ރާއްޖޭގައި ޖުމުލަ 3،907 ނަރުހުން އުޅޭއިރު، ފިރިހެން ނަރުހުންގެ އަދަދަކީ، 314 ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީން ހިއްސާކުރި ތަފާހިސާބުތަކުގައިވާ ގޮތުން، ރާއްޖޭގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގައި ޖުމުލަ 3،907 ނަރުހުން މަސައްކަތް ކުރެއެވެ. އޭގެތެރެއިން، 1،989 ނަރުހުން މަސައްކަތް ކުރަނީ މާލެ ސަރަހައްދުގައި ކަމަށްވާއިރު، 1918 ނަރުހުން އަތޮޅުތަކުގައި މަސައްކަތްކުރެއެވެ.
ހެލްތު މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ނަރުހުންގެ ތެރޭގައި އެންމެ ގިނައީ އަންހެން ނަރުހުންނެވެ. އެ ނަރުހުންގެ އަދަދު 3،593އަށް އަރާއިރު، ރާއްޖޭގައި އުޅެނީ އެންމެ 314 ފިރިހެން ނަރުހުންނެވެ.

ނަރުހުންތަކެއް: ރާއްޖޭގައި އެންމެ ގިނައީ އަންހެން ނަރުހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެއާއެކު، 2,503 ނަރުހުންނަކީ ދިވެހިން ކަމަށްވާއިރު، 1404 ނަރުހުންނަކީ ބިދޭސީންނެވެ.
ނަރުހުންގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން 2018ގައި ސަރުކާރުން ވަނީ، ނަރުހުންގެ އޮނިގަނޑު އެކުލަވާލަވާލާފައެވެ. އެ ބަދަލާއެކު، ނަރުހުންގެ ކެރިއާ ޕާތުވޭއާއި މުސާރައިގެ އޮނިގަނޑަށް ގެނެވުނު އިޞްލާޙުތަކާއެކު، ކުރިއެރުންތަކެއް ވަނީ ލިބިފައެވެ.
އެގޮތުން ކާޑިއަކް ކެއާ، ނިއުރޯ ކެއާ ފަދަ ޚާއްސަ ދާއިރާތަކުން ތަމްރީނުވުމުގެ ފުރުސަތުތައް ވަނީ ހުޅުވިފައެވެ. އަދި، ނަރުހުންގެ ފަންނީ މިންގަނޑުތައް ހިފެހެއްޓުމަށާއި ލައިސަންސް ދިނުމުގެ ނިޒާމު ވަނީ ހަރުދަނާކޮށްފައެވެ.