އެކްސެލް އެންޓަޓެއިންމަންޓްއިން ގެނެސްދޭ "މިރްޒާޕޫރު" ފިލްމަށްފަހު އަލީ ފަޒަލް ބޮޑު އެކްޝަން ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ "މިރްޒާޕޫރު: ދަ ފިލްމް" އަށްފަހު، އަލީ ދެން ފެންނާނީ ބޮޑު ބަޖެޓެއްގެ އެކްޝަން ފިލްމަކުން ކަމަށް ބެލެވެއެވެ.
އިންޑިއާގެ އިތުރުން ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ އަލީ، މިހާރު އަންނަނީ އޭނާގެ ކެރިއަރުގައި ކުޅޭނެ އެންމެ ފުޅާ އަދި އުންމީދީ ފިލްމާ ބެހޭގޮތުން މަޝްވަރާ ކުރަމުންނެވެ.
ފިލްމީ ދާއިރާގެ މަސްދަރުތަކުން ބުނާ ގޮތުގައި، އިންޑިއާގެ އެންމެ މަޝްހޫރު އެކްޝަން ތަރިންގެ ތެރެއިން އެކަކާ އެކު ބޮޑު ފިލްމެއްގައި މަސައްކަތް ކުރުމުގެ މަޝްވަރާތައް އަލީ އަންނަނީ ކުރަމުންނެވެ.

އެމެޒޯން ޕްރައިމްގެ ކާމިޔާބު ވެބް ސީރީސް "މިރުޒާޕޫރު"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ރަސްމީކޮށް މިކަން އަދި ކަށަވަރު ނުވި ނަމަވެސް، މި ފިލްމަކީ އެކްޝަން ދާއިރާގައި އޭނާގެ މަގާމު އިތުރަށް ވަރުގަދަވެގެންދާނެ ފަދަ މަސައްކަތެއް ކަމަށް ބެލެވެއެވެ.
އެކްޝަން ރޯލުތަކުން އަލީގެ ހުނަރު ފާއިތުވި އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ. މަޝްހޫރު ސީރީޒް "މިރްޒާޕޫރު" ގައި އޭނާ ކުޅެފައިވާ 'ގުއްޑޫ ޕަންޑިތު'ގެ ކެރެކްޓާ އަކީ އަލީގެ ހަރުދަނާކަމާއި ހަކަތަ ދައްކުވައިދިން ވަރުގަދަ ރޯލެކެވެ.
އެ ކެރެކްޓާގެ ފުށުން ފެނިގެންދިޔަ ރުޅިވެރިކަމާއި އިހުސާސްތަކުގެ ސަބަބުން ބެލުންތެރިންގެ މެދުގައި އޭނާއަށް އޮތް މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އިންޑިއާގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގައި ވެސް އަލީ ވަނީ އެކްޝަން ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ. ޖެރާޑް ބަޓްލާއާއެކު "ކަންދަހާރު"ގައި އޭނާ އަދާކުރި ރޯލަކީ ބައިނަލްއަގުވާމީ އެކްޝަން ފޯމެޓްތަކަށް އޭނާ ހޭނިފައިވާ މިންވަރު ހާމަކޮށްދިން ކަމެކެވެ.
އަލީގެ ހަށިގަނޑުގެ ވަރުގަދަކަމާއި އެކްޝަން މަންޒަރުތަކަށް ދޭ ސަމާލުކަމުގެ ސަބަބުން، އެކްޝަން ފިލްމު އުފައްދާ ފަރާތްތަކުގެ މެދުގައި އެއީ މިހާރު އިތުބާރު އަދި ޑިމާންޑު އޮތް އެކްޓަރެކެވެ.
އަލީ ފަޒަލް އަކީ އަބަދުވެސް ތަފާތު ރޯލުތަކެއް ހޮވުމަށް އިސްކަންދޭ ފަންނާނެކެވެ. އޭނާގެ މިހާތަނުގެ ކެރިއަރުގައި މިނިވަން ސިނަމާތަކާއި، މައިގަނޑު ފިލްމުތަކުގެ އިތުރުން ބައިނަލްއަގުވާމީ މަޝްރޫއުތައް ވެސް ހިމެނެއެވެ. ބޮޑު އެކްޝަން ފިލްމަކަށް އޭނާ މިކުރާ ދަތުރަކީ އޭނާގެ ފިލްމީ ހަޔާތުގައި އަންނާނެ ކުރިއެރުމެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ރިލީޒްކުރި "މެޓްރޯ އިން ދިނޯ" އަދި ތަމަޅަ ފިލްމު "ތަގް ލައިފް"އިން ފެނުނު އެކްޓަރުގެ ދެން އެންމެ އަވަހަށް ރިލީޒްވާނެ ފިލްމަކީ އާމިރު ޚާން ޕްރޮޑިއުސްކުރާ ފިލްމު "ލާހޯރު 1947"އިންނެވެ.