ރާއްޖެއާއި އެމެރިކާ ދިފާޢީ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ފޮރިން ސެކްރެޓަރީ ފާޠިމަތު އިނާޔާ، އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސީނިއާ ޑިފެންސް އޮފިޝަލް އަދި ޑިފެންސް އެޓާޗޭ ލެފްޓިނެންޓް ކާނަލް މެތިއު އޭ. ހައުސްއާ ބައްދަލުކުރައްވައިފިއެވެ.

އިއްޔެ ބޭއްވެވި މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދެ ބޭފުޅުންގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ދިފާޢީ އަދި ސަލާމަތީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ކަމަށެވެ.

މީގެ އިތުރުން ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މި ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ދިފާޢީ ގުޅުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އެގޮތުން 2020 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު ދިފާޢީ އެއްބަސްވުމުގެ ދަށުން، އެމެރިކާއިން އަންނަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މީގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ބޭނުންވާ އުޅަނދުފަހަރު ފޯރުކޮށްދިނުމާއި، ގުޅިގެން އަސްކަރީ ތަމްރީނުތައް ހިންގުން ހިމެނެއެވެ.

މި އަހަރުގެ ކުރީކޮޅުވެސް އެމްއެންޑީއެފް އާއި އެމެރިކާގެ އަސްކަރިއްޔާ ގުޅިގެން "އެކްސަސައިޒް ފްލޭޝް މެޓަލް" ގެ ނަމުގައި ޚާއްސަ ތަމްރީނުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިދިޔަ މާރިޗު މަހު އެމެރިކާގެ ސްޕެޝަލް އެންވޯއީ ސާޖިއޯ ގޯ ވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވައި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާ މަޝްވަރާކުރައްވާފައެވެ.

މި މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ބޮޑު އިގުތިސާދީ ސަރަޙައްދުގައި ހިނގާ ޣައިރު ގާނޫނީ މަސްވެރިކަމާއި އެހެނިހެން ކުށްތައް ހުއްޓުވުމެވެ.

ރާއްޖޭގެ ދިފާޢީ ބާރު ވަރުގަދަކުރުމަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

comment ކޮމެންޓް