މި އަހަރު ބާއްވާ އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަން (އައިއެފްއެފްއެމް)ގައި، އޮސްޓްރޭލިއާގެ ލާ ޓްރޯބް ޔުނިވަރސިޓީން އިންޑިއާގެ ފިލްމީ ތަރި ރާނީ މުކަރްޖީއަށް އޮނަރަރީ ޑޮކްޓަރޭޓް އަރުވަން ނިންމައިފިއެވެ.
މަގުބޫލު ބަތަލާއަށް މި ޝަރަފުވެރި ލަގަބު އެރުވުމަށް ހަމަޖެހިފައިވަނީ، މި އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު މެލްބަންގެ ފެޑަރޭޝަން ސްކޮޔަގައި މިކަމަށްޓަކައި ބޭއްވޭ ހާއްސަ ރަސްމިއްޔާތެއްގައެވެ.
ލާ ޓްރޯބް ޔުނިވަރސިޓީން ރާނީއަށް 'އޮނަރަރީ ޑޮކްޓަ އޮފް ލެޓާސް' އަރުވަނީ ބަތަލާ ފިލްމީ ދާއިރާއަށް ކޮށްދީފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ބަތަލާ މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާގެ މުޅި ހަޔާތުގެވެސް އެންމެ ބޮޑު އެދުރަކީ ސިނަމާ ކަމަށެވެ. އަދި ފިލްމީ ވާހަކަތަކުގެ ޒަރީއާއިން މީހުންގެ މެދުގައި ހަމްދަރުދީ އުފައްދައި، ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށް އަބަދުވެސް ގަބޫލުކުރާ ކަމަށް ރާނީ ވަނީ ފާހަގަކޮށްފައެވެ. އިންޑިއާގެ ފިލްމީ ސިނަމާ ބައިނަލްއަގުވާމީ ފެންވަރުގައި އިސްތިހާރުކުރާ މެލްބަން ފެސްޓިވަލެއްގައި މިފަދަ ޝަރަފެއް ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށްވެސް ރާނީ ވަނީ ބުނެފައެވެ.

ރާނީގެ ކެރިއަރުގެ ފުރަތަމަ ނެޝަނަލް އެވޯޑާ ހަވާލުވަނީ--ފޮޓޯ/ވިކިޕީޑިއާ
ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެއް ފިލްމު ކުންފުނި ކަމަށްވާ ޔަޝް ރާޖް ފިލްމްސްގެ އިސްވެރިޔާ އަދި ކުޅަދާނަ ފިލްމު ޑައިރެކްޓަރު/ޕްރޮޑިއުސަރު އަދިތިޔަ ޗޯޕްރާގެ އަންހެނުން ފިލްމީ ދާއިރާގައި މަސައްކަތްކުރާތާ 30 އަހަރުވެފައިވާއިރު ރާނީ ހިމެނެނީ ހިންދީ ސިނަމާގެ އެންމެ މަގުބޫލު އަދި ކާމިޔާބު ބަތަލާއިންގެތެރޭއެވެ.
ރާނީ އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ، ވައިއާރްއެފްގެ މަގުބޫލު ފްރެންޗައިސް "މަރުދާނީ"ގެ ތިން ވަނަ ފިލްމެވެ. ބަތަލާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރާ ފިލްމު "ކިންގް"އިންނެވެ.