އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ 30 ވަނަ އަހަރީ ބައްދަލުވުން މިއަދު ރާއްޖޭގައި ރަސްމީކޮށް ފަށައިފިއެވެ.
މިއީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާއި އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި އުސޫލުތަކުގެ ދަށުން އެ ވަސީލަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރަޙައްދީ މަސްވެރިކަމުގެ އިދާރާގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ބާސެލޯ ނަސަންދުރައިގައި ކުރިއަށްދާ މި ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މަންދޫބުންނާއި، މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

މިއަދުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމްއާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުވެސް ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުވުން އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި، މިނިސްޓަރު އަޙްމަދު ޝިޔާމް ވަނީ ދިވެހިންނާއި ކަނޑާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމަށް ރާއްޖެއިން ގެންގުޅޭ ދެމެހެއްޓެނިވި ސިޔާސަތުތައް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ އެއްބާރުލުމާއި، ސައިންސުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ކޮމިޝަނުން ކުރިއަށްގެންދާ މަޝްވަރާތަކަކީ ނަތީޖާ ނެރެވޭނެ، ބިނާކުރަނިވި މަޝްވަރާތަކަކަށް ހެދުމަށް އެދިވަޑައިގަންނަވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިފަދަ މުހިންމު ބައްދަލުވުންތަކެއް ރާއްޖޭގައި ބޭއްވުމަކީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގައްޔާއި، އެ ދާއިރާ ހިންގާ ބެލެހެއްޓުމުގައި ރާއްޖެއިން އަދާކުރާ އިސްދައުރު ހާމަކޮށްދޭ ކަމެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މި ބައްދަލުވުމުގެ ތެރެއިން ކޮމްޕްލަޔަންސް ކޮމިޓީގެ 23 ވަނަ ބައްދަލުވުމާއި، އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ކޮމިޓީގެ 23 ވަނަ ބައްދަލުވުމުގެ އިތުރުން ޓެކްނިކަލް ކޮމިޓީ އޮން މެނޭޖްމަންޓް ޕްރޮސީޖާސްގެ 10 ވަނަ ބައްދަލުވުންވެސް ކުރިއަށްދާނެއެވެ. މި ކޮމިޓީތަކުގައި މަސްވެރިކަމުގެ ކޯޓާތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމުގެ އުސޫލުތަކާ ގުޅޭގޮތުން މުހިންމު ނިންމުންތަކެއް ނިންމާނެއެވެ.
މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ ރާއްޖޭގެ ފަރާތުން އާދަމް ޒިޔާދެވެ. އަދި ނައިބު މުޤައްރިރުންގެ ގޮތުގައި ދެކުނު އެފްރިކާއާއި ވިލާތުގެ އިއްތިޙާދުގެ މަންދޫބުން ހަރަކާތްތެރިވެވަޑައިގަންނަވައެވެ.
ރާއްޖެއިން ވަނީ މީގެ ކުރިންވެސް އައިއޯޓީސީގެ ތެރެއިން ކަނޑުމަހުގެ ބާވަތްތައް ހިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ހުކުރު ދުވަހާ ހަމައަށް ކުރިއަށްދާ މި ބައްދަލުވުން ނިމޭއިރު، އިންޑިއާ ކަނޑުގެ މަސްވެރިކަން ކުރިއަށް އޮތް އަހަރުތަކުގައި ބައްޓަންކުރާނެ ގޮތުގެ މުހިންމު އޮނިގަނޑެއް އެކުލަވާލެވޭނެއެވެ.