އެޕަލްގެ އައިފޯނާއި، އައިޕެޑް އަދި މެކް ކޮމްޕިއުޓަރުތަކަށް ދެން އެންމެ އަވަހަށް ނެރުމަށް ހަމަޖެހިފައިވާ އޮޕަރޭޓިން ސިސްޓަމް އަޕްޑޭޓްތަކާއެކު، ސަފާރީ ބްރައުޒާއަށް އާ ފީޗާއެއް ތައާރަފުކުރުމަށް އެ ކުންފުނިން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
"އޮޓޮމެޓިކް ގްރޫޕިން ފޯ ޓެބްސް" ގެ ނަމުގައި ތައާރަފުކުރާ މި ފީޗާއަކީ އިންޓަނެޓް ބްރައުޒްކުރާއިރު ހުޅުވާފައި ހުންނަ ޓެބްތައް އަމިއްލައަށް ތަރުތީބުކޮށްލެވޭނެ ނިޒާމެކެވެ.
ބްލޫމްބާގްގެ މާކް ގާމަން ހާމަކުރި ގޮތުގައި، މި އާ ފީޗާ މިހާރު އަންނަނީ އައިއޯއެސް 27، އައިޕެޑްއޯއެސް 27 އަދި މެކްއޯއެސް 27ގެ އަޕްޑޭޓްތަކާއެކު ޓެސްޓްކުރަމުންނެވެ.
މިއީ މިހާރުވެސް ގޫގުލް ކްރޯމް ފަދަ ބްރައުޒާތަކުގައި ބޭނުންކުރާ ޓެބް އޮގަނައިޒޭޝަން ޓޫލްތަކާ އެއްގޮތް މަސައްކަތްތަކެއް ކުރާނެ ފީޗާއެއް ކަމަށް ބެލެވެއެވެ.
މި ފީޗާގެ ސަބަބުން ބްރައުޒާގައި ހުޅުވާފައި ހުންނަ ޓެބްތައް އަމިއްލައަށް ދެނެގަނެ، އެކި މައުލޫއުތަކަށް ނުވަތަ ބޭނުންތަކަށް ބަހާލައިގެން ގްރޫޕްކޮށްލާނެއެވެ.
މީގެ ކުރިން ސަފާރީގައި ޓެބް ގްރޫޕްތައް ހަދަން ޖެހެނީ މެނުއަލްކޮށް ނަމަވެސް، އާ އަޕްޑޭޓާއެކު އޭއައި ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މި މަސައްކަތް އަމިއްލައަށް ކުރެވޭނެ ގޮތް ވެގެންދާނެއެވެ.
ސަފާރީ ބްރައުޒާގެ މަތީގައި އިންނަ ބަޓަނަކުން "އޮގަނައިޒް ޓެބްސް" އިޚްތިޔާރު ކުރުމުން، އޮޓޮމެޓިކުން ޓެބްތައް ގްރޫޕްކުރަން ބޭނުންތޯ ނުވަތަ ނޫންތޯ ކަނޑައެޅޭނެއެވެ.
ލީކުވެފައިވާ ކޯޑުތަކުން އެނގޭ ގޮތުގައި، ބްރައުޒާއިން ޓެބްތައް ގްރޫޕްކުރާނީ މީހާ އިންޓަނެޓް ބޭނުންކުރާ މައުލޫއުތަކަށް ބަލައިގެންނެވެ.
މީގެ އިތުރުން އެޕަލްގެ ވިޝަން ޕްރޯ ހެޑްސެޓަށް ޚާއްސަ ވިޝަންއޯއެސް 27 އަށްވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި އާ އޭއައި އެޑިޓިން ޓޫލްތަކާއި ސިިރީގެ އާ ފީޗާތައް ހިމެނެއެވެ.
މި ހުރިހާ އާ ފީޗާތަކެއް ރަސްމީކޮށް ދައްކާލާނީ އަންނަ ޖޫން މަހު ބާއްވާ އެޕަލްގެ ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ 2027) ގައެވެ.