ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާން އާއި ލޯބިވެރިޔާ ގޯރީ ސްޕްރެޓްގެ ކައިވެންޏާ ގުޅިގެން އަމާޒުވި ފާޑުކިއުންތަކަށް އެކްޓަރު ރައްދުދީފިއެވެ.
މިގޮތުން، މި ކައިވެންޏަކީ 'ލަވް ޖިހާދު'އެއް ކަމަށް ބުނެ ކުރެވުނު ތުހުމަތުތައް އާމިރު ވަނީ ދޮގުކޮށްފައެވެ. އަދި މި މަހުގެ ކުރީކޮޅު ކުރި މަދަނީ ކައިވެންޏާ ގުޅިގެން އޭނާއާ ދެކޮޅަށް ނެރުނު ފަތުވާއާ ބެހޭގޮތުން ވެސް އާމިރު ވަނީ ވާހަކަދައްކާފައެވެ.
މުމްބާއީގެ ޕާލީ ހިލްގައި ހުންނަ އާމިރުގެ ގޭގައި ބޭއްވި މި ކައިވެނީގެ ރަސްމިއްޔާތުގައި ގާތްގަނޑަކަށް 150 މީހުން ބައިވެރިވިއެވެ. އޭގެ ތެރޭގައި އާމިރުގެ ކުރީގެ ދެ ކައިވެންޏަށް ލިބިފައިވާ ކުދިންތައް ކަމަށްވާ ޖުނައިދު، އިރާ އަދި އާޒާދުގެ އިތުރުން ގޯރީގެ ދަރިފުޅު ވެސް ހިމެނެއެވެ.
މި ކައިވެންޏާ ގުޅިގެން މަހަރާޝްތުރާގެ ބީޖޭޕީ މިނިސްޓަރު ނިތޭޝް ރާނޭ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އާމިރުގެ ތިން ވަނަ ކައިވެންޏަކީ މިއީ "ލަވް ޖިހާދު"އެވެ. އަދި އާންމު މަޝްހޫރު ފަރާތްތަކުން ނިންމާ މިފަދަ އަމިއްލަ ނިންމުންތަކާ މެދު ހިންދޫ މުޖުތަމައުން ފުންކޮށް ވިސްނަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާމިރު ކުރީގެ ދެ އަނބިން ކަމަށްވާ ރީނާ، ކިރަން އަދި ދެ ކުދިން ކަމަށްވާ އިރާ ޚާން އާއި އާޒާދުއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މީގެ އިތުރުން، މުސްލިމް ޕާސަނަލް ދާރުލް އިފްތާގެ ޝާހީ ޗީފް މުފްތީ، މަައުލާނާ އިބްރާހީމް ޙުސައިން ވަނީ ދާދިފަހުން އާމިރުއާ ދެކޮޅަށް ފަތުވާއެއް ނެރެފައެވެ. އެ ފަތުވާގައި ބުނެފައިވަނީ އިސްލާމްދީނަށް ބަދަލުނުވާހާ ހިނދަކު، މުސްލިމް ފިރިހެނަކަށް މުސްލިމް ނޫން އަންހެނަކާ ކައިވެނި ނުކުރެވޭނެ ކަމަށާއި، އެހެންކަމުން މި ކައިވެންޏަކީ ހުއްދަ ކައިވެންޏެއް ނޫން ކަމަށެވެ.
ހަމައެއާއެކު އާމިރަކީ، ކައިވެނީގެ މުގައްދަސް ގުޅުމަށް ކަމޭނުހިތާ މީހެއްގެގޮތުގައި ސިފަކުރައްވަމުން މައުލާނާ ވިދާޅުވީ، އާމިރަކީ ކައިވެނީގެ ޒިންމާތައް ފުރިހަމައަށް އަދާކުރުމުގައި ފެއިލްވެފައިވާ މީހެއް ކަމަށެވެ.
މި ހުރިހާ ފާޑުކިއުންތަކަށް ރައްދުދެމުން އާމިރު ބުނީ، އޭނާގެ އާއިލާއަކީ އަބަދުވެސް ތަފާތު ދީންތަކުގެ މީހުންނާ ކައިވެނިކޮށްގެން އުޅޭ، ހުރިހާ އެންމެން ބަލައިގަންނަ އާއިލާއެއް ކަމަށެވެ.
އާމިރު އިތުރަށް ބުނި ގޮތުގައި އޭނާ މިހާތަނަށް ކޮށްފައިވާ ހުރިހާ ކައިވެންޏަކީ ވެސް މަދަނީ ޤާނޫނުގެ ދަށުން ކުރި ކައިވެނިތަކަކަށް ވާތީ، އޭނާގެ އެއްވެސް އަންބަކު އިސްލާމްދީނަށް ބަދަލުވެފައެއް ނުވެއެވެ.
އާމިރު ތިން ވަނަ ކައިވެންޏެއް ކުރިއިރު ކުރީގެ ދެ އަނބިންނާ ވެސް އޮންނަ ގުޅުން ވަރަށް ރަނގަޅެވެ. ކުރީގެ ދެ އަނބިން ކަމަށްވާ ރީނާ ދައްތާ އާއި ކިރަން ރާއޯއާ އެކު އޮތް ކައިވެނީގެ ގުޅުމަށް ނިމުން އައި ނަމަވެސް އެ ދެ މީހުންނަކީ އަދިވެސް އާމިރުގެ އާއިލާގެ މެމްބަރުން ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.