ބީއެމްއެލްއިން ބައިނަލްއަގުވާމީ މާލީ ބާޒާރުން ފަންޑު ހޯދުމާ ދައުލަތާ ގުޅުމެއް ނެތް: ޒަމީރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ބީއެމްއެލްއިން ބައިނަލްއަގުވާމީ މާލީ ބާޒާރުން ފަންޑު ހޯދުމާ ދައުލަތާ ގުޅުމެއް ނެތް ކަމަށް ވިދާޅުވި -- ފޮޓޯ/ ފިނޭންސް މިނިސްޓްރީ

ބޭންކް އޮފް މޯލްޑިވްސްއިން ބައިނަލްއަގުވާމީ މާލީ ބާޒާރުން ފަންޑު ހޯދުމަށް ކުރާ މަސައްކަތަކީ ދައުލަތަށް ދަރަންޏަށް ފައިސާ ހޯދުމާ ގުޅުންހުރި ކަމެއް ނޫންކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ. އެއީ ބޭންކުގެ ރައުސްމާލު އިތުރުކޮށް، ޚިދުމަތްތައް ފުޅާކުރުމަށް ހިންގާ ސްޓްރެޓެޖިކް ހަރަކާތެކެވެ. މީގެ އިތުރުން މިއީ ރާއްޖޭގެ އިގުތިސާދާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރުމަށް ބޭންކުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

  • ބީއެމްއެލްއިން ބޭރުން ފަންޑު ހޯދުމަކީ ދައުލަތުގެ ދަރަންޏާ ގުޅުންހުރި ކަމެއް ނޫންކަން.
  • ބޭންކުން ހޯދާ ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ފަތުރުވެރިކަމުގެ ދާއިރާއާއި ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށްކަން.
  • ސިންގަޕޫރު، ހޮންކޮންގް އަދި ލަންޑަނުގައި ބީއެމްއެލްގެ ރޯޑްޝޯތަކެއް ބާއްވައިފިކަން.
  • ބޭންކުގެ 43 އަހަރުގެ ތާރީޚުގައިވެސް އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ ފާއިތުވި އަހަރުކަން.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބައިނަލްއަގްވާމީ މާލީ ބާޒާރުތަކުން ފަންޑް ހޯދުމަށް ކުރާ މަސައްކަތްތަކާ ދައުލަތާ ގުޅުމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ބީއެމްއެލްގެ 'ނޮން-ޑީލް ރޯޑްޝޯ'އަށް އިޝާރާތް ކުރައްވައި ޒަމީރު ވިދާޅުވީ އެއީ އެ ބޭންކުގެ ކުރިއެރުން ދެމެހެއްޓުމަށާއި، ރާއްޖޭގެ އިގްތިސާދީ ތަރައްގީގެ ކުރިއަށް އޮތް މަރުހަލާއަށް ޓަކައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން އެއީ ވިޔަފާރިތަކަށާއި ސިނާއަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކުން އަދާކުރާ ދައުރު ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު ސްޓެރެޓެޖިކް މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ދައުލަތުން ދަރަންޏަށް ފައިސާ ހޯދުމަށް ހިންގާ ހަރަކާތެއް ނޫން. މިއީ ބޭންކަކީ ރާއްޖޭގެ އިގްތިސާދަށް ނުހަނު މުހިންމު އަދި ހަރުދަނާ މުއައްސަސާއެއްކަމަށް ވީ ހިނދު ސަރުކާރުގެ ފުރިހަމަ އިތުބާރާއެކު، ބޭންކް އޮފް މޯލްޑިވްސްގެ ރައުސްމާލު އިތުރުކުރުމަށް އެ ބޭންކުން ކުރާ މަސައްކަތެއް،" ޒަމީރު ވިދާޅުވިއެވެ.

ބީއެމްއެލްގެ "ނޮން-ޑީލް ރޯޑްޝޯ" ބާއްވައިފައިވަނީ މިދިޔަ މަހުގެ 29އިން އިއްޔެގެ ނިޔަލަށެވެ. އެ ބައްދަލުވުންތައް ބާއްވާފައިވަނީ ދުނިޔޭގެ މާލީ މަރުކަޒުތައް ކަމަށްވާ ސިންގަޕޫރު، ހޮންކޮންގް އަދި ލަންޑަނުގައެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި، އެ މަސައްކަތުން ހޯދުމަށް ކަނޑައަޅައިފައިވާ ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށާއި، ރާއްޖޭގެ އިގުތިޞާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ދެމުންދާ އެހީތެރިކަން އިތުރަށް ވަރުގަދަކުރުމަށެވެ.

މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ބޭންކުން ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު 594 މިލިއަން ޑޮލަރަށް އަރާއިރު، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް އެކަނިވެސް 35 މިލިއަން ޑޮލަރު ވަނީ އެ ދާއިރާއަށް ދޫކޮށްފައި ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އެ ބެންކުން އެ ސިލްސިލާ ބައްދަލުވުންތައް ބާއްވާފައި ވަނީ ބޭންކުގެ 43 އަހަރުވީ ތާރީޚުގައި ވެސް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި ކާމިޔާބު އަހަރަކަށް ފަހުގައެވެ.

ބީއެމްއެލްއިން ވަނީ، ބޭންކުން ދަނީ ފައިދާގެ ނިސްބަތާއި، ފައިސާގެ ތަނަވަސްކަން (ލިކުއިޑިޓީ) އަދި ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ، ރެގިއުލޭޓަރީ މިންގަނޑުތަކަށްވުރެ މަތީގައި ދަމަހައްޓަމުންކަން ފާހަގަކޮށްފައެވެ.

ބޭރުގެ އެއްވެސް ދަރަންޏެއް ނެތި، ބޭންކު އޮތީ ވަރުގަދަ މާލީ ހާލަތެއްގައި، ބައިނަލްއަގުވާމީ މާކެޓްތަކަށް ވަނުމުގެ ފަހި ފުރުސަތުތަކާއެކުގައި ކަމަށް ވެސް ބެންކުން ބުނެއެވެ.

comment ކޮމެންޓް