މެދުއިރުމަތީގެ އެއާލައިނެއް ހިމެނޭ ގޮތަށް ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އިނަ މޯލްޑިވްސްގެ ވެރިޔާ އަދި އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު މުޙައްމަދު ފިރާގު މިރޭ ވިދާޅުވެއްޖެއެވެ.
ފިރާގު އެފަދައިން ވިދާޅުވިއިރު، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ނުތަނަސްކަމަކާ ކުރިމަތިވެ، ފަތުރުވެރިން އަންނަ ނިސްބަތް ވަނީ މަދުވެފައެވެ. އެކަން ޓުއަރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ހާމަވެއެވެ.
އެގޮތުން، މިދިޔަ މާޗް މަހު 216,309 ފަތުރުވެރިން ޒިޔާރަތްކުރި ނަމަވެސް، މިދިޔަ މަހު ޒިޔާރަތްކުރި އަދަދު ވަނީ 207,707 ދަށްވެފައެވެ.
އެހެން އެކަން އޮއްވައި، ފިރާގު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް، ތިން އެއާލަނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ގާތްގަނޑަކަށް އިންތިޒާމުތައް ނިމިފައިވާ ކަމަށެވެ.

އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު -- ސަން ފޮޓޯ/ މާހިލް މުހައްމަދު
މިގޮތުން، އިދާރީ އަދި އެެހެނިހެން މަރުހަލާތައް ނިމުމުން، އެ އެއާލައިންތަކުން ރަސްމީކޮށް ދަތުރުތައް އިއުލާނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެއާލައިންތަކުގެ ނަން ސިއްރުކުރައްވައި، ފިރާގު ވިދާޅުވި ގޮތުގައި، ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވަނީ މެދުއިރުމަތީގެ އެއާލައިނަކާއި އޭޝިއާ ސަރަހައްދުގެ ދެ އެއާލައިނެކެވެ.
މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް، ކުރިއަރުވަން ލިބޭ ފުރުސަތުތަކުގައި ދުވަހަކު ވެސް ރާއްޖެ ފަހަތަކަށް ނުޖެހޭނެކަން ފިރާގު ފާހަގަކުރެއްވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ބޮޑު ބައެއް އަންނަނީ، މެދުއިރުމަތީގެ ރޫޓްތަކުންނެވެ. އެކަމަކު، އެ ރޫޓްތަކުން ދަތުރުކުރާ ގިނަ ފްލައިޓްތަކެއް ކެންސަލްވުމުގެ ސަބަބުން އެ ގޮންޖެހުން ރާއްޖެއަށް ވަނީ ބޮޑުވެފައެވެ.
ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ދަށްވި ނަމަވެސް ހަނގުރާމައިގެ ސަބަބުން ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.