އެގާރަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ބުޑިސްޓް ފައްޅީގެ މަޝްހޫރު ހާމުދުރަކު ސްރީ ލަންކާއިން ހައްޔަރުކޮށްފިއެވެ.
އުމުރުން 71 އަހަރުގެ ޕަލެގަމާ ހެމަރަތަނާ ކިޔާ އެ މީހާ އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވެރިރަށް ކޮލަމްބޯގެ ހޮސްޕިޓަލަކުންނެވެ.
މި ހާމުދުރު ކުއްޖަކާ ބެހުނު ކަމަށް ތުހުމަތުކުރަނީ 2022 ވަނަ އަހަރު ކޮލަމްބޯއާ ގާތްގަނޑަކަށް 200 ކިލޯމީޓަރު (125 މޭލު) އުތުރުގައި އޮންނަ އަނޫރާދަޕޫރާގައި ހުންނަ، ބުދު ދީނުގެ މީހުންގެ މެދުގައި ހާއްސަ ފައްޅިއެއްގައެވެ. ހެމަރަތަނާއަކީ އެ ފައްޅީގެ އިސް ފާދިރީއެވެ.
ކަމާބެހޭ ފަރާތްތަކުން ބުނީ އެ މައްސަލައިގައި ހާމުދުރަށް އެހީތެރިވެފައިވާތީ ކުޑަ ކުއްޖާގެ މަންމަ ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ބޭރު ގައުމުތަކަށް ދަތުރުކުރުން މަނާކޮށްފައިވާ ހެމަރަތަނާ، އަނޫރާދަޕޫރާގެ ޗީފް މެޖިސްޓްރޭޓްގެ އަމުރަށް ހައްޔަރުކޮށްފައި ވަނީ، އޭނާ ހައްޔަރުކުރުން ލަސްވުމުގެ ޝަކުވާތައް ކުޑަކުދިންގެ ރައްކާތެރިކަމުގެ އިދާރާތަކުން ފާހަގަކުރުމުން ކަމަށް ސްރީލަންކާގެ ޑެއިލީ ނިއުސް އިން ބުނެއެވެ.
އެގޮތުން ހެމަރަތަނާ ހައްޔަރުކޮށް "ލަސްނުކޮށް" ކޯޓަށް ހާޒިރުކުރުމަށް ކޯޓުން ފުލުހުންނަށް އަންގާފައިވާ ކަމަށް ބުނެފައިވެއެވެ.
ލަންކާގައި ދީނީ އިލްމުވެރިން ކުޑަކުދިންނަށް އަނިޔާކުރާ އެތައް މައްސަލަތަކެއް ފެނިފައިވީ ނަމަވެސް މިއީ މި ފަދަ މައްސަލައެއްގައި ފައްޅިއެއްގެ އެންމެ އިސް ވެރިޔާ ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.
މިދިޔަ މަހު ކޮލަމްބޯގެ ބައިނަލްއަގްވާމީ އެއާޕޯޓުން ވަނީ ދަބަހުގައި ފޮރުވައިގެން ގެންދިޔަ 110 ކިލޯގެ މަސްތުވާތަކެތި ފެނިގެން 22 ހާމުދުރުންވެސް ހައްޔަރުކޮށްފައެވެ.