޑްގެ އެގްޒެކެޓިވް އިންޖިނިއަރު، ރޯޑް ޑިވެލޮޕްމަންޓް އޮތޯރިޓީ ވިދާޅުވީ ޓްރެފިކަށް މަގު ވަރަށް އަވަހަށް ސާފުކޮށް ހުޅުވާލާނެ ކަމަށެވެ.
މީގެ އިތުރުން އާދީއްތަ ދުވަހު ހަވީރު ވެލާވާޔާގެ ކިރިންޑިއޯޔާ ކޯރު ފުރިގެން ގޮސް ތިރި ސަރަހައްދުތަކުގައި ހުރި 30 ވަރަކަށް ގެއަށް ވަނީ ގެއްލުން ލިބިފައެވެ.
މޮނާރަގަލާ ޑިސްޓްރިކްޓް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރު އޭއެޗްރަވިންދްރާ ކުމާރާ ވިދާޅުވީ ވެލަވާޔާގެ ނޫގޭޔާ، ރޮމިއެލް ޖަންކްޝަން، އަދި ތެލުލާ ސަރަހައްދުތަކަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގެދޮރު ގެއްލިފައިވާ އާއިލާތަކަށް ލުއި ދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. ގެއްލުން ލިބުނު އާއިލާތަކަށް ބަދަލު ދިނުމަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބަންޑާރަވެލާ ޓައުންގައި ވެސް އިއްޔެ ވަނީ ފެންބޮޑުވެފައެވެ. ނަރުދަމާ ނިޒާމު ބަންދުވުމުގެ މަގުތަކުގައި ފެންބޮޑުވެ ފިހާރަތަކަށް ވެސް ގެއްލުން ލިބިފައިވެއެވެ.
ލަންކާގެ މޫސުމާބެހޭ އިދާރާގެ އިސް އޮފިޝަލަކު ވިދާޅުވީ ޕްރީ މޮންސޫނަލް ކޮންޑިޝަން އަދި ލަންކާ ކައިރީގައިވާ ލޯ ޕްރެޝަރުގެ ސަބަބުން ވާރޭވެހުން އިތުރުވެފައިވާ ކަމަށެވެ.
"ދެކުނާއި އުތުރު ހެމިސްފިއާއިން ވައިޖެހެމުން ދިޔައީ ޓްރިންކޮމާލީއާއި 700 ކިލޯމީޓަރު ދުރުގައި ހުރި ހިސާބަކުން،"
މިއީ ތެތްކަން ހިމެނޭ ވިލާތަކެއް އެއްވެފައިވާ ސަރަހައްދެކެވެ. މިއީ މިހާރު ވިއްސާރަ މޫސުން ގޯސްވުމުގެ އެއް ސަބަބެވެ. އަދި ހަމައެހެންމެ ލަންކާ އޮތީ ޕްރީ މޮންސުނަލް ހާލަތެއްގައި ކަމަށާއި އެކަމުގެ ސަބަބުން ވެސް މިހާރު އޮތް ވިއްސާރަ މޫސުމަށް މެދުވެރިވެފައި އޮތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ހަފްތާއެއް ނުވަތަ ދެ ހަފްތާ ތެރޭގައި ލަންކާއަށް ހުޅަނގު މޫސުން ވެސް ފެށޭނެ ކަމަށް ކްލައިމެޓޮލޮޖިސްޓް ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީ މަލިތު ފަރްނާންޑޯއާ ހަވާލާދީ ޑެއިލީ މިރާއިން ރިޕޯޓުކޮށްފައިވެއެވެ.
މިދިޔަ އަހަރު ނޮވެމްބަރު މަހު ފަހުކޮޅު ދެކުނު އޭޭޝިއާގެ ގައުމުތަކަށް އެރި ތޫފާން "ދީތްވާ" ގެ އަސަރު އެންމެ ބޮޑަށް ކުރީ ސްރީ ލަންކާއަށެވެ.
އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ ތޫފާނާ ގުޅިގެން ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކެނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 450 އަށް އުފުލިފައިވާ ކަމުގައެވެ. އަދި 407,594 އާއިލާގެ 1.4 މިލިޔަނަށްވުރެ ގިނަ މީހުންނަށް އަސަރުކޮށް، ހާލުގައި ޖެހިފައިވެއެވެ.