އިންޑިއާގެ ޗައްޓީސްގަރުގެ ޖަންޖްގިރު-ޗަމްޕާ ޑިސްޓްރިކްޓްގެ އަވަށެއްގައި ކަރާ ކައިގެން 15 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.
އެ ހާދިސާގައި އިތުރު ތިން ކުއްޖެއްގެ ހާލު ގޯސްވެފައިވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ އެންޑީޓީވީން ރިޕޯޓުކޮށްފައިވެއެވެ.
އެ ހާދިސާ ހިނގާފައިވަނީ ގުރުކޯޓް އަވަށުގައި ކަމަށާއި، އެ އަވަށަށް އެ ކުދިން ގޮސްފައި ވަނީ ކުދިންގެ މަންމަ ފަރާތު ބޮޑުބޭބެއެއްގެ ގެއަަށް ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.
ކަރާ ކެއިފަހުން މަރުވެފައިވަނީ ޕޮޑި ދަލްހާ އަވަށުގައި ދިރިއުޅޭ 15 އަހަރުގެ އަކިލޭޝް ދިވާރެވެ. ކަރާ ކައިގެން ބަލިވީ ހަތަރު އަހަރުގެ ޝްރީ ދިވާރާއި، 12 އަހަރުގެ ހަޓާޕިންޓޫ ދިވާރްއާއި ތިން އަހަރުގެ ހިތޭޝް ދިވާރެވެ.
"މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު އާދީއްތަ ދުވަހު ހަވީރު އެ ގޭގައި ފަޅާފައި އޮތް ކަރައެއް އެ ކުދިން ކެއި. އޭގެ ދެތިން ގަޑިއިރު ފަހުން އަކިލޭޝް ހޮޑުލާން ފެށި، ބޭރަށް ހިންގައި ނޭވާލާން އުނދަގޫވި. ފަހުން އެހެން ތިން ކުދިންގެ ކިބައިން ވެސް މިފަދަ އަލާމާތްތަކެއް ފެނިފައިވޭ،" ޑިސްޓްރިކްޓް ހޮސްޕިޓަލުގެ ސިވިލް ސާޖަން ޑރ. އެސް ކުޖޫރު ވިދާޅުވިއެވެ.
އެ ކުދިންގެ ހާލަތު ގޯސްވަމުން ދާތީ އެކި ގަޑިތަކުގައި އާއިލާގެ މެމްބަރުން ކުދިން ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް ހޮސްޕިޓަަލަށް ގެންދިޔަ މަގުމަތީގައި އަކިލޭޝް މަރުވެފައިވާ ކަމަށާއި، އަނެއް ތިން ކުދިން އިމަޖެންސީ ވޯޑުގައި އެޑްމިޓްކޮށްފައިވާ ކަމަށް އެންޑީޓީވީން ބުނެފައިވެއެވެ.
ޑރ. ކުޖޫރު ވިދާޅުވީ، ކަރާ ފަޅާފައި އޮތްތާ އެތައް ގަޑިއިރެއް ފަހުން ބޭނުންކޮށްފައިވާތީ، ތަޣައްޔަރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"ތަޣައްޔަރުވެފައިވާ ކަރާ ކެއުމުގެ ސަބަބުން ކާނާ ވިހަވެދާނެ. މަރުވި ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވާފައިވާއިރު، ވިސްސެރާގެ ސާމްޕަލްތައް ފޮރެންސިކް ތަހުލީލަށް ރައްކާކޮށްފައި ވަނީ. އަދި ގޭގައި އޮތް އެހެން ކަރަލެއް ލެބޯޓްރީ ޓެސްޓް ކުރުމަށް ފުޑް ސޭފްޓީ ޑިޕާޓްމަންޓަށް ފޮނުވާފައި ވާނީ،" ޑރ. ކުޖޫރު ވިދާޅުވިއެވެ.
ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އެނގޭނީ ފޮރެންސިކް އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ރިޕޯޓްތައް ލިބުމުން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
އިންޑިއާގެ މުމްބާއީގައި ދެމަފިރިއަކާއި އެ މީހުންގެ ދެ ދަރިން ވެސް ވަނީ ކަރާ ކޭ ފަހުން މިދިޔަ މަހު ފަހުކޮޅު މަރުވެފައެވެ. ބާރަ ގަޑިއިރު ތެރޭ ހަތަރު މީހުން މަރުވީ އެމީހުން ކޭ ކަރަލުގައި މީދާ މަރާ ޒަހަރު ހުރުމުން ކަމަށް ފޮރެންސިކް ތަހުލީލުތަކުން ދައްކާފައިވާ ކަމަށް މިދިޔަ ހަފްތާ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.
އާއިލާގެ ބަޔަކާ އެކު ރޭގަނޑުގެ ކެއުމަކަށް ފަހު، ފަތިހު 5:00 ޖަހަން އުޅެނިކޮށް ކުއްލިއަކަށް ބޭރަށްހިންގަން ފަށައި ހޮޑުލެވި ހާލު ދެރަވަމުން ގޮސް މަރުވީ އުމުރުން 45 އަހަރުގެ އަބްދުﷲ ދޮކާޑިއާ އާއި އޭނާގެ އަންހެނުން 35 އަހަރުގެ ނަސްރީންގެ އިތުރުން، އެމީހުންގެ ދެ ކުދިން ކަމަށްވާ 13 އަހަރުގެ ޒައިނަބާއި 16 އަހަރުގެ އާއިޝާއެވެ.