ސީޔޫބީއެންގެ ދިފާއުގައި ނަޝީދު: އެއީ ސްކޭމެއް ނޫން!

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ސީޔޫބީއެންއަކީ ސްކޭމެއް ނޫން ކަމަށް ވިދާޅުވެއްޖެ -- ސަން ފޮޓޯ/ މޫސާ ނަދީމް

ކޮމަންވެލްތް ޔޫނިއަން ބްލޮކްޗެއިން ނެޓްވޯކް (ސީޔޫބީއެން) އަކީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ހިންގާ ސްކޭމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރެވެމުންދާ ތުހުމަތުތައް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޮގުކުރައްވައިފިއެވެ. އެކްސްގައި މީހަކު ކުރި ތުހުމަތުތަކުގައި ބުނެފައިވަނީ މިއީ ކޮމަންވެލްތާ އެއްވެސް ގުޅުމެއްނެތް، އަދި މަދު ބަޔަކު ކޮންޓްރޯލްކުރާ ޓޯކަންއެއް ކަމަށެވެ. ނަމަވެސް ނަޝީދު ވިދާޅުވީ މިއީ އާންމުންގެ އަތުން ފައިސާ ހޯދަން އުފައްދާފައިވާ މޮޑެލްއެއް ނޫންކަމަށާއި، މިއީ ގަވާއިދުތަކަށް ފެތޭ، އިތުބާރުހުރި ޑިޖިޓަލް ފައިނޭންސް އިންފްރާސްޓްރަކްޗަރެއް ބިނާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ދެފުށްފެންނަ މަޝްރޫއެއް ކަމަށެވެ.

  • ސީޔޫބީއެން އަކީ ސްކޭމެއްކަމަށް ބުނެ ކުރެވޭ ތުހުމަތުތައް ރައީސް ނަޝީދު ދޮގުކުރެއްވުން.
  • އެކްސްގައި މީހަކު ވަނީ މި ޓޯކަންގެ ބޮޑުބައެއް މަދު ވޮލެޓްތަކަކުން ކޮންޓްރޯލްކުރާކަމަށް ތުހުމަތުކޮށްފައި.
  • ނަޝީދު ވިދާޅުވީ މިއީ ކޮމަންވެލްތް މޮޑެލް ގާނޫނާ އެއްގޮތަށް ބިނާކުރާ ރައްކާތެރި ނިޒާމެއްކަމަށް.
  • މި މަޝްރޫއު ކުރިއަށްދަނީ ބައިނަލްއަގުވާމީ އެޑްވައިޒަރީ ބޯޑެއްގެ އިރުޝާދުގެ ދަށުންކަމަށް ވިދާޅުވުން.

ސޯޝަލް މީޑިއާގައި މި ދުވަސްވަރު އިޝްތިހާރު ކުރަމުންދާ ކޮމަންވެލްތް ޔޫނިއަން ބްލޮކްޗެއިން ނެޓްވޯކް (ސީޔޫބީއެން) އަކީ ސްކޭމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

'ޖުބްރާން ޝަރީފް'ގެ ނަމުގައި 'އެކްސް'ގައި ހިންގާ އެކައުންޓަކުން ވަނީ، ސީޔޫބީއެންގެ ނަމުގައި ސޯލާނާ ބްލޮކްޗެއިންގައި މިދިޔަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހު ތައާރަފުކޮށްފައިވާ ޓޯކެންއަކާ ގުޅޭ ތުހުމަތުތަކެއް އާންމުކޮށްފައެވެ. އެގޮތުން ކުރީގެ ރައީސް ނަޝީދާއި ދުނިޔޭގެ އެހެން ބައެއް ލީޑަރުންގެ ނަން ބޭނުންކޮށްގެން، ބޮޑު އޮޅުވާލުމެއްގެ ތެރެއިން ހިންގާ ސްކޭމެއް ކަމަށް ތުހުމަތުކުރިއެވެ.

https://sun.mv/221737

'ޖުބްރާން ޝަރީފް' އެކައުންޓުގައި ބުނެފައިވާ ގޮތުން، އެ ޕްލެޓްފޯމްގެ ނަން ކޮމަންވެލްތާ ގުޅުވައިފައިވީ ނަމަވެސް، އެއީ އެ ޖަމާއަތާ އެއްވެސް ގުޅުމެއް އޮތް ޕްލެޓްފޯމެއް ނޫނެވެ. ނަމަވެސް، އެ ޕްލެޓްފޯމް ޕްރޮމޯޓް ކުރަމުން ދަނީ އެކި ގައުމުތަކުގެ ލީޑަރުން އެޑްވައިޒަރީ ބޯޑުގައި ހިމެނޭ ކަމަށް ބުނަމުންނެވެ.

އެ އެކައުންޓުވަނީ، އޮންޗެއިން ތަހުލީލަކުން އެ ޓޯކަންގެ ނުރައްކާތެރިކަން ހާމަވެފައިވާ ކަމަށް ބުނެފައެވެ. އަދި، ޓޯކަންގެ ޖުމްލަ ސަޕްލައިގެ 73 އިންސައްތައަށްވުރެ ބޮޑު ބައެއް ކޮންޓްރޯލް ކުރަނީ އެންމެ 195 ވޮލެޓުންކަން އޭނާ ފާހަގަކޮށްފައިވެއެވެ.

އެންމެ ބޮޑަށް ޝައްކު އުފެދޭ ކަމަކީ މި ހުރިހާ ވޮލެޓްތަކެއްވެސް ޓޯކަން ލޯންޗްކުރި ވަގުތު އެންމެ ސިކުންތެއްގެ ތެރޭގައި އެއް ސްކްރިޕްޓަކުން އުފައްދާފައި ހުރުން ކަމަށް އެ އެކައުންޓުން ބުނެފައިވެއެވެ. އެއީ އެންމެ ފަރާތަކުން ހުރިހާ ފައިސާއެއް ކޮންޓްރޯލް ކުރާކަމުގެ ސާފު ހެއްކެއް ކަމަށް އޭނާ ބުނެފައިވެއެވެ.

އެ ތުހުމަތުތަކާއެކު އެއީ ސްކޭމެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އެކަމާ ގުޅިގެން މިރޭ ސޯޝަލް މީޑިއާގައި އާއްމުކުރި ބަޔާނެއްގައި ނަޝީދު ވަނީ ޑިޖިޓަލް ފައިނޭންސް ހަލުވިކަމާއެކު ކުރިއަރަމުން އަންނައިރު، ސީޔޫބީއެންއަކީ ގަވާއިދުތަކާ އެއްގޮތަށް އަދި ދާއިމީކޮށް ބޭނުންކުރެވޭނެ ނިޒާމުތަކަށް އަމާޒުކޮށްގެން ހިންގާ އަދި ހަމައެކަނި ވިޔަފާރީގެ ފައިދާއަށް ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ކޮމަންވެލްތްގެ 19 ގައުމަކުން މިހާރުވެސް ބަލައިގެންފައިވާ "ޑިޖިޓަލް އެސެޓްތަކާ ބެހޭ ކޮމަންވެލްތް މޮޑެލް ލޯ" އާ އެއްގޮތަށް ބިނާކޮށްފައިވާ މި މަޝްރޫއަކީ، ކޮމަންވެލްތްގެ 56 ގައުމަކާއި މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ ހަތް ގައުމަކާ ގުޅިފައިވާ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އަދި މީގެ ތަސައްވުރަކީ 2.7 ބިލިއަން މީހުންނަށް އިތުބާރު ހުރި ޑިޖިޓަލް އެސެޓް އޮނިގަނޑެއް ގާއިމުކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

"މިއީ ކަނޑައެޅިގެން ފައިދާ ލިބޭނެ ކަމުގެ ޔަގީންކަންދޭ ނުވަތަ އާންމުންގެ އަތުން ފައިސާ ހޯދުމަށް ބޭނުންކުރާ މޮޑެލްއެއް ނޫން. މީގެ ބަދަލުގައި، މައިގަނޑު އަމާޒަކީ ގަވާއިދުތަކަށް ފެތޭ ޑިޖިޓަލް ފައިނޭންސް އިންފްރާސްޓްރަކްޗަރެއް ބިނާކުރުން،" ނަޝީދުގެ ބަޔާނުގައި ވިދާޅުވިއެވެ.

ސީޔޫބީއެންގެ ތެރޭގައި ހިމެނޭ ކަންތައްތަކެއްގެ ގޮތުގައި ނަޝީދު ފާހަގަކުރެއްވީ:

  • ގައުމުތަކުގެ ދެމެދުގައި ފައިސާ ފޮނުވޭނެ ނިޒާމުތައް
  • ޑިޖިޓަލް އައިޑެންޓިޓީ އަދި ޓޯކަނައިޒޭޝަން އޮނިގަނޑުތައް
  • ސެންޓްރަލް ބޭންކް ޑިޖިޓަލް ކަރަންސީ (CBDC) އަށް ތައްޔާރުކޮށްފައިވާ އިންފްރާސްޓްރަކްޗާއެއް
  • އެކި ގައުމުތަކުގެ ގަވާއިދުތައް އެއްގޮތްކުރުން

ނަޝީދު ވިދާޅުވި ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދަނީ ކުރީގެ ބޮޑުވަޒީރުންނާއި، ރެގިއުލޭޓަރުންނާއި، ސެންޓްރަލް ބޭންކްތަކުގެ އިސްވެރިން އަދި ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ ބައިނަލްއަގުވާމީ އެޑްވައިޒަރީ ބޯޑެއްގެ އިރުޝާދުގެ ދަށުންނެވެ. އަދި މިއީ ފުރިހަމަ ދެފުށް ފެންނަ ގޮތަށް، ދިގު މުއްދަތަކަށް ހިންގުމަށް ފަރުމާކޮށްފައިވާ ހިންގުމުގެ ނިޒާމަކާއި ފަންޑިން މޮޑެލްއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިއީ އަވަސް ފައިދާއެއް ހޯދުމަށް ދައްކާ "ކްރިޕްޓޯ" ވާހަކަތަކެއް ނޫން ކަމަށާއި، މިއީ ކޮމަންވެލްތާއި އޭގެ ބޭރުން ވެސް ރެގިއުލޭޓް ކުރެވިފައިވާ ޑިޖިޓަލް ފައިނޭންސް ނިޒާމެއް ބިނާކުރުމަށް ސިޔާސަތުތަކުގެ މައްޗަށް ބިނާކޮށް ކުރާ މަސައްކަތެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް